ސޯޝަލް މިނިސްޓްރީން (ކުރީގެ ޖެންޑާ މިނިސްޓްރީ) އިން ވަކިވެގެންދާ މުވައްޒަފުންނަށް ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފިއެވެ.
17 އަހަރު ދުވަހު އެމިނިސްޓްރީގައި މަސައްކަތް ކުރި މުވައްޒަފެއް ހެލްތް މިނިސްޓްރީއަށް ބަދަލު ކުރުމާއި ގުޅިގެން ބުރާސްފަތި ދުވަހު ވަނީ ފެއަރވަލް ޕާޓީއެއް ބާއްވާފައެވެ. މި ފެއަރވަލްގައި އެ މުވައްޒަފު ވަނީ ސޯޝަލް މިނިސްޓަރު ޑރ.އައިޝަތު ޝިހާމަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ސޯޝަލް މީޑިއާގައި އެވީޑިއޯތައް ދައުރުވަމުންދާއިރު، އެމުވައްޒަފު ބުނެފައިވަނީ މިނިސްޓްރީން ކުރިމަތިވެފައިވަނީ ކެއްނުކުރެވޭ ވަރުގެ ނަފްސާނީ އަނިޔާ ކަމަށެވެ. އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނިކަމެތިންގެ ހައްގުތައް ހޯދައިދޭން އައި މިނިސްޓްރީން އަންހެނެއްގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އެއްވެސް މަގުބޫލު އުޒުރެއް ނެތި، ކުރަމުން އައި ހުރިހާ މަސައްކަތުން އެކަހެރިކޮށްފައިވާ ކަމަށާއި، އެޗްއޯޑީގެ މަގާމުން ދުރުކޮށް، ކޮމެޓީތަކުން ބޭރުކޮށް، އިސްވެރިންގެ ބައްދަލުވުންތަކަށް ވަނުން މަނާ ކުރި ކަމަށެވެ. އަދި އާދައިގެ ކޭސް ވޯކަރެއްގެ މަސްއޫލިއްޔަތު ހަވާލުކުރިކަން އޭނާ ފާހަގަކުރިއެވެ.
މި ވީޑީއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސޯޝަލް މިނިސްޓަރަށް އަމާޒުވެފައިވާއިރު، މިމައްސަލަތަކާއި ގުޅިގެން ރާއްޖެއެމްވީއަށް އެ މިނިސްޓްރީގެ ނައިބް ރައީސް މަރްޔަމް ލަހްފާ ވިދާޅުވީ ސޯޝަލް މިނިސްޓްރީން ވަކިވެގެންދާ މުވައްޒަފުންނަށް ފެއަރވަލް ޕާޓީތައް ނުބާއްވަން އަންގާފައިނުވާ ކަމަށެވެ. އަދި ދޮގު މައުލޫމާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސިވިލް މުވައްޒަފުންނަށް ދަތިކުރަމުންދާ ދިއުމާއި ގުޅޭގޮތުން އަދި މިހާރު ދައުރުވަމުންދާ ވީޑިއޯގައި މުވައްޒަފު ކޮށްފައިވާ ތުހުމަތުތަކާ ގުޅޭގޮތުން ލަހްފާ ވިދާޅުވީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ނަފްސާނީ ތަފާތު ބަލުތަކަށް ފަރުވާ ހޯދާ ގިނަ މީހުންތަކެއް ތިބި ތަނަކަށްވުމާއެކު، އެތަނުގެ ހިންގުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ބަލިމީހުންނަށް އެންމެ ފައިދާހުރި ގޮތަށް ނިންމާފައިވާ މިންމުމެއް ކަމަށެވެ. އެ ބަދަލާއެކު އެޗްޕީއެސްއެން ޑިޕާޓުމެންޓު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވެގެން ދިޔައީ މުވައްޒަފުންނާއި އެކު ކަމަށާއި، އެ މުވައްޒަފުންނަކީ ގުރައިދޫގައި ގާއިމްކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި، ކޭސް މެނޭޖްކުރުމުގެ މަސައްކަތް ވަރަށް ގާތުން ކުރަމުންދާ މުވައްޒަފުން ކަމަށް ލަހްފާ ވިދާޅުވިއެވެ.
އަދި މި ސަރުކާރު އައިފަހުން މިވީ ކުރު މުއްދަތެއްގެ ތެރޭގައި އެޗްޕީއެސްއެންގެ ހިންގުމާއި ތަނުން ދެވޭ ޚިދުމަތްތަކަށް އެކަށޭނަ ރަނގަޅު ބަދަލިތަކެއް ލިބި ބަލިމީހުންނަށް ފޯރުކޮށްދެމުން އައި ފަރުވާއަށް ވެސް ރަނގަޅު ބަދަލުތަކެއް ގެނެވިފައިވާއިރު، އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވީ އެޗްޕީއެސްއެން ޑިޕާޓުމެންޓުގެ މުވައްޒަފުންކަމަށް ވުމުން، ހެލްތު މިނިސްޓްރީގެ ދަށަށް މުޅި ޑިޕާޓުމެންޓު ބަދަލުވެގެން ދިޔަ ދިއުމުގައި މުވައްޒަފުން އެ މަސައްކަތުގައި ދެމި ތިބޭނެގޮތަށް މިނިސްޓްރީ ބަދަލުވެގެން ދިއުމަކީ ގުރައިދޫ މަރުކަޒުން ދެމުން އައި ޚިދުމަތްތައް ހަމަ އެގޮތުގައި ކުރިއަށް ގެންދެވޭނެކަން ކަށަވަރުވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހެލްތު މިނިސްޓްރީގެ ދަށުން ފަރުވާ ދިނުމުގެ ބައި ފުޅާކޮށް ޚިދުމަތުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެއް ކަމަށެވެ.
މި ނިންމުމާއެކު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާކަން ފާހަގަކުރައްވައި ލަހްފާ ވިދާޅުވީ އެފަދަ މަޖުބޫރުކަމެއް ވެސް އެއްވެސް މުވައްޒަފަކާ ދޭތެރޭ ގެންގުޅިފައެއް ނުވާ ކަމަށެވެ.
މީގެ އިތުރުން ލަހްފާ ވިދާޅުވީ މިނިސްޓްރީ ބަދަލުވުމާއެކު ހުޅުމާލޭގައި މަސައްކަތްކުރުމަށް މުވައްޒަފުން ބޭނުންވާތީއާއި، އެ ނޫންގޮތަކަށް މަސައްކަތްކުރަން ޖެހިއްޖެކަމަށް ވާނަމަ ދިމާވެދާނެ ދަތިތައް ހުރުމާއެކު ހެލްތު މިނިސްޓްރީއާއި ވާހަކަދައްކައިގެން ކުރެވުނު މަސައްކަތުން ހުޅުމާލޭގައި މުވައްޒަފުންނަށް ދައްޗެއްނެތި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
ލަހްފާ ވިދާޅުވީ މިއީ އެޗްޕީއެސްއެން ހެލްތު މިނިސްޓްރީގެ ދަށަށް އަދި އެތަނުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ (ކުރީގެ ޖެންޑާ މިނިސްޓްރީ) ގެ ދަށަށް ބަދަލުކުރެވުނު ފުރަތަމަ ފަހަރެއް ނޫން ކަމަށެވެ. މިވަގުތު ޑިޕާޓުމަންޓުގައި ވެސް މިގޮތަށް ބަދަލުކުރި ކުރުމުގެ ތެރޭގައި ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރުމަށްފަހު ސޯޝަލް މިނިސްޓްރީއަށް ބަދަލުވެ، ގިނަ ދުވަސްތަކެއް ވަންދެން މިނިސްޓްރީގައި މަސައްކަތް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަންކަން ސޯޝަލް މިނިސްޓްރީން ދޮގު ކުރި ނަމަވެސް އެމިނިސްޓްރީގެ މަސައްކަތް ކުރާ ގިނަ މުވައްޒަފުން ވަނީ ސޯޝަލް މިނިސްޓްރީގައި މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތް ކަމަށް ބުނެފައެވެ. އަދި މިހާރު ދައުރުވަމުންދާ ވީޑިއޯއާ ގުޅިގެން ވެސް ސިވިލް މުވައްޒަފުންނަށް ފިޔަވަޅު އަޅާނެކަމުގެ ބިރު އެބައޮތް ކަމަށް އެ މުވައްޒަފުން ބުނެއެވެ.