ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 19:40
ރައީސް މުއިއްޒު އަދި މަޖިލީހުގެ ބައެއް މެމްބަރުން
ރައީސް މުއިއްޒު އަދި މަޖިލީހުގެ ބައެއް މެމްބަރުން
ރާއްޖެއެމްވީ
ސަރުކާރުގެ ކޮރަޕްޝަން
ކިހާދުވަހަކު މަޖިލީހުގެ ނިވަލުގައި ޖަވާބުދާރީ ނުވެވި އުޅެވިދާނެތޯއެވެ؟
މަޖިލީސް މެމްބަރުން އަބަދު ސަރުކާރު ޖަވާބުދާރީ ނުކޮށް ދޫކޮށްލައިގެން ނުތިބޭނެކަން ސަރުކާރުން ޤަބޫލުކުރަންޖެހެއެވެ.

ބަލާލި ކޮންމެ ދިމާލަކުން ކޮރަޕްޝަންގެ ވާހަކައެވެ. ޚިޔާނާތުގެ ވާހަކައެވެ. ތަންތަނުގެ ވެރިންނާއި ވެރިންނާއި ގާތް މީހުންނަށް ކުރެވޭ ތުހުމަތުތައް ފުނިޖެހިފައެވެ. މި ވާހަކަތައް މިއަދު ދައްކަނީ ހަމައެކަނި އިދިކޮޅު ފަރާތްތަކުން އެކަންޏެއް ނޫނެވެ. ނޫނީ އާއްމު ރައްޔިތުން އެކަންޏެއް ވެސް ނޫނެވެ. މިއަދު ޙުދު ސަރުކާރު ހިންގާ މައި ޕާޓީގެ މެމްބަރުން ވެސް ދައްކަވަނީ މި ކޮރަޕްޝަނާއި، މި ޚިޔާނާތުގެ ވާހަކައެވެ. މިއަދު އެ ދައްކަނީ މި ނެ އެއްގާނީ ކަމުގެ ވާހަކައެވެ. އެހެނަސް މިއަދު ގޮތަކަށް ބުނާނަމަ ސަރުކާރުން އެއޮތީ މަޖިލީހުގެ ނިވާފަތްގަނޑުގައި ފިލައެވެ. މަޖިލީހުގެ އެންމެ މުހިންމު ޒިންމާއަކީ ޖަވާބުދާރީވުން ކަމަށްވާއިރު މަޖިލީހުގެ ޒިންމާ އަކީ ސަނާކިޔުމާއި ހުޝާމަދުކުރުން ކަމަށް މިއަދު ހަދައިފިއެވެ.

އެކަމަކު ކަން ހިނގާ ގޮތަށް ބަލާ އިރު މަޖިލީހުގެ ސަޅި ވާހަކަތަކުގެ ނިވަލުގައި ސަރުކާރަށް އުޅެވިދާނެހެން ހިއެއް ނުވެއެވެ. ދާދި އިހަކަށް ދުވަހު ޕީއެންސީ ގްރޫޕްގައި ހިނގި ހަމަނުޖެހުން އެކަނި އެކަމުގެ ހެއްކަކަށް ފުދެއެވެ. އެ ގްރޫޕްގައި މެމްބަރުންގެ މެދުގައި ހޫނުވި ބަހުގެ ހަމަލާތަކުން މަންޒަރު ވަރަށް ސާފެވެ. އެ މެމްބަރުންވެސް އެހެރަ ދައްކަވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަންތަކުގެ ވާހަކައެވެ. ބަހުސަކަށް ވީ ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ހިނގާ ކަންކަމާއި މެދު ބަސް ނުބުނެ ތިބޭތީ ނުރުހުންވާ ނުރުހުންވުމުގެ ވާހަކައެވެ. މި ބަހުސްގެ ތެރެއިން ފެނުނީ ބަޔަކު މީހުން ސަރުކާރުން އެޅިހާ ބަތަކަށް ރިހަ އަޅަން ތިއްބެއް ކަމަކު އެ ގޮތް ވަރިހަމަ ނޫން އެތައް ބަޔަކު ވެސް އެބަ ތިބިކަމެވެ. އަދި ސާފުކޮށް ފެނުނު ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަފާތެރި މެންބަރުންނާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ވަފާތެރި މެންބަރުންގެ މެދުގައި ޕީއެންސީގެ ޕީޖީ ގްރޫޕް ވަނީ ބައިބައިވެފައި ކަމެވެ.

ދެ ފަރާތުގައި ތިބި މެމްބަރުން ވެސް އެއްބަސްވާ ކަމަކީ ސަރުކާރު ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގަމުން ދާކަމެވެ. ނުސީދާކޮށް ހާމަކުރަމުން ދިޔައީ ސަރުކާރުގެ ކޮރަޕްޝަނާއި މެދު މާޔޫސްވެފައިވާ މިންވަރެވެ. ގޯހަކީ ގޯސްކަން ޤަބޫލުކުރުމަށް ބައެއް މެމްބަރުން ގޮވާލެއްވިއެވެ. އަނެއް ބަޔަކު ބޭނުންވީ ވޯޓު ދިން މީހުން އެދޭ ފަދައިން އަބަދު ހުޝާމަދުކޮށްކޮށް ނުތިބުމަށެވެ. މިއީ ކުރިންވެސް ވެރިކަންތަކަށް ދިމާވި މައްސަލަ ކަމަށް ބުނި މެމްބަރުން ވެސް އެބަ ތިއްބެވެ. ހަމައެހެންމެ ސަރުކާރުގައި ހިނގާ ކޮރަޕްޝަންގެ ސަބަބުން އާހިރުގައި ހުރިހާ ގެއްލުމެއް ލިބޭނީ ރައީސަށް ކަމަށް އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވިއެވެ. ތިމަންނާމެން މި ތިބީ ސަރުކާރު ދިފާއުކުރަން ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ. އެކަން ވެސް ކުރެވޭނީ ހިތަށް ކުޅަދާނަ މިންވަރަކުންތާއެވެ.

ސަރުކާރު ތެރޭގައި ހިންގާ ކޮރަޕްޝަންގެ ވާހަކަތަކާ ދެކޮޅަށް ޕީއެންސީގެ މަޖިލިސް މެންބަރުން ވާހަކަދައްކަން ފެއްޓެވުމުން މެމްބަރުންކޮޅު މަތަކޮށް ޑެމޭޖް ކޮންޓްރޯލްކުރަން ވެސް ބަޔަކު މަސައްކަތް ކުރިއެވެ. ފެނަކަ އާއި އެ ނޫނަސް ބައެއް ކުންފުނިތަކުގެ ކޮރަޕްޝަން ފެނި މެމްބަރުން ތިބީ ލަދުން ކަމަށް ޚުދު އެ މެމްބަރުން ވެސް އެ ދަނީ ވިދާޅުވަމުންނެވެ. ހުޝާމަދުގެ ދުލުން ވީއްލެން މެމްބަރުން އެތިބީ ބޭނުންވެފައެވެ. ރައްޔިތުންގެ ހައްގުގައި ހޮވާ މެމްބަރުން އަބަދު ތައުރީފާއި ސަނާ އޮއްސާނެ ކަމަށް ސަރުކާރުން އުންމީދުވެސް ކޮށްގެން ނުވާނެއެވެ. އެހެންވީމަ މަޖިލީހުގެ ނިވަލުގަ އަބަދު ޖަވާބުދާރީވާން ފިލައިގެން އުޅެވިދާނެ ކަމަށް ސަރުކާރަށް ވެސް އަދި ރައީސަށް ވެސް ހީވާނަމަ އެއީ ކުށްހީއެކެވެ. މަޖިލީސް މެމްބަރުން އަބަދު ސަރުކާރު ޖަވާބުދާރީ ނުކޮށް ދޫކޮށްލައިގެން ނުތިބޭނެކަން ސަރުކާރުން ޤަބޫލުކުރަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް