ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 16:06
އޮކްޓޯބަރު 2، 2024 ގައި ބެއިރޫތުގެ އިމާރާތަކަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން އެ ސަރަހައްދުން ދުންއަރަނީ
އޮކްޓޯބަރު 2، 2024 ގައި ބެއިރޫތުގެ އިމާރާތަކަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން އެ ސަރަހައްދުން ދުންއަރަނީ
އޭޕީ
ލުބުނާން-އިޒްރޭލް ހަނގުރާމަ
އެއްގަމުން ލުބުނާނަށް އެރި އިޒްރޭލު ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ވީތަނުން، އަނެއްކާވެސް ބެއިރޫތައް ބޮންއަޅައިފި
އެއްގަމު މަގުން ލުބުނާނަށް އެރި އިޒްރޭލު ސިފައިންނަށް ބޮޑެތި ގެއްލުންތަކެއްވެ، އެމީހުން ސްޓްރެޓަޖީ ބަދަލު ކޮށްފައިވާކަމަށް ރިޕޯޓައް ބުނޭ

ދެކުނު ލުބުނާނުގައި ހިޒްބުﷲ ގެ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އިޒްރޭލު ސިފައިންނަށް ގެއްލުންތައް ވަމުންދާއިރު، ބެއިރޫތުގެ މެދުތެރެއަށް އިޒްރޭލުން ބޮންއަޅާ ލުބުނާނުގެ 9 މީހުން މަރާލައިފިއެވެ.

ބުރާސްފަތިވިލޭރޭ އިޒްރޭލުން ލުބުނާނުގެ ވެރިރަށަށް ބޮން އެޅީ ޕާލިމެންޓް އިމާރާތާ މާދުރުނޫން ހިސާބެއްގައި ބަޝޫރާ ޑިސްޓްރިކްޓްގައި ހުރި އިމާރާތަކަށެވެ.

ލުބުނާނުގެ ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި އިތުރު 14 މީހުންނަށް ޒަހަމްވެ، އޭގެ ތެރެއިން 4 މީހުން އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށެވެ.

މިއީ މި ހަފްތާގައި ލުބުނާނުގެ ވެރިރަށަށް ދިން ދެވަނަ ހަމަލާއެވެ. ހިޒްބުﷲއާ ގުޅުންހުރި އަލް-މަނާރު ޓީވީ ސްޓޭޝަނުން ބުނާ ގޮތުގައި ހަމަލާ ދެވުނު އުސް އިމާރާތަކީ އެ ހަތިޔާރުއެޅި ގްރޫޕުގެ ސިއްހީ ޔުނިޓާ ގުޅުންހުރި ތަނެކެވެ.

ހިޒްބުﷲ އާ ގުޅުންހުރި އިސްލާމިކް ހެލްތު އޮތޯރިޓީން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބެއިރޫތަށް ދިން ހަމަލާގައި 2 މެޑިކަލް އޮފިސަރުން ހިމެނޭ ގޮތަށް، އެ ތަނުގެ 7 މުވައްޒަފުން މަރުވެފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން، ބެއިރޫތުގެ ދެކުނުގައި އޮންނަ ދަހިޔާ ސަރަހައްދަށްވެސް މިސައިލް ހަމަލާތަކެއް ވަނީ ދީފައެވެ.

މިއީ މީހުން ވަރަށް ގިނައިން ދިރިއުޅޭ ސަރަހައްދަކަށް ވުމުގެ އިތުރުން ހިޒްބުﷲ ގެ މައި މަރުކަޒު ހުރި ތަނެކެވެ.

އަދި މިއީ ވޭތުވެދިޔަ ހަފްތާގައި އެ ގްރޫޕުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލި ހަމަލާ ދިން ސަރަހައްދެވެ.

ހިޒްބުﷲ އާއި އިރާނުގެ އެހެން ސަރަހައްދީ ބައިވެރިންކަމުގައިވާ ޔަމަނުގެ ހޫތީންނާއި އިރާގުގެ ހަތިޔާރުއެޅި ގްރޫޕުތަކުން ގެންދަނީ ޣާއްޒާގައި ހަމާސްއާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ހަމާސްއަށް ހިތްވަރުދީ އެހީތެރިވުމުގެ ގޮތުން އިޒްރޭލާ ދެކޮޅަށް ހަމަލާތައް ދެމުންނެވެ.

ރަތް ކަނޑާއި އެ ކަނޑާ ކައިރި ސަރަހައްދުތަކުގައި ދަތުރުކުރާ އިޒްރޭލާ ގުޅުންހުރި އުޅަނދުފަހަރަށް ފަލަސްތީނު ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ހޫތީން، އެތައް ހަމަލާއެއް ދީފައިވާއިރު ބުރާސްފަތި ދުވަހު ބުނެފައިވަނީ އިޒްރޭލުގެ ވިޔަފާރީގެ ވެރިރަށް ކަމުގައިވާ ތެލް އަވީވް އަށް ޑްރޯންތަކުން ހަމަލާދީފައިވާ ކަމަށެވެ.

"އެ އޮޕަރޭޝަން ކާމިޔާބުވި. ޑްރޯންތައް ދުޝްމަނުންނަށް ނުފެނި އަދި ވައްޓާނުލެވި އަމާޒަށް ވާސިލުވި،" އެ ގްރޫޕުގެ ސިފައިންގެ ތަރުޖަމާނު ޔަހްޔާ ސާރީ ބުނެފައިވެއެވެ.

އިޒްރޭލުން ބުނީ އިޒްރޭލުގެ މެދުތެރޭގެ ވައިގެ ސަރަހައްދަށް ވަތް އޮބްޖެކްޓަކަށް ޝައްކުކުރެވިގެން ހުރަސްއަޅާފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު، އިޒްރޭލުގެ ސިފައިން ބުނެފައިވަނީ ދެކުނު ލުބުނާނުގެ ބިންތް ޖުބައިލް ރަށުގެ މުނިސިޕަލިޓީ އިމާރާތަކަށް ވައިގެ ހަމަލާއެއް ދީ، އެތާ މަސައްކަތްކުރަމުންދިޔަ 15 ހިޒްބުﷲ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ.

މި ބަޔާން ނެރުނުއިރު، އިޒްރޭލުން ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭގެ ކުރީ ދުވަހު، އެ ގައުމުގެ ސިފައިން ދެކުނު ލުބުނާނަށް އަރާ އެއްގަމު މަގުން ކުރި ހަނގުރާމައިގައި އިޒްރޭލުގެ 8 ސިފައިން މަރުވެފައިވާ ކަމަށެވެ.

އަންގާރަ ދުވަހު ފެށުނު އެއްގަމުގެ ހަމަލާގައި އިޒްރޭލުގެ އެތައް ސިފައިންނެއް ޒަޚަމްވެފައިވާކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

ހިޒްބުﷲ އިން ބުނެފައިވަނީ އެ ގްރޫޕުގެ ހަނގުރާމަވެރިން އިޒްރޭލުގެ ސިފައިން ބޯޑަރުގެ އެތައް ތަނަކުން ފަހަތަށް ޖެހުމަށް މަޖުބޫރުކޮށްފައި ކަމަށެވެ.

ހިޒްބުﷲ ގެ މީޑިއާ ޗީފް މުހައްމަދު އަފީފް ބުނެފައިވަނީ މި ހިނގާ ހަމަލާތަކަކީ އަދި ހަމައެކަނި "ފުރަތަމަ ބުރު" ކަމަށާއި، އިޒްރޭލު ފަހަތަށް ޖެއްސުމަށް އެ ގްރޫޕުގައި އެކަށީގެންވާ ވަރަށް ހަނގުރާމަވެރިންނާއި ހަތިޔާރާއި ވަޒަން އެބަހުރި ކަމަށެވެ.

ދެކުނު ލުބުނާނުގެ ހަސްބައިޔާގައި ހުރެ އަލް ޖަޒީރާއަށް ރިޕޯޓުކުރަމުން، އިމްރާން ޚާން ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު އިސްރޭލުން ވަނީ އެ ގައުމަށް ލިބުނު ގެއްލުންތަކަށްފަހު އެ ގައުމުގެ ސްޓްރެޓެޖީ ބަދަލުކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް