ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 18:19
މާލެއިން ސިނަމާލެ ބްރިޖަށް އަރާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
މާލެއިން ސިނަމާލެ ބްރިޖަށް އަރާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ޕޮލިސް
ލޯކަލް ފްރޮންޓްލައިން ޕޮލިސިންގެ މަސައްކަތް
ލޯކަލް ފްރޮންޓްލައިން ޕޮލިސިންގެ ނަތީޖާ ރަނގަޅު، މާލެސިޓީގައި ހިނގާ އެކްސިޑެންޓްތައް މަދު ކުރެވިފައިވޭ: ފުލުހުން
ސެޕްޓެމްބަރު މަހު ހިނގާފައިވަނީ 143 އެކްސިޑެންޓް
މަސްތުވާތަކެތި 134 މައްސަލައެއް އޮގަސްޓު މަހު ރިޕޯޓުކޮށްފަވާއިރު މިދިޔަ މަހު ރިޕޯޓުކޮށްފައިވަނީ 111 މައްސަލަ

މާލެސިޓީގައި ހިނގާ އެކްސިޑެންޓްތައް މަދު ކުރެވިފައިވާ ކަމަށާއި، ލޯކަލް ފްރޮންޓްލައިން ޕޮލިސިންގައި އަލަށް ފެށި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ އޯގަސްޓް މަހާއި ސެޕްޓެމްބަރު މަހު ރިޕޯޓްކޮށްފައިވާ ކުށްތަކުގެ ތަފާސްހިސާބުތަކާއި ގުޅޭގޮތުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ލޯކަލް ފްރޮންޓްލައިން ޕޮލިސިންގައި އަލަށް ފެށި މަސައްކަތްތަކުގެ ރަނގަޅު ނަތީޖާތައް ފެންނަމުންދާ ކަމަށެވެ.

ޝިފާން ވިދާޅުވީ އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ވައްކަމާއި ފޭރުމާއި ޖުމްލަ ކުށްމަދުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށާއި ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ހިންގަމުން އަންނަ ލޯކަލް ފްރޮންޓްލައިން ޕޮލިސިންގައި އަލަށް ފެށި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވައްކަމުގެ 327 މައްސަލަ އޮގަސްޓް މަހު ރިޕޯޓްކޮށްފައިވެއެވެ. މިދިޔަ މަހު އެ އަދަދު ހުރީ 230ގައެވެ. ފޭރުނު ކަމުގެ 46 މައްސަލަ އޮގަސްޓް މަހު ރިޕޯޓްކޮށްފަވާއިރު މިދިޔަ މަހު އެ އަދަދު ހުރީ 32ގައެވެ. އަދި އޮގަސްޓު މަހު 204 އެކްސިޑެންޓުގެ މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. މިދިޔަ މަހު ފުލުހަށް ހުށަހަޅާފައިވަނީ 143 އެކްސިޑެންޓުގެ މައްސަލަ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން މަސްތުވާތަކެތި 134 މައްސަލައެއް އޮގަސްޓު މަހު ރިޕޯޓުކޮށްފަވާއިރު މިދިޔަ މަހު އެ އަދަދު ހުރީ 111ގައެވެ.

މަލޭސިޓީގެ މަގުތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ފަށާފައިވަނީ ކުށްތައް އިތުރުވެ، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މީހުން މަރުވުމުގެ ހިތާމަވެރި ހާދިސާތައް ކައިރި ކައިރީގައި ހިނގާފައިވާ ދަނޑިވަޅެއްގައެވެ.

އަލަށް ގާއިމުކުރި، ގޭންގް ކްރައިމް އެންފޯސްމަންޓާއި، ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނައީ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެވުނު މިބަދަލާއެކު ފުލުހުންގެ ގަވަރނަންސް ނިޒާމު ޒަމާނާއެއްގޮތަށް ބައްޓަންކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި އޮތް ގޭންގު ކުށްތަކުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޚާއްސަ ޑިޕާޓްމަންޓަކާއި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާ ފުލުހުންގެ ޚިދުމަތުގައި ފުޅާކުރުމަށް ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓެއް ގާއިމުކުރުމަށް ހަމަޖެހިފަވާއިރު ހުޅުމާލޭގައި ދެވޭ ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކޮށް ތަނާއި އެކަށީގެންވާ ޚިދުމަތެއް ދިނުމަށް، ހުޅުމާލޭ ޕޮލިސްގެ ނަމުގައި އިދާރާއެއް ވަނީ ގާއިމުކޮށްފައެވެ. ހަމައެއާއެކު މީގެކުރިން 12 ކޮމާންޑުގެ މައްޗަށް އޮތް ފުލުހުންގެ ސްޓްރަކްޗަރއަށް ބަދަލުގެނެސް އަތޮޅުތެރޭގެ ފުލުހުންގެ ޚިދުމަތުގެ ކޮމާންޑްތައް ހިމެނޭހެން 17 ކޮމަންޑް/ ޑައިރެކްޓްރޭޓް ލެވަލްއަށް ބަދަލުކުރުން ހިމެނެއެވެ. މި ކޮމާންޑްތަކުގެ ވެރިން އައްޔަންކޮށްފައިވަނީ އިލްމާއި ތަމްރީންނަށް ބެލުމަށްފަހުކަމަށް ފުލުހުން ބުނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން، ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ އަވަސް ޚިދުމަތެއް ފޯރުކޮށްދޭ މުވައްސަސާއަކަށް ހެދުމަކީ މިއެކްޝަން ޕްލޭންގެ މުހިންމު މަގުސަދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް