ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 09:17
އާސެނަލަށް ކުޅެމުން އަންނަ ބުކަޔޯ ސަކާ
އާސެނަލަށް ކުޅެމުން އަންނަ ބުކަޔޯ ސަކާ
ރޮއިޓާސް
އާސެނަލް
ސަކާ އަށް ޤަބޫލު ކުރެވޭ ގޮތުގައި މިއީ އާސެނަލްގެ އަހަރެއް
މި ސީޒަންގެ ލީގު ތާވަލްގައި މިވަގުތު އާސެނަލް އޮތީ ތިން ވަނައިގަ އެވެ. މިދިޔަ ދެ ސީޒަނަށް ބަލާއިރު، އެ ޓީމުން ލީގު ނިންމާލީ ދެ ވަނައިގަ އެވެ.

މިއަހަރަކީ އާސެނަލްގެ އަހަރެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ބުކަޔޯ ސަކާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އާސެނަލް އިން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ މައްޗަށް ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެގޮތުން މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި އާސެނަލަށް ކާމިޔާބު ކުރެވިދާނެ ކަމަށް ޤަބޫލު ކުރަންތޯ ނޫސްވެރިޔަކު ވަނީ ސަކާއާ ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެމުން ސަކާ ބުނެފައި ވަނީ، އާސެނަލް އަށް އެއްވެސް ކަހަލަ ޕްރެޝަރެއް ކުރިމަތިވާން އޭނާ ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް، މިއަހަރަކީ އާސެނަލްގެ އަހަރެއްގެ ގޮތުގައި ޤަބޫލު ކުރެވޭ ކަމަށް ވެސް ސަކާ ބުންޏެވެ. އެކަން ފާހަގަކޮށް ސަކާ ބުނީ، ފާއިތުވި ދެ ސީޒަނަށް ބަލާއިރު، ލީގު ހޯދުމާ ގާތަށް އާސެނަލުން ޖެހިލި ކަމަށެވެ. އަދި ވެސް އާސެނަލް އިން ލީގަށް ވާދަކުރަމުން އަންނަ ކަމަށާއި، ލީގު ކާމިޔާބު ކުރުމާ ގާތަށް ދެވޭ ކަމަށް ވެސް ސަކާ ވަނީ ބުނެފަ އެވެ. އެހެންކަމުން މި ސީޒަނަކީ އާސެނަލަށް އެކަން ކާމިޔާބު ކުރެވޭނެ ސީޒަން ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މި ސީޒަންގެ ލީގު ތާވަލްގައި މިވަގުތު އާސެނަލް އޮތީ ތިން ވަނައިގަ އެވެ. މިދިޔަ ދެ ސީޒަނަށް ބަލާއިރު، އެ ޓީމުން ލީގު ނިންމާލީ ދެ ވަނައިގަ އެވެ. އެގޮތުން 23-2022 ވަނަ ސީޒަންގެ ދެ ވަނައިގައި އާސެނަލް ނިންމާލިއިރު، ބަލިވެފައި ވަނީ ހަ މެޗުންނެވެ. އަދި 24-2023 ވަނަ ސީޒަންގެ ދެ ވަނައިގައި ނިންމާލިއިރު، ބަލިވީ ފަސް މެޗުންނެވެ. އާސެނަލްގެ ކޯޗުކަމާ މިކޭލް އާޓެޓާ ހަވާލުވީ ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

އެގޮތުން އާޓެޓާ ހަވާލުވީ ފަހުން އާސެނަލް ވަނީ ގިނަ އަހަރުތަކަކަށްފަހު ޔުއެފާ ޗެމްޕިއަންސް ލީގުން ވެސް ޖާގަ ހޯދައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް