ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 01:28
ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް
ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް
ރާއްޖެއެމްވީ
ޝަކުވާ ހުށަހެޅުން
ދައުވާތަކާއި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
1 އޮކްޓޫބަރު 2024 އިން ފެށިގެން 20 ދުވަހުގެ މުއްދަތަށް ވަނީ ހުޅުވާލާފައި

ކޯޓަށް ހުށަހަޅާފައިވާ ދަޢުވާތައް މުރާޖަޢާކުރުމަށް ނުވަތަ އެކި އެކި ސަބަބުތަކާހުރެ ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެކިއެކި ސަބަބުތަކާހުރެ ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ޙާލަތްތަކާއި، ޝަރުޠުތައް މުޠާލިޢާކުރުމާއި މުރާޖަޢާކުރަމުން ގެންދިއުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ބ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އަދި ޖިނާއީ ކުށަކާ ގުޅިގެން ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމާ ނިންމުންތައް މުރާޖަޢާކޮށް، އެނިންމުން ބަދަލުކުރުމަކީ އެ މާއްދާގެ (އ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޤާނޫނުއަސާސީގެ މި މާއްދާތަކުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާ މަތިކޮށްފައިވާ މަސްޢޫލިއްޔަތުތަކާއި، ޒިންމާތައް އަދާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެހީތެރިވުމުގެ ގޮތުން އެ އޮފީހުގައި އެކަމަށް ޚާއްޞަ މުރާޖަޢާ ކޮމިޓީއެއް ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލައްވާލާފައިވާ ކަމަށެވެ. އަދި މިހާރު ކޯޓަށް ހުށަހަޅާފައިވާ ދަޢުވާތައް މުރާޖަޢާކުރުމަށް ނުވަތަ އެކި އެކި ސަބަބުތަކާހުރެ ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަދި އެ ކަންކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 1 އޮކްޓޫބަރު 2024 އިން ފެށިގެން 20 ދުވަހުގެ މުއްދަތަށް ހުޅުވާލާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަދި މުރާޖަޢާ ކޮމިޓީގެ މައިގަނޑު މަސައްކަތަކީ މިހާރު ކޯޓަށް ހުށަހެޅިފައިވާ ދަޢުވާތަކާއި، ޖިނާއީ ކުށްތަކާ ގުޅިގެން ހައްޔަރުކޮށް ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާމެދު ޤާނޫނުއަސާސީއާއި، ޤާނޫނާއި، ކަމާ ގުޅުންހުރި ގަވާއިދުތަކުގެ އިމުގެ ތެރެއިން ގޮތެއް ނިންމައި، އެކަންކަމުގައި ޢަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެރުވުމެވެ. އަދި އެ ނިންމުންތައް ބަދަލުކުރަންޖެހޭނަމަ އެކަން ކުރުމެވެ. މި ކޮމިޓީގެ މަސައްކަތްތައް ހިނގާނީ ސީދާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. 

މުރާޖަޢާ ކުރުމަށް އެދި ހުށަހަޅާ ފޯމު ޕީޖީ އޮފީހުންނާއި، އަތޮޅު ތެރޭގައި ޤާއިމުކޮށްފައިވާ އެ އޮފީހުގެ ގޮފިތަކުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އޮފީހާއި، އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ އެ ޚިދުމަތުގެ ސްޓޭޝަންތަކުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، އެ ސަރވިސްގެ ދަށުން ހިންގަމުން އަންނަ ޖަލުތަކުން ލިބެން ހުންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

1 އޮކްޓޫބަރު 2024 އިން ފެށިގެން 20 (ވިހި) ދުވަސް ތެރޭގައި މުރާޖަޢާކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާމެދު އެކަށީގެންވާ އަވަސްމިނެއްގައި ގޮތެއް ނިންމާނެކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ އޮފީހުން ނިންމާ ގޮތެއް ހުށަހަޅާ ފަރާތްތަކަށް އަންގާނެކަމަށް ވެސް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް