ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 21:25
ޔޫއެސް ޑޮލަރު
ޔޫއެސް ޑޮލަރު
ރޮއިޓާސް
ބޭރު ފައިސާއާބެހޭ ގަވައިދު
ރިސޯޓުތަކަށް އަންނަ ޓޫރިސްޓަކަށް 500 ޑޮލަރު، ހޮޓާތަކަށް އަންނަ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މާރުކުރަން ލާޒިމު ކޮށްފި
ކޮންމެ މީލާދީ މަހެއް ނިމި އޭގެ ފަހުން ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭރު ފައިސާ ބޭންކަށް މާރުކުރަން ޖެހޭ ގޮތައް ގަވައިދުގައިވަނީ ކަނޑައަޅާފައި

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ހޮޓާތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގަވައިދެއް އެކުލަވާލައިފިއެވެ.

މިކަން ކަނޑައަޅާފައިވަނީ އެމްއެމްއޭ އިން އަލަށް އެކުލަވާލި ބޭރު ފައިސާއާ ބެހޭ ގަވާއިދުންނެވެ. އެމްއެމްއޭ އިން ބުނެފައިވަނީ 1 އޮކްޓޫބަރު 2024 އިން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފަށާނެކަމަށެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މި ގަވާއިދުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ އަދި ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމަށް މަގުފަހި ވެގެންދާނެއެވެ. މީގެ އިތުރުން، އެކްސްޗޭންޖް ރޭޓް ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި އެމްއެމްއޭ އިން ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކަމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުރުމަށް ވެސް މަގުފަހިވެގެން ދާނެ ކަމަށް ބުނެފައިވެއެވެ. ވަކިން ޚާއްސަކޮށް މި ގަވާއިދުގެ ސަބަބުން، ރައްޔިތުންނަށް ފައިދާތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ކުރަންވާނީ ރުފިޔާއިން ކަމަށް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އެހެން ނަމަވެސް ގަވައިދުން އިސްތިސްނާވާ ހާލަތްތަކެއް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުން ނަމަ މުސާރަ އާއި އިނާޔަތް ބޭރުފައިސާ އިން ދިނުމާއި ބައިނަލް އަގްވާމީ މުއާމަލާތްތަކާއި ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ޚިދުމަތުގެ އަގު އަދި އެކްސްޕޯޓް ކުރެވޭ މުދަލާއި ޚިދުމަތުގެ އަގު ހިމެނެއެވެ.

މި ގަވާއިދުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން ކެޓަގަރީ އޭ ގެ ގޮތުގައި ހިމެނޭ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތަށް މި ގަވާއިދުގައި ވަނީ ހިމަނާފައެވެ.

އަދި ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ޓޫރިސްޓް ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށް ގަވައިދުގައިވެއެވެ.

ކެޓަގަރީ އޭ އަދި ބީގައި ހިމެނޭ ފަރާތްތަކުން ވެސް ކޮންމެ މީލާދީ މަހެއް ނިމި އޭގެ ފަހުން ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭރު ފައިސާ ބޭންކަށް މާރުކުރަން ޖެހޭ ގޮތައް ގަވައިދުގައިވަނީ ކަނޑައަޅާފައެވެ.

އެހެން ނަމަވެސް ވަކި ހާލަތްތަކެއްގައި މިއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އޮތޯރިޓީގައި އެދެވިދާނެ ކަމަށް ބުނެފައިވާއިރު، އެއީ ބޭރުފައިސާ އިން ޓެކްސް ދެއްކުމަށާއި، މާލީ އިދާރާއަކަށް ބޭރުފައިސާއިން ދަރަނި ދެއްކުމަށާއި، ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރުފައިސާގެ އިލްތިޒާމްތަކާއި އޮތޯރިޓީން ހުއްދަދޭ އެހެން ވެސް ބޭރު ފައިސާގެ އިލްތިޒާމްތައް އޮތުން ކަމަށް ބުނެފައިވެއެވެ.

އެއްވެސް ފަރާތަކުން ބޭރު ފައިސާ ގެންގުޅުމާއި ބެހެއްޓުމަކީ މި ގަވާއިދުގެ ދަށުން މަނާ ކަމެއް ނޫން ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
2 އޮކްޓޯބަރ 2024 | ބުދަ 09:29
މިއަދު
މިގަވާއިދު ހެއްދެވި ބޭފުޅަކު ހަންނެތުނީ ރާއްޖޭގައި ހުރި ލަގްޒަރީ ރިސޯރޓްތަކުން ރެއަކަށް 10،000 ޑަރަލުރައްވުން ބޮޑުކޮށް އެދެ ވިއްކާކަން. މިރިސޯރޓްތަކަށް އަންނަ ފަތުރުވެރިން މަދުވެގެން 20-30،000 ޑޮލަރު ހަރަދުކުރާނެ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން. މިތަންތަނުން މިހަކަށް 500 ޑަލަރު ރާއްޖޭގެ ބެންކަކަށް މާރުކުރަން ބުނުމަކީ މިގަވާއިދުވެސް މިއޮތީ މިދާއިރާގައި މަސައްކަތްކުރާ ކުދި\ކުންފުނިތައް ތަޅުއެޅުމުގެ ނިޔަތް. މިގަވާއިދު އެކުލަވާލުމުގެ ނިޔަތް ރަގަޅު ނޫންކަން މިއޮތީ ފެންނަން.