ޕީޖީ އޮފީހުގައި އޮތީ ރަނގަޅު ސިސްޓަމެއް ގާއިމްކުރެވިފައި ކަމަށާއި، ޕްރޮސެކިއުޓަރުންނާއި މުވައްޒަފުންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީޖީ ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ މަގާމާ ހަވާލުވުމަށްފަހު ވޭތުވެދިޔަ 3 ހަފްތާ ތެރޭގައި ފާހަގަވި ކަމަކީ ޕީޖީ އޮފީހުގައި ރަނގަޅު ސިސްޓަމެއް ގާއިމްވެފައިވާ ކަމަށެވެ. ހާއްސަކޮށް ޕްރޮސިކިއުޝަންގެ މައްސަލަތަކުގައި ކަންތައްތައް ވަރަށް ތަރުތީބުން ހިނގާނެ ގޮތަށް ސިސްޓަމެއް ހަދާފައިވާ ކަމަށެވެ. މީގެ އިތުރުން އޮފީހުގައި މަސައްކަތް ކުރައްވާ ޕްރޮސެކިއުޓަރުންނާއި އިދާރީ މުވައްޒަފުން ހިމެނޭ ގޮތަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
ޕީޖީ ވިދާޅުވީ 3 ހަފްތާގެ މަސައްކަތުގެ ތެރެއިން އެނގިގެން ދިޔައީ އޮފީހުގައި އޮތް ސިސްޓަމްވެސް އަދި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ގާބިލު އަދި އިތުބާރުކުރެވޭ މުވައްޒަފުންތަކެއް ކަމަށެވެ.
އެހެންވީމާ އަޅުގަނޑު މަސައްކަތް މި ފަށަނީ 100 އިންސައްތަ އިތުބާރާއެކު ވަރަށް ރަނގަޅު ސިސްޓަމެއް އޮތް އޮފީހެއްގެ ތެރޭގައި. އެހެންނަމަވެސް ކޮންމެ އޮފީހެއްގައިވެސް ރަނގަޅުކުރަންޖެހޭ ކަންކަން އޮންނަ އޮތަށް ރަނގަޅު ކުރަންޖެހޭ ކަންކަން އޮންނާނެ. މިތާގައި އޮތް ސިސްޓަމަކީ ކުރީގައި ތިއްބެވި ބޭފުޅުންނަށް އެންމެ ކަމުދާގޮތް. އަޅުގަނޑަކީ ތަފާތު މީހެއް. އަޅުގަނޑު އައިސް ބޭނުންވާ ބައެއް ކަންކަން ބަދަލުކުރާނެ. އެގޮތުން އޮފީހުގެ އެތެރޭގެ ސިސްޓަމަށްވެސް ބަދަލުތަކެއް އަންނާނެ. ބަދަލުތައް ރަނގަޅަށް ދިރާސާކުރުމަށްފަހު ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެ ބަދަލެއް ގެންނާނީ.ޕީޖީ އައްބާސް ޝަރީފް
ޕީޖީ ވިދާޅުވީ ގެންނަން ބޭނުންވާ ބަދަލު ގެންނަންދެން، މިހާރުވެސް އޮފީސް ހިންގަމުން އައި ގޮތަށް މަސައްކަތްތައް ހިނގަމުންދާނެ ކަމަށެވެ.
ޕީޖީ ވިދާޅުވީ މިދިޔަ 3 ހަފްތާ ތެރޭގައި އެކި ގޮތްގޮތުން ގިނަ ޝަކުވާތަކެއް ހުށަހަޅުއްވަމުން ގެންދަވާ ކަމަށެވެ. އޭގެ ތެރޭގައި ސިޓީންނާއި، އީމެއިލް އަދި އެސްއެމްއެސްއިން އައިސްފައި ހުރި ޝަކުވާތައް އެބަހުރި ކަމަށެވެ. އެހެންކަމުން އެ ހުރިހާ ޝަކުވާއަކާއި، އަދި ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް އަންގާރަ ދުވަހުން ފެށިގެން 20 ދުވަހުގެ މުއްދަތަށް ހުޅުވާލުމަށް ކަމަށެވެ.
މިހާރު އަޅުގަނޑުމެންގެ ސިސްޓަމުގެ ތެރެއިން ޝަކުވާ ހުށަހެޅޭނެ ގޮތް ހުންނާނީ ހަމަޖެހިފައި. ވެބްސައިޓުން އަދި ކޮންމެ ގޮތްޕަކަށް ވަޑައިގެންނެވިޔަސް އެ ޝަކުވާއެއް ރަސްމީކޮށް ހުށަހެޅޭނެ. އަދި ޝަކުވާ ހުށަހެޅުމާއެކު، ޓީމަކާއެކީގައި މައްސަލަތައް ވަކިވަކިން ދިރާސާކޮށް ބަލާފައި އެ މައްސަލަތަކާއި ބެހޭގޮތުން ގޮތެއް ނިންމާނީ. ކޮންމެ މައްސަލައެއްވެސް ހުށަހަޅާއިރު، އެ މައްސަލައެއް ރިވިއުކުރަންވީ ކީއްވެގެންކަން ސާފުކޮށް ކިޔައިދެއްވަން ވާނެ. އެހެންވީމާ އެހެން މަސައްކަތްތަކާއެކު މައްސަލަ ބަލާއިރު ސާފުކޮށް ޝަކުވާ ހުށަހެޅުން.ޕީޖީ އައްބާސް ޝަރީފް
ޕީޖީ ވިދާޅުވީ މީގެ ކުރިން އެ އޮފީހުން ނިންމާފައި އޮތް ނިންމުމެއް ބަދަލުކުރަންޖެހިއްޖެ ހާލަތެއްގައި އެ ބަދަލުކުރެއްވީ ކީއްވެގެންކަން އަންމުކޮށް އަންގަވާނެ ކަމަށެވެ. އަދި ނިންމުމެއް ބަދަލުކުރަންޖެހުނު ސަބަބު ތަފްސީލުކޮށް ކިޔައިދެއްވާނެ ކަމަށާއި، އަދި ނިންމުމެއް ބަދަލުކުރަން ނުޖެހޭނަމަ އެކަންވެސް އެ މައްސަލަ ހުށަހެޅީ ފަރާތަކަށް އަންގަވާނެ ކަމަށެވެ.