ކ. މާލެ
|
29 ސެޕްޓެންބަރ 2024 | އާދީއްތަ 15:09
މަސްވެރިންގެ އާއިލާތަކުން މުޒާހަރާކުރުން
މަސްވެރިންގެ އާއިލާތަކުން މުޒާހަރާކުރުން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ވެރިކަމަށް އަހަރެއްނުވެ ރައްޔިތުން ރަތަށް، ހުރިހާ ދިމާލަކުން މުޒާހަރާ
ވެރިކަމަށް އަދި މިއުޅެނީ އަހަރެއް ނުވެއެވެ. ރައްޔިތުން ތިބީ ހާސް ކަމުގައެވެ.

މިސަރުކާރު ވެރިކަމަށް ގެނައީ ވަރަށްބޮޑު އުއްމީދަކާއެކުގައެވެ. ރައްޔިތުން ބޭނުންވި ބަދަލުތައް ގެނައުމަށެވެ. ކެންޕޭނުގައި ވިދާޅުވީވެސް އެހެންނެވެ. ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ. ފައިސާ ލިބޭނޭ މަގުތައް ހުރީ ހަމަޖެހިފައެވެ. ޕްލޭންތައް ވަނީ ހެދިފައެވެ. ގައުމު ކޮންމެ ހާލެއްގައި އޮތަސް ނަގާ ކޮޅަށް ޖަހާނެ ވާހަކައެވެ.

އެކަމަކު އެވާހަކަތައްވީ ކަނޑުގައި ވެރިކަމަށް އަންނަން ދެއްކި މޮޅު ވާހަކަތަކަކަށެވެ. ތާއީދު ހޯދަން "ބިން ބޮޑެތި ފެންނެތް ކާށި" ތަކަކަށެވެ. ވީހާ ވައުދުތައްވެ ނިމުނީ "ރުކަށްއެރި މީހާގެ ނަދުރަށެވެ".

ވެރިކަމަށް އަދި މިއުޅެނީ އަހަރެއް ނުވެއެވެ. ރައްޔިތުން ތިބީ ހާސް ކަމުގައެވެ. ތަކެތީގެ އަގު ދަނީ ދުވަހެއް ދުވަހަކަށް އުފުލެމުންނެވެ. ޑޮލަރުގެ އަގު "ރައީސް މީހާގެ އަނގައިން ތިރި" ކުރިނަމަވެސް މީން ދުވަހަކު ބޮޑު ނުވާވަރަށް މަތީގައެވެ. ދުވަހުގެ މުހުތާދުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެ، ކުންފުނިތަކާއި ކަންމަތީ ފިހާރަތައް އިންދަޖެހެނީއެވެ. ބައެއް ތަންތަން ހުއްޓާވެސްލީއެވެ. އޯޓީތައް ލިމިޓްކޮށް ކުންފުނިތަކުން ބަރަާބަރަށް ދެމުން އައި ބޯނަސްތައް މުއްދަތެއްނެތި ފަސްވީއެވެ. ކުރީގެ ސަރުކާރުންފެށި މުސާރަ އެއްހަމަ ކުރުމުގެ ސިޔާސަތު ހުއްޓާލައި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަތައް ހަމަހަމަ ކުރާނޭ ދުވަހެއްވެސް އެނގޭނޭ މީހަކު ނެތެވެ. ކަރަންޓާއި ފެންބިލު ހުރީ ދިމާ މައްޗަށެވެ. އާއްމު މީހާއަށް ޝަކުވާ ކުރެވުން ނޫން ގޮތެއް ނެތެވެ.

ރަށްރަށުގައި ފަށާފައިހުރި މަޝްރޫއުތައް ހުރީ އާ ސަރުކާރާއެކު ހުއްޓުނު ގޮތަށެވެ. ބައެއް އެއްޗެހި ދަބަރަށްވެ ބޭނުން ނުކުރެވޭވަރުވެފައިވާއިރު ބައެއް ރަށްރަށަށް ގެންދިޔަ ތަކެތި މަސައްކަތް ނުނިންމާ އެރަށްރަށުން ގެންދަންވެސް ފެށީއެވެ. ދުވަސްތަކަކަށްފަހު ރަށްރަށުގެ ކަރަންޓް ކެނޑުމުގެ މައްސަލައާ ކުރިމަތިވާން ފެށީއެވެ. މަޖިލިސް މެޖޯރިޓީ ހޯދަންވި ބޮޑެތި ވައުދުތައްވެސް ހުރީ ދައްކާލި ވާހަކަ ތަކެއްގެ ގޮތުގައެވެ. ހައްދަވައިގެން އިތުރު އާ ޕްރޮޖެކްޓެއް ނުފަށަވެ. ފެށިކަމަށްބުނި އަރަބިއްޔާގެ އާއިމާރާތް ފަދައިން ބައެއް ކަންކަމުގެ އެއްބަސްވުންތައްވެސް ބާތިލްކޮށް އުވާލީއެވެ.

މުޒާހަރާ ކުރާތީ އޮބިނޯވެގެން ފްލެޓް ޖަމްއިއްޔާތަކާވެސް ބައްދަލުކުރިއެވެ. އެމީހުންގެ ލޮލުގައި ރީތި އަނދުނެއް އަޅުވައި މައިތިރިކުރަންވެސް އިތުރު ތާރީޚްތަކެއްދިނެވެ. އެވެސްވީ ދެއްކި ބޮޑު ދަޅައަކަށެވެ. އެވެރިންވެސް އަރާ ރަތުގައެވެ.

މަސްވެރިންނަކީ މިސަރުކާރު ގެންނަން އެންމެބޮޑު ބާރެއްއެޅި މީހުންނެވެ. އެވެރިންގެ ހާލަތު އެއޮތީ އަދި މާ ގޯސްކޮށެވެ. ވިހި ރުފިޔާއަށް ގަންނަން ބުނި މަހުގެ އަދު 15 އަށް ތިރިކުރީއެވެ. ބާނާމަސްކޮޅު ކިރުވޭކަށްނެތެވެ. ކިރުވި މަހަށް ފައިސާނުލިބި މަސްވެރިން ދަރަނިވެރިވީއެވެ. ލޭންދޭނުގައި ޖައްސާފައި ކިރުވި މަހުގެ އަގަށްވާ ފައިސާ ލައްކައިން ލައްކައިން ގުނަންފެށުނީއެވެ. އެވެރިންވެސް އަރާ ރަތުގައެވެ. އަނެއްކާވެސް މޮޅު ވާހަކަތަކެއް ދައްކަން ރަށްރަށަށް ފޮނުވަން ފެށީ ޓީމުތަކެވެ. މަސްވެރިންނަށް ނުދީހުރި ފައިސާ ހުރީ ހުރިގޮތަށެވެ. އެވެރިންގެ ކެތްތެރިކަން ކޮޅުންލީން އެހެންވެގެންނެވެ. ރަތަށް އެރީ އެސަބަބަށްޓަކައެވެ. ސަރުކާރުގެ ޓީމުތައް ރަށަށް އެރަން ނުކުރޭވަރު ކުރަންފެށީ އެ ރުޅީގައެވެ.

ކޮންމެއަކަސް ބަލާލި ކޮންމެ ދިމާލަކުންވެސް މާޔޫސްކަމެވެ. ވެރިކަމަށް އަހަރެއްނުވެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި މަގުމައްޗަށް ނުކުމަށް ތައްޔާރުވަނީއެވެ. ހުރިހާ ދިމާލެއްގައިވެސް މުޒާހަރާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް