ބަލި މީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްވުމަކީ ސިއްހީ ނިޒާމަށް އިތުބާރާއި ޔަޤީންކަން ލިބިގެންދާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވި "ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސް 2024" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އައްޑޫ ސިޓީގައި ބޭއްވި އެ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ ބަލި މީހާގެ ރައްކާތެރިކަމަކީ ވަކި ކަމެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި އެއީ ކުރާ މަސައްކަތާއި ލާމެހިފައިވާ ކަމަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ސިއްހީ ކަންކަމުގައި ބަލި މީހާ އަށް ދޭ ރައްކާތެރިކަމަކީ ދިވެހިންގެ އިތުރުން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ލިބިދޭންޖެހޭ ހައްގެއް ކަމަށް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ބަލިމީހާގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަކީ ޞިއްޙީ ނިޒާމުގައި ހިމެނޭ ހުރިހާފަރާތްތަކެއްގެ ޝާމިލުވުން ބޭނުންވާކަމެއްކަމުގައި ސާޖިދާ ފާހަގަކުރެއްވިއެވެ. ބަލިމީހާއަށް ފަރުވާ ދެވޭގޮތުންނާއި ދެވޭފަރުވާގެ ބާވަތުން ހަށިގަނޑަށް ބޮޑެތި ގެއްލުންވުމާއި ފުރާނައަށް ގެއްލުންވުމަކީ ބައެއް ފަހަރު ރާއްޖޭގައި ވެސް ތަޖުރިބާ ކުރެވޭކަމެއްކަމަށް ވާއިރު، ޚިދުމަތް ދިނުމުގައި ފަރުވާތެރިވެ މިފަދަ ކަންކަން މަދުކުރުމަށް ނުވަތަ ނައްތާލުމަށް އެ ކަމަނާ ވަނީ ޢިލްތިމާސްކުރައްވާފައެވެ.
ބަލި މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ދުވަހުގެ ތާރީޙާއި އެ ދުވަހުގެ މުހިންމުކަމަށް ސާޖިދާގެ ވާހަކައިގައި ވަނީ އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން މި އަހަރު ބަލި މީހާގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވާ "ބަލި މީހާގެ ރައްކާތެރިކަމަށް ބަލި ދެނެގަތުމުގެ ފެންވަރު މަތިކުރުން" މި ޝިއާރަށް ވެސް ސާޖިދާ ވަނީ ބައްލަވާލައްވާފައެވެ. އެގޮތުން އެކަމަށްޓަކާ ހޮނިހިރު ދުވަހު އެކުލަވާލި ކޮމިޓީ އަކީ ބަލި ދެނެގަތުމުގެ މަރުހަލާ ފުރިހަމަކުރުމަށް އެޅުނު މުހިންމު ފިޔަަވަޅެއްގެ ގޮތުގައި ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ. ހޮނިހިރު ދުވަހު ބޭއްވި ކޮންފަރެންސަކީ ފުރިހަމަ ކޮންފަރެންސެއް ކަމަށާއި އެ ކޮންފަރެންސްގެ އަލީގައި މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށް ސާޖިދާ ވަނީ ވިދާޅުވެފައެވެ. އަދި ބަލި މީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުވައްޒަފުން ތަމްރީންކުރުމާއި މުވައްޒަފުން ތަމްރީންކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ކަމަނާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ބަލި މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަމަށް ސާޖިދާ ވަނީ އަލިއަޅުވާލައްވާފައެވެ.
ނުރަނގަޅު ފަރުވާގެ ސަބަބުން، ފަރުވާކުޑަވުމުގެ ސަބަބުން ދިމާވާ ކަންކަން ކުޑަކުރެވޭނެ މަގު އެބަ ހުރި. ޑޮކްޓަރަށް ނުދެއްކި ހޭދަވާ މުއްދަތާއި، ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ލަސްވުން، ސާފުތާހިރުނުވުން، ބަލި ދެނެގަތުމުގަ ދިމާވާ ގޮންޖެހުންތަކަކީ ދިމާވާ ކަންކަން. ލޭ އެޅުމުގައި ދިމާވާ ކަންކަމާއި، ރައްކާތެރި ލޭކަން ކަށަވަރުކުރުން މިފަދަ ކަންކަމަކީ ދިވެހިންނާ ގުޅިފައިވާ ކަންކަން. ބައެއް ހާލަތްތަކުގައި މިހާރުވެސް މިފަދަ އެތައް ކަމެއް ދިމާވޭ. މިސާލަކަށް ރާއްޖެ އޮތީ މާކަނޑެއްގަ. ކުއްލިއަކަށް ދިމާވާ ކަންކަމުގައި ވައިގެ މަގުންނާ ކަނޑު މަގުން މީހުން އުފުލާ އިރު އެކަން ކުރަން ޖެހޭ ހާލަތު ވިސްނާލަމާތޯ؟ ކަނޑު ގަދަ ދުވަސްވަރެއް ނަމަ އިތުރު ގެއްލުމެއް މެދުވެރިވެދާނެ. އެކަން ތާރީހުން އެނގެން އެބަ އޮތް.ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ސާޖިދާ ވަނީ ކޮންމެ ވަގުތެއްގައިވެސް ބަލިމީހާގެ ރައްކާތެރިކަމަށް އިސްކަންދީގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ. ޤައުމީ ފެންވަރުގައި ހުރިހާ ލެވެލެއްގައި މަޝްވަރާކޮށް ނިންމުންތަކެއް ނިންމައި ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މަސައްކަތްކުރުމަށް ވެސް ސާޖިދާ ވަނީ ގޮވާލައްވާފައެވެ. އަދި އެކަމުގައިމާއި ބަލިމީހުންގެ ސަލާމަތަށްޓަކައި އާ އުޞޫލުތަކާއި އާ ވަޞީލަތްތައް ތަޢާރަފުކުރުމުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައެވެ.
މިއީ ރާއްޖޭގައި ބަލި މީހުންގެ ރައްކާތެރިކަމުގެ ދުވަސް މާލެ އިން ބޭރުގައި ފާހަގަކުރި ފުރަތަމަ ފަހަރެވެ. މި ކޮންފަރެންސްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ޕޭޝަންޓް ސޭފްޓީ ސްޓްރެޓެޖިކް ޕްލޭން" އިފްތިތާޙް ކޮށްދެއްވާފައެވެ. މީގެ އިތުރުން މި ކޮންފަރެންސްގައި "އިމްޕްރޫވިންގ ޑައިގްނޯސިސް ފޯރ ޕޭޝަންޓް ސޭފްޓީ"ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއްވެސް ބާއްވާފައިވެއެވެ. އެ ރަސްމިއްޔާތުގައި ފަރސްޓް ލޭޑީ ސާޖިދާ ވަނީ ޕޭޝަންޓް ސޭފްޓީ ކޮމިޓީ އިފްތިތާޙްކޮށްދެއްވައި އެކޮމެޓީގެ މެންބަރުންނަށް ޕިން ހަވާލުކޮށްދެއްވާފައެވެ.
. ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހެވެ.