ކ. މާލެ
|
28 ސެޕްޓެންބަރ 2024 | ހޮނިހިރު 00:13
ރަސްފަންނުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ރަސްފަންނުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
ފްލެޓް އާއި ގޯތި މުޒާހަރާ
ގޯތި އެއްވުމަށް ނުދިއުމަށް އަންގާ މުޒާހަރާއަށް ހުރަސް އެޅުމަށް މަސައްކަތްކޮށްފައިވޭ: މުޒާހަރާގެ ބައިވެރިން
ދިރިއުޅެމުންދަނީ ވަރަށް ދަތިހާލުގައި، ދަރިންގެ މުސްތަގުބަލު ވަނީ ބަނަވެފައި
މުޒާހަރާއަށް ނުދިއުމަށް އަންގާ، ވަޓްސްއަޕް އަދި ވައިބާ ގްރޫޕްގައި މެސެޖް ނުކުރެވޭ ގޮތް ހަދާފައިވޭ
ފަހި ޔޫނިއަންއިން އަމަލު ކުރަމުންދާ ގޮތް ކުށްވެރިކޮށްފައިވޭ

ގޯތި އެއްވުމަށް ނުދިނުމަށް އަންގާ ހުރަސް އެޅުމަށް މަސައްކަތް ކޮށްފައިވާ މުޒާހަރާގެ ބައިވެރިން ބުނެފިއެވެ.

ފްލެޓާއި ގޯތި ދޫނުކުރާ މައްސަލާގައި ރަސްފަންނު ސަރަހައްދަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ އެއްވެ އަޑު އުފުލާފައެވެ. ހުކުރު ދުވަހުގެ 9:00 ގައި ފެށި މި މުޒާހަރާގައި ބައިވެރިވި މީހުން ބުނެފައިވަނީ މުޒާހަރާ ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކޮށްފައިވާ ކަަމަށެވެ.

ފަހި ޔޫނިއަންގެ އިސް އޮފިޝަލުންނާއި، ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް އުޅުނު ފަރާތްތަކާއި، 2 ސެޕްޓެންބަރު 2024 ގައި ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަށް އިޝަރާތްކޮށް މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ޔޫނިއަން އަދި ޖަމިއްޔާތަކުން މުޒާހަރާތައް ކުރިއަށް ނުގެންދިއުމަށް ނިންމީ މުޒާހަރާގެ ބައިވެރިންނާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އެ ޔޫނިއަންއިން އަމަލު ކުރަމުންދާ ގޮތް ކުށްވެރިކޮށް މުޒާހަރާގެ ބައިވެރިން ބުނީ އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލު ނުލިބޭ ކަމަށާއި، މަގުސަދު ހާސިލް ނުވާ ކަމަށެވެ.

ފްލެޓާއި ގޯތި ދޫނުކުރަނީ މުޒާހަރާ ކުރިއަށް ގެންދާނެކަމަށް މީގެ ކުރިން ޔޫނިއަނުން ބުނި ނަމަވެސް ރައީސް މުއިއްޒާއި ބައްދަލުވި ހިސާބުން ހިޔާލު ތަފާތުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމާއި ސުވާލު އުފެދޭ ކަމަށް އެމީހުން ބުނެއެވެ.

Advertisement

މީގެ އިތުރުން އެ ޔޫނިއަންއިން ހުކުރު ދުވަހުގެ ރޭ މުޒާހަރާއަށް ނުދިއުމަށް އަންގާ، ވަޓްސްއަޕް އަދި ވައިބާ ގްރޫޕްގައި މެސެޖް ނުކުރެވޭ ގޮތް ހަދާފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.

މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ މިސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވަމުންދާ ކަމަށާއި، ހައްގުތައް ހިފަހައްޓަމުންދާ ކަމަށެވެ. ގޯއްޗާއި، ފްލެޓު ނުދީ ލަސްވާ ކޮންމެ ދުވަހަކީ އެތައް ހައްގެއް ގެއްލިގެންދާ ދުވަހެއް ކަމަށް އެމީހުން ބުނެއެވެ. އަދި ދިރިއުޅެމުންދަނީ ވަރަށް ދަތިހާލުގައި ކަމަށާއި، ދަރިންގެ މުސްތަގުބަލު ބަނަވެފައިވާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ ހައްގަށް މިސަރުކާރުން އަރައިގަނެފައިވާކަން ފާހަގަކޮށް މުޒާހަރާގެ ބައިވެރިން ބުނީ ކުޑަކުޑަތަނެއްގައި ދިރިއުޅެން މަޖުބޫރުވެފައިވާ ކަމަށާއި، އިޖްތިމާއީ ގިނަ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިއެއް ރާއްޖެއެމްވީއަށް ކަންބޮޑުވުންތައް ހިއްސާކުރަނީ

މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދޫކޮށްފައިވާ ގޯތިތައް ހަވާލު ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ. އެގޮތުން ގުޅީފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް-3 ގެ މަސައްކަތްތައް ކުރިއަށް ގެންގޮސް މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް ގޮވާލާފައިވެއެވެ. ނަމަވެސް އެމަސައްކަތްތައް ކުރިއަށް ނުގެންގޮސް ފުށިދިއްގަރުފަޅުގެ މަޝްރޫއު ކުރިއަށް ގެންދާ ކަމަށާއި، އެއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެމީހުން ބުނެފައިވެއެވެ. ބޭކާރު މަޝްރޫއެއްކަން ފާހަގަކޮށް ބުނެފައިވަނީ ގޯތީގެ މައްސަލާގައި އިހުމާލުވާނަމަ އިތުރަށް މުޒާހަރާތައް ފުޅާކޮށް ސަރުކާރާ ދެކޮޅަށް ނުކުންނާނެ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މި މުޒާހަރާގައި މާލޭގެ ރައްޔިތުން ތަމްސީލުކުރާ 13 ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފައެވެ. އަދި މިއަދު އެމެންބަރުން ރައްޔިތުންގެ ހައްގުގައި ވަކާލާތު ނުކުރާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.

މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ގޯއްޗާއި ފްލެޓު މައްސަލާގައި ހައްލު ލިބެންދެން ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް