ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 12:54
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ރާއްޖެއެމްވީ
ސަރުކާރުން ދޮގު ހެދުން
ވެރިކަމަށް އަންނަން ދެއްކި ވާހަކައާއި ވެރިކަން ލިބުނީމަ ދައްކާ ވާހަކަ ތަފާތުވާނީ ދޮގުވެރިންގެ - އުމަރު
ވެރިކަމާއި ހަވާލުވެވަޑައިގެން ކެމްޕޭން ކުރެއްވި އިރު، ކަންކަން އޮތީ ކިހިނެއްކަން މި ސަރުކާރަށް އެނގޭނެ
އިންޑިއާ އައުޓް މޭމަތީގައި ޖަހައިގެން ހިނގުމަކީ ގޯހެއް
ކޮންމެ ހަފްތާއަކު 5 ޑެޕިއުޓީ މިނިސްޓަރުންނާއި 3 ސްޓޭޓް މިނިސްޓަރުން ލާނަމަ ސަރުކާރެއްގެ ހަރަދު ކުޑަކުރެވޭނެ ގޮތެއް ނޯންނާނެ

ވެރިކަމަށް އަންނަން ދެއްކި ވާހަކައާއި ވެރިކަން ލިބުނީމަ ދައްކާ ވާހަކަ ތަފާތުވާނީ ދޮގުވެރިންގެ ކަމަށާއި، އިންޑިއާ އައުޓް މޭމަތީގައި ޖަހައިގެން ހިނގުމަކީ ގޯހެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ސުވާލަކީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ މިހާރު ކުރެވޭ އެންމެ ބޮޑު ބަހުސްއަކީ މި ސަރުކާރާއި އިންޑިއާއާއި އޮތް ގުޅުމުގެ ވާހަކަ ކަމަށެވެ. މި ސަރުކާރުން ބުނެފައިވަނީ އިންޑިއާ އަސްކަރިއްޔާ ފޮނުވާލާނެ ވާހަކަ ކަމަށާއި، އިންޑިއާގެ އުނގަށްވެސް ނާރާނެކަމަށް މި ސަރުކާރުން ބުނި ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ކުރިން އެހެން ވިދާޅުވިނަމަވެސް މިއަދުގެ ހާލަތު އޮތްގޮތުން އުނގުގައި އިށީންނަށް ޖެހޭ ކަމަށާއި، އެއީ އެމްޑީޕީގެ ސަރުކާރު ދިޔައިރު ދިޔައީ ގައުމު ދަރުވާލާފައިކަމުން އެކަން ކުރަންޖެހޭ ކަމަށް ބުނެ މި ބަހުސް ކުރެވެމުންދާ ކަމަށެވެ.

Advertisement

އުމަރު ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގެން ކެމްޕޭން ކުރެއްވި އިރު، ކަންކަން އޮތީ ކިހިނެއްކަން މި ސަރުކާރަށް އެނގޭނެ ކަަމަށެވެ. މީގެ އިތުރުން ކެމްޕޭން ތެރޭގައި މާލީ ހާލަތާއި ގުޅޭގޮތުން ސަރުކާރުން ވާހަކަ ދެއްކި ކަމަށާއި، ފައިސާއައި ހުރިހާކަމެއް ހަމަޖެހިފައިވާކަމަށް މި ސަރުކާރުން ބުނަމުން ދިޔަކަމަށެވެ.

ވެރިކަމަށް އައުމަށް ދައްކާ ވާހަކައާއި، ވެރިކަމަށް ވަޑައިގެން ދައްކާ ވާހަކަ ތަފާތުވެދާނެކަމަށް މީހުން ބުނޭ. އެހެން ތަފާތުވާނީ ދޮގުވެރިންގެ. ތެދުވެރިންގެ އެހެން ތަފާތެއް ނުވާނެ. އެހެންވީމާ އިންޑިއާއެކުގައި ގުޅުން ގާއިމްކުރުމާއި، އެމީހުންނާއެކު ކުރިއަށް ދެވެން ނެތް ވާހަކަ އެއީ އަޅުގަނޑުވެސް ގަބޫލުކުރާ ވާހަކައެއް. އިންޑިއާއާއި އަޅުގަނޑުމެންނާއި ރަނގަޅު ގުޅުން އޮންނަންވާނެ، އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން. އިންޑިއާ އައުޓް މޭމަތީގައި ޖަހައިގެން ހިނގުމަކީ ގޯހެއް. އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރަން ޖެހޭނީ އެމީހުންގެ ނުރުހުމުގައި.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އުމަރު ވިދާޅުވީ ގައުމުގެ ހަރަދު އަމިއްލައަށް ހަމަޖައްސާ ހަރަދުކުޑަކޮށްފިނަމަ އެ ދަރަނި ދެއްކޭނެ ކަމަށެވެ. އަދި އެއީ ނުދެއްކޭވަރުގެ ދަރަންޏެއް ނޫން ކަމަށާއި ކުރަންޖެހޭނެ ހަމައެކަނި ކަމަކީ ހަރަދުކުޑަކުރުން ކަމަށެވެ.

ކޮންމެ ހަފްތާއަކު 5 ޑެޕިއުޓީ މިނިސްޓަރުންނާއި 3 ސްޓޭޓް މިނިސްޓަރުން ލާނަމަ ސަރުކާރެއްގެ ހަރަދު ކުޑަކުރެވޭނެ ގޮތެއް ނޯންނާނެ. އިންތިހާއަށް ހަރަދު ބޮޑުވެގެން މިދަނީ. ސަރުކާރުގެ މަގާމުތަކަށް ލާފައި ތިބި މީހުން ގިނަކަމުން ޑެޕިއުޓީ މިނިސްޓަރުން އެބަތިބި އިންނާނެ ގޮނޑިއެއް ނެތިގެން އޮފީހުގެ ސިޑިމަތީގައި. އަނެއްބައި މީހުން އިނގިލި ޖަހާލާފައި ގެއަށް. ކަމެއް ނެތިފައި. އަނެއްބައި މީހުން ކައިރީގައި ހުރި ކޮފީ ޝޮޕްތަކުގައި. މިވަރަށް ހަރަދު ބޮޑުކޮށްގެން ހުރިހާ ސިޔާސީ މީހުންނަށް ވަޒީފާދީގެން. ރައްޔިތުންގެ މަޖިލީހުގެ މެންބަރު ފޮނުވާ ލިސްޓުގައި ތިބި ހުރިހާ އެންމެންނަށް ވަޒީފާ ދީގެން އެތައްހާސް ބަޔަކަށް ސިޔާސީ ވަޒީފާދީގެން ހަރަދުކުޑަކުރެވޭނެ ގޮތެއް ނޯންނާނެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އުމަރު ވިދާޅުވީ ސަރުކާރުން ކުރަންޖެހޭ ކަމަކީ ހަރަދު ކުޑަކުރުން ކަމަށެވެ. އަދި ހަރަދު ކުޑަކޮށް ސިޔާސީ މީހުން މަދުކޮށްފިކަމުގައިވާނަމަ ފަސޭހަކަމާއެކު އަހަރަކު 50 މިލިއަން ޑޮލަރު މުސާރައިން އެކަނިވެސް ސަލާމަތްކުރެވޭނެ ކަމަށެވެ.

ކުރީ ސަރުކާރަށްވުރެ އެއްގިއަރު މަތީގައި މި ސަރުކާރު އޮތީ ހަރަދު ކުޑަކުރުމުގައި. ކުރީ ސަރުކާރުގައިވެސް ވަރަށް ގިނަ މަގާމުތަކާ އެއްޗެހިދިން ބޭކާރު ގޮތުގައި. އެއީ މައްސަލައަކީ. ހަރަދު ކުޑަކޮށްގެން މެނުވީ ދިވެހި ރާއްޖެ އަމިއްލަ ފައިމައްޗަކަށް ނުތެދުވެވޭނެ. ދެރުމަކުންވެސް ސަލާމަތެއް ނުވެވޭނެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އުމަރު ވިދާޅުވީ އިގްތިސާދީ ކޮޅިގަނޑުގެ މެދާ ހިސާބަށް އަދި ނުދެވޭ ކަމަށާއި، އަދި މި އަންނަނީ އަރިމަތީގައި ހުރި ވައި ކަމަށެވެ. މި ތޫފާނާއި ބައްދަލުވާނީ އަންނަ އަހަރު ނުވަތަ ދެން އަންނަ އަހަރެއްގައި ކަމަށާއި، މިހާރު މި ދަތުރުކުރާގޮތަށް ދަތުރުކޮށްފިނަމަ ރާއްޖެ ބަނގުރޫޓްވާނެ ކަމަށެވެ.

އަދި މުޅި ދައުލަތުގެ ހަރަދު ކުޑަކޮށް، ސަރުކާރުގެ ހަރަދު 30 އިންސައްތަައަށް ވާވަރަށް ކުޑަނުކޮށްފިނަމަ ބަނގުރޫޓްވާނެ ކަމަށާއި، ސަރުކާރު ދަރައިފިނަމަ އަމިއްލަ ކުންފުނިތައް އޭގެ އަސަރުކޮށް ކުންފުނިތައް ބަނގުރޫޓުވެ އެތައް ބައެއްގެ ވަޒީފާ ގެއްލި ހާލަތު ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް