ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 06:41
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ޕްލެނަރީ މީޓީންގ އޮން އެޑްރެސިންގ އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި ވާހަކަފުޅު ދައްކަވަނީ
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ޕްލެނަރީ މީޓީންގ އޮން އެޑްރެސިންގ އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިމާ ނޭދެވޭ އަސަރުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަތުމަށް ޑރ. މުއިއްޒު ގޮވާލައްވައިފި
ކަނޑުގެ ލޮނުގަނޑު އުފުލުގެ ނުރައްކަލާ އެއްވެސް ޤައުމެއް އެކަނި ކުރިމަތިލައި، ޙައްލު ހޯދަންޖެހިގެން ނުވާނެ ކަމުގައި ޑރ. މުއިއްޒު ވިދާޅުވި

ކަނޑުގެ ލޮނުގަނޑު އުފުލުމަކީ އެމަނިކުފާނު ބަލައިގަންނަ ކަމެއް ނޫން ކަމަށް އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ކުރިން ވިދާޅުވެ ވާހަކަފުޅު ދެއްކެވި، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑުގެ ލޮނުގަނޑު އުފުމުގެ ސަބަބުން ކުރިމަތިމާ ނޭދެވޭ އަސަރުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަތުމަށް ގޮވާލައްވައިފިއެވެ.

ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ޕްލެނަރީ މީޓީންގ އޮން އެޑްރެސިންގ އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި ބުދަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.

އެއްވެސް ދިވެއްސަކު އަމިއްލަ ރުހުމުގައި އެމީހެއްގެ އަމިއްލަ ރަށް ދޫކޮށް ދާން ނޭދޭނެ ކަމަށާއި ދިވެހީން، ދިވެހީންގެ ރަށްތަކުގެ ޙިމާޔަތުގައި މަސައްކަތް ކުރާނެކަމުގައި މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ދިރިއުޅުން ބިނާވެފައިވާ މަސައްކަތް، އިޖްތިމާޢީ-އިޤްތިޞާދީ ގޮންޖެހުންތައް އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތަރިކައާ ސަޤާފަތާ ހުރިގުޅުން" މައުޟޫޢުގެ ދަށުން ކުރިއަށް ގެންދިޔަ މި ސެޝަނުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކަނޑުގެ ލޮނުގަނޑު އުފުމުގެ ސަބަބުން ކުރިމަތިމާ ނޭދެވޭ އަސަރުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަތުމަށް އެދިވަޑައިގެން ތިން ނުކުތާއެއް ފާހަގަކުރައްވާފައެވެ.

Advertisement

ފުރަތަމަ ކަމަކަށް އިޤްތިޞާދު ސިންދަފާތު ކުރުމާއި އަދި ކަނޑުފަޅުގެ ދިރުންތަކުގެ މައްޗަށް ބިނާވެފައިވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ދިރިއުޅުމުގެ މަސައްކަތްތައް ޙިމާޔަތްކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ދެވަނަ ކަމަކަށް ޒުވާނުން އަދި އަންހެނުންނަށް އިސްކަންދީގެން މުޖުތަމަޢުތައް ބާރުވެރިކޮށް، ސަޤާފަތާއި ތަރިކަ އަދި އަމިއްލަވަންތަކަން ޙިމާޔާތްކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ތިންވަނަ ކަމަކަށް، ކަނޑުގެ ލޮނުގަނޑު އުފުލުގެ ނުރައްކަލާ އެއްވެސް ޤައުމެއް އެކަނި ކުރިމަތިލައި، ޙައްލު ހޯދަންޖެހިގެން ނުވާނެ ކަމުގައި ވިދާޅުވެ، އަދި މި މައްސަލައިގައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި އަންނަން އޮތް ޖީލުތަކުގެ ދިރިއުޅުމަށާއި ސަޤާފަތްތައް ހިމާޔަތްކުރެވިފައިވާ އަމާން މުސްތަޤްބަލެއް ލިބެންޖެހޭކަން ފާހަގަކުރައްވައި، މިކަމުގައި ހަރުދަނާ ގޮތްތަކެއް ނިންމުމަށް ގޮވާލެއްވިއެވެ. އަދި މިކަމަށް އެދެވޭ ޙައްލެއް ނުހޯދޭކަމުގައިވާނަމަ، މިތަނަށް އެއްވެ މިތިބި ބޭނުމާމެދު ސުވާލު އުފެދޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް