ދުވަހުގެ އެންމެ އުފާވެރި ވަގުތަކީ އެއްބަނޑު އެއްބަފާ ދައްތައާ ވާހަކަ ދައްކާލެވޭ ވަގުތެވެ. ވާހަކަ ދެއްކުމުގެ ބޭނުން މާ މުހިންމެއް ނޫނެވެ. ބައެއް ފަހަރު އެއީ އެދުވަހު ވީކަމެއް ހިއްސާކުރަން ނުވަތަ ކަމަކާ ވަރަށް ބޮޑަށް ހާސްވާނަމަ، އެ އިހުސާސްތައް ކިޔައިދީ ހިތަށް ތަސައްލީ އެއް ގެނައުން ކަމަށްވެދާނެއެވެ. އަނެއްބައި ފަހަރު އެއީ މަޖާ ވާހަކައެއް ނުވަތަ ކުއްލިއަކަށް ހަނދާންވި ހަނދާނެއް ހިއްސާކުރުން ކަމަށްވެސް ވެދާނެއެވެ. މިފަދައިން ދައްތައިންނާ މެދު ދެކޭ މީހުން ރާއްޖޭގައިވެސް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އުޅެއެވެ.
ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި އެއްބަނޑު އެއްބަފާ އުޚްތުންގެ މެދުގައި އޮންނަ ގާތްކަން، އެއްބަނޑު އެއްބަފާ އެހެން މީހުންގެ މެދުގައި އޮންނަ ގުޅުމަށްވުރެ މާ ބޮޑަށް ފައިދާހުރި އަދި އެދެވޭ ގުޅުމަކަށް ވެދާނެއެވެ. މީގެ ކުރިން އެއްބަނޑުއެއްބަފާ މީހުންނާ ގުޅޭގޮތުން ކުރެވިފައިވާ ގިނަ ދިރާސާތަކުން ދައްކާގޮތުގައި، އުމުރުން ދުވަސްވެ، އަމިއްލަ ދިރިއުޅުމެއް ފަށާ ހިސާބުން، އެއްބަނޑުއެއްބަފާ މީހުންގެ މެދުގައި ހުންނަ ޚިލާފުތައް މަދުވެ، ގާތްކަން އިތުރުވެއެވެ.
އެއްބަނޑުއެއްބަފާ މީހުންގެ މެދުގައި އޮންނަ ގުޅުން، ޖިންސާއި އާއިލާގެ ތެރޭގައި އޮންނަ ދަރަޖައާ ގުޅިގެން ތަފާތުވޭތޯ ބެލުމަށްޓަކައި 1995 ވަނަ އަހަރު ޕެންސިލްވޭނިއާ ސްޓޭޓް ޔުނިވަރސިޓީ އިން 18 އަހަރުގެ މުއްދަތަކަށް ދިރާސާއެއް ކުރިއެވެ. މި ދިރާސާގައި އެންމެ ފުރަތަމަ ބައިވެރިވި 201 އާއިލާގެ ތެރެއިން ދިރާސާ ނިމުނުއިރު ތިބީ 61 އާއިލާއެވެ.
ދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި، ދިރިއުޅުމުގެ އެކި ހާދިސާތަކާ ގުޅިގެން ގާތްކަމާއި ޚިލާފުތަކުގެ މިންވަރު އުސްގަނޑުތަކާއިި އަޑިގަނޑުތައް ގިރާކުރަމުން ދިޔަ ނަމަވެސް، އެންމެ ހަރުދަނާ އަދި އިޖާބީ ގުޅުމަކީ އެއްބަނޑުއެއްބަފާ އަންހެނުންގެ މެދުގައި އޮންނަ ގުޅުމެވެ. މިއީ އެހެން އެއްބަނޑުއެއްބަފާ މީހުންގެ ނުވަތަ އާއިލާގެ މެންބަރުންގެ މެދުގައި އޮންނަ ގުޅުމަކަށްވުރެ ވަރުގަދަ ގުޅުމެކެވެ.
ކަންމިހެން އޮތް ނަމަވެސް، ފަހަރިންނާ ހިސާބުން މިވާހަކަ މުޅިން ބަދަލުވެއެވެ. ދިރާސާވެރިން ބުނާގޮތުން ފަހަރިންނާ އޮންނަ ގުޅުމަކީ އާއިލީ ގުޅުންތަކުގެ ތެރެއިން އަންހެނަކަށް ކުރިމަތިވެދާނެ އެންމެ އުނދަގޫ ގުޅުންތަކުގެ ތެރެއިން އެކެއް ކަމުގައި ވެދާނެއެވެ.
"މިއީ އަހަރެންނަށް ވަރަށް ރަނގަޅަށް ތަޖުރިބާ ކޮށްފައިވާ ކަމެއް. މިހާރު އަހަރެމެންގެ މެދުގައި ރަނގަޅު ގުޅުމެއް އޮތް ނަމަވެސް ގިނަ އަހަރުތަކެއް ވާންދެން އަހަރެންގެ ފަހަރިއަކާ އޮތީ ހިތާމަވެރި ގުޅުމެއް. އަހަރެންގެ ފިރިމީހާގެ ގެއިން ރޮމުން ރޮމުން ދިޔަ އަދަދު އަތުގެ އިނގިލިތަކުން ގުނާލެވޭ ވަރަށްވުރެ ގިނަ. ކޮޓަރި ތެރޭގައި ހުރެ ރައްޓެހިންނަށް ފޯނުން ގުޅައި ރޮއެ ހެދި އަދަދު ވެސް މަދެއް ނޫން. އަދި ފިރިމީހާގެ އާއިލީ ޙަފްލާއެއް ކައިރިވަމުންދާއިރު އިންތިހާއަށް ނުތަނަވަސްކަން އިޙްސާސްކުރި ވަގުތުތައް ވެސް މަދެއް ނޫން،" މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ އަންޔާ މެޔަރޮވިޓްޒް އޭނާގެ އަމިއްލަ ތަޖުރިބާ ހިއްސާކުރަމުން ކިޔައިދިނެވެ.
ފަހަރިންގެ މެދުގައި އުފެދޭ ހަމަނުޖެހުމުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. މިފަދަ ވާހަކަތައް މީޑިއާގައި އަބަދުވެސް ދެކެވެމުންދެއެވެ. އެންމެ މަޝްހޫރު މިސާލެއްގެ ގޮތުން ބުނާނަމަ، އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން އަދި ޕްރިންސަސް އޮފް ވޭލްސް ކޭޓް މިޑްލްޓަން އާއި ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް އާ ދެމެދު އުފެދުނު އާއިލީ ހަމަނުޖެހުމެވެ.
ފަހަރިންނާ އެކު ގާތްގުޅުމެއް ބާއްވަން ގިނަ މީހުންނަށް މިހާ އުދަނގޫ ވަނީ ކީއްވެ؟
ދިރާސާތަކުން ދައްކާގޮތުގައި ފިރިހެނުންނަށްވުރެ އަންހެނުންގެ ރައްޓެހިން ގިނައެވެ. އަދި ރަހުމަތްތެރިން ހޯދުމުގައިވެސް ފިރިހެނުން އަންހެނުންނަށްވުރެ ކުޅަދާނައެވެ. އެހެންކަމުން، ފަހަރިންނާ އެކުގައި އޮންނަ ގުޅުމުގައި އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ދަތިވާ ކަމަކީ ކޮބައިތޯއެވެ؟
ތެރަޕިސްޓް އަދި ނަފްސާނީ ދުޅަހެޔޮކަމުގެ މާހިރެއް ކަމުގައިވާ ސޯފީ ކްރެސް ބުނާ ގޮތުގައި ފަހަރިންނާ އެކު އޮންނަ ގުޅުމަކީ ނަފްސާނީ އަދި އިޖްތިމާޢީ ސަބަބުތަކާ ހުރެ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ގުޅުމެކެވެ. މި ގުޅުމުގައި ހަސަދަވެރިކަމާއި ވާދަވެރިކަމުގެ އިހުސާސްތައް އުފެދިދާނެއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، ފަހަރިންނަކީ އެކިއެކި އާއިލާ ތަކުން އައިސްފައިވާ ބަޔަކަށް ވާތީ، އެ އާއިލާ ތަކުގެ މެދުގައި ޤަބޫލުކުރާ ޤަބޫލުކުރުންތަކާއި، އާދަކާދަތަކާއި، އަދި އުންމީދުތައްވެސް ތަފާތުވާނެއެވެ. ސޯފީ ބުނަނީ މި ތަފާތުތަކުގެ ސަބަބުން އޮޅުންތަކާއި ނަފްސާނީ ފިއްތުންތައް ކުރިމަތިވެދާނެ ކަމަށެވެ.
ފަހުގެ ދިރާސާތަކުން ހާމަވާ ގޮތުގައި ފަހަރިންގެ މެދުގައި އޮންނަ ގުޅުމުގައި އުފެދޭ ވާދަވެރިކަމާއި، ޖަޒްބާތީ ގާތްކަމާއި، އަދި ޘަޤާފީ ތަފާތުތަކުގެ ސަބަބުން ހަޤީޤަތުގައިވެސް އެމީހުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވެގެން ދެއެވެ. އެއްބަނޑު އެއްބަފާ މީހުންނާ މެދު އޮންނަ ގުޅުމާ ޚިލާފަށް ފަހަރިންނާ އެކު އޮންނަ ގުޅުމަކީ އޮޅުންބޮޅުންވެ، ބައެއް ފަހަރު ގާތް ގުޅުމެއް، އަނެއްބައި ފަހަރު ވަރަށް މައްސަލަ ބޮޑު ގުޅުމަކަށް ވެއެވެ.
އެޅިދާނެ ބައެއް ފިޔަވަޅުތައް:
ސޯފީ ލަފާދޭ ގޮތުން، މި މައްސަލަ ޙައްލުކުރުމަށް 'އަނެކާގެ އިޙްސާސްތަކަށް އިޙްތިރާމްކުރުން' ވަރަށް މުހިއްމެވެ. އޭނާ ވިދާޅުވަނީ ފުރަތަމަ ކަމަކަށް، ތިމާގެ ނަޒަރިއްޔާތާއި އަމަލުތަކުގެ ފަހަތުގައިވާ ސަބަބުތައް ދެނެގަތުމަށް މަސައްކަތްކުރުމަށެވެ. ސަބަބަކީ، ގިނަ ފަހަރަށް ސާދާ ވާހަކައަކުން އޮޅުންތައް ފިލުވައި، މާޙައުލު ސާފުކޮށްލެވިދާނެއެވެ. އަދި އަމިއްލަ އިޙްސާސްތައް ތެދުވެރިކަމާއި އިޙްތިރާމާއެކު ފާޅުކުރުމުންވެސް ފަހަރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ގޯސްވިޔަ ނުދިނުމަށް އެހީތެރިވާނެކަމަށް ސޯފީ ބުންޏެވެ.
ހަމައެއާއެކު، ކޮންމެ ކަމެއްގައިވެސް ވަކި އިންތަކެއް ކަނޑައަޅާފައި ހުރުން ވެސް މުހިއްމެވެ. ސޯފީ ކްރެސް ބުނެފައިވާ ގޮތުގައި އަމިއްލައަށް ޤަބޫލުކުރެވޭ އަދި ތަޙައްމަލުކުރެވޭނެ ޢަމަލުތަކަކީ ކޮބައިކަން ކަނޑައަޅައި، މި އިންތައް ސާފުކޮށް އަނެކާއަށް އަންގައިދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ހަމައެއާއެކު، ދެމީހުން އެކުގައި ކުރަން ޝައުޤުވެރިވާ ކަންތައްތައް ހޯދައި، ފައިދާހުރި ގޮތެއްގައި ވަގުތު ހޭދަކުރުމަށް މަސައްކަތްކޮށްގެން އެކަށީގެންވާ ގުޅުމެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ ވެސް ބުއްދިވެރިގޮތެކެވެ. އަނެކާގެ ރަނގަޅު ސިފަތަކުގެ އަގުވަޒަންކޮށް، އެކަން ފާޅުކުރުމަކީވެސް ގުޅުން ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ސޯފީ ފާހަގަ ކުރިއެވެ.
ހަނދާންބަހައްޓާށެވެ. ކެތްތެރިކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ކޮންމެ ކަމެއްގައިވެސް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. ކޮންމެ ގުޅުމެއްގެ ވެސް ޠަބީޢަތް ބަދަލުކުރުމަށް ވަގުތު ކޮޅެއް ބޭނުންވާނެއެވެ.