ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 18:00
އިޒްރޭލުން ދެކުނު ލުބުނާނަށް ދިން ހަމަލާގެ ތެރެއިން
އިޒްރޭލުން ދެކުނު ލުބުނާނަށް ދިން ހަމަލާގެ ތެރެއިން
ރޮއިޓާސް
އިޒްރޭލު - ލުބުނާން ހަނގުރާމަ
‎ލުބުނާނަށް އިޒްރޭލުންދޭ ހަމަލާތައް ވަރުގަދަކޮށް، ހިޒްބުﷲ ގެ ސަރަހައްދުތަކުން އާންމުން ނުކުންނަން އަންގައިފި
‎ހޯމަދުވަހު އިޒްރޭލުން ލުބުނާނަށް ދިން ހަމަލާތަކުގައި މަދުވެގެން 100 މީހުން މަރުވެ، 400ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ޚަބަރުގެ އޯޑިއޯ

ހޯމަދުވަހު އިޒްރޭލުން ލުބުނާނުގެ އިރުމަތީ އަދި ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި މަދުވެގެން 100 މީހުން މަރުވެ، 400ށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާންގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބަދަލު ކުރެވެމުންދާ ސަރަހައްދީ ހަމަލާތަކުގައި އެންމެ ގިނަ އަދަދެއްގެ އިންސާނުންނަށް ގެއްލުންވި ދުވަސްކަން ފާހަގަ ކުރެވެއެވެ.

މަރުވި  މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި ޕެރަމެޑިކް އޮފިޝަލުން ހިމެނޭކަމަށް ވެސް ލުބުނާންގެ ހެލްތް މިނިސްޓްރީން ބުނެއެވެ.

އިޒްރޭލުން ގެންދަނީ "ހިޒްބުﷲ ގެ ސަރަހައްދުތަކުން ނުކުތުމަށް އާންމުންނަށް އަންގަމުންނެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހޯމަ ދުވަހު އޭނާގެ އޮފީހުގައި ހުންނަވާ ޝާއިއު ކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ލުބުނާނަށް ދޭ ހަމަލާތައް ފުޅާކުރަމުން ދާ ކަމުގައެވެ. އިޒްރޭލުގެ އަމާޒަކީ ހިޒްބުﷲ އިން ދޭ ހަމަލާތަކުގެ ސަބަބުން އިޒްރޭލުން ހިފައިފައިވާ ބިންތަކުން މީހުން ހުސްކުރަން ޖެހިފައި އޮތް އޮތުން ނިމުމަކަށަ ގެނެސް އިޒްރޭލުގެ އުތުރުގައި ގެތަކަށް އަނބުރާ މީހުން ގެނައުން ކަމަށް ވަނީ ބުނެފައެވެ. ދިފާޢީ ވަޒީރު ޔޯވް ގަލަންޓް ހޯމަ ދުވަހު ވިދާޅުވީ މި މަގްސަދު ހާސިލް ކުރެވެންދެން ހަމަލާތައް ކުރިއަށްދާނެ ކަމަށެވެ.

އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ބަދަލު ކުރެވެމުންދާ ހަމަލާތައް ނުރައްކާވެ، މުޅި ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ މިދަނޑިވަޅުގައި އިޒްރޭލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ "މިހާތަނަށް މިއަދު 300 އަށްވުރެ ގިނަ ހަމަލާ ހިޒްބުﷲ ގެ ޓާގެޓްތަކަށް ދެވިފައިވާ" ކަމަށެވެ.

ދެކުނު ލުބުނާނުގެ ރައްޔިތުންނަށް ލުބުނާނުގެ ނަންބަރަކުން ގުޅައި، ހިޒްބުﷲ އިން ބޭނުންކުރާ ކޮންމެ މަރުކަޒެއް ވިޔަސް މަރުކަޒަކާ 1,000 މީޓަރު (3,280 ފޫޓު) ދުރަށް ވަގުތުން ދިއުމަށް އަންގާފައިވާކަމަށް ދެކުނުގައި ހުރި ރޮއިޓަރސްގެ ނޫސްވެރިޔަކު ބުނެފައިވެއެވެ.

ހިޒްބުﷲ އިން ވަނީ އާދިއްތަ ދުވަހު އިޒްރޭލުގެ ޓާގެޓްތަކަށް އެތައް ރޮކެޓް ހަމަލާއެއް ދީފައެވެ.

ލުބުނާނު-ފަލަސްޠީނު ބޯޑަރުގައި ހުރި 'އިޒްރޭލު' ސިފައިންގެ މަރުކަޒުތަކަށް އެތައް ހަމާލާއެއް ދިން ކަމަށް ހިޒްބުﷲ އިން ހޯމަ ދުވަހުގެ ހެނދުނު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް