ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 09:54
ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން
ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން
ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން - ސާފް
17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް
ފުރަތަމަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝްއާ އެއްވަރު ކޮށްފި
ފަހު މެޗުގައި އިންޑިއާ އަތުން ބަލި ނުވެ، ރާއްޖެ އަށް ސެމީ ފައިނަލްގެ ފުރުސަތު ހޯދޭނެ އެވެ.

ސަތާރަ އަހަރުން ދަށުގެ ސާާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ އެއްވަރު ކޮށްފި އެވެ.

ބޫޓާންގައި މިހާރު ކުރިއަށްދާ މުބާރާތުގައި ރާއްޖެ ހިމެނިފައި އޮތީ ގުރޫޕް އޭގަ އެވެ. މި ގުރޫޕުގައި ރާއްޖެ އާއެކު ދެން އޮތީ އިންޑިއާ އާއި ބަންގްލަދޭޝް އެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހު ރާއްޖެ ނިކުތީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ބަންގްލަދޭޝް އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ރާއްޖެ އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ބަންގްލަދޭޝް އަށް ލީޑު ނަގައިދިނީ މުޙައްމަދު މުރުސިދު އަލީ އެވެ. ނަމަވެސް މެޗުގެ 79 ވަނަ މިނެޓުގައި ރާއްޖެ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ރާއްޖެ އަށް ޖަހައިދިނީ މުޙައްމަދު އިލަން އިމްރާން އެވެ.

މި ގުރޫޕުގައި ކޮންމެ ޓީމަކުން ވެސް ވަނީ އެއް މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި އިންޑިއާ އިން ވަނީ ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ދެ ވަނަ މެޗުގައި ރާއްޖެ އިން ބަންގްލަދޭޝްއާ އެއްވަރު ކުރިއިރު، ފަހު މެޗުގައި ރާއްޖެ ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗުން ބަލި ނުވެ، ރާއްޖެ އަށް މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ހޯދޭނެ އެވެ. ރާއްޖެ މިވަގުތު އޮތީ މި ގުރޫޕުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ އިންޑިއާ އެވެ.

- ކޮމެންޓް