ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 11:28
މެޗުގައި ލަނޑު ޖެހުމަށްފަހު ކޮރެއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ކޮރެއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
އޭއެފްސީ
އޭޝިއަން ކަޕް ކޮލިިފައިން
ކޮރެއާ އިން ޒުވާން ޓީމު ކޮޅަށް 13 ލަނޑު ޖަހައިފި
ތިން ވަނަ މެޗުގައި ބުދަ ދުވަހު ކޮރެއާ އަތުން ރާއްޖޭގެ ޒުވާން ޓީމު ބަލިވީ 13-0ންނެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އިން ކުޅުނު ތިން ވަނަ މެޗުގައި ދެކުނު ކޮރެއާ އަތުން ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވެއްޖެ އެވެ.

ރާއްޖެ އިން ވަނީ ކޮލިފިކޭޝަންގައި ކުޅުނު ފުރަތަމަ މެޗުގައި ބޫޓާނާ އެއްވަރުކޮށްފަ އެވެ. އެއީ ބޫޓާން އިން ދެ ލަނޑު ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. ދެ ވަނަ މެޗުގައި ބަހްރެއިން އަތުން ބަލިވި ނަމަވެސް، އެ މެޗުގައި ރާއްޖެ އިން އުންމީދީ ކުޅުމެއް ދެއްކި އެވެ.

ތިން ވަނަ މެޗުގައި ބުދަ ދުވަހު ކޮރެއާ އަތުން ރާއްޖޭގެ ޒުވާން ޓީމު ބަލިވީ 13-0ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ކޮރެއާ އިން ފަސް ލަނޑު ޖެހިއިރު، އަނެއް އަށް ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ކޮރެއާއާ ދެކޮޅަށް ރާއްޖެ އިން ކުޅުނު މެޗުގައި ކެޕްޓަން މުޙައްމަދު އިލާން އިމްރާން އަދި ޔޫސުފް އަޔާން އާމިރު ނުކުޅެ އެވެ. އެ ދެ ކުޅުންތެރިން ވެސް ކުޅެފައި ނުވަނީ ބަހްރެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުންނެވެ.

މި ގުރޫޕުގެ އެއް ވަނައިގައި އޮތީ ވެސް ރާއްޖެ އަތުން މޮޅުވި ކޮރެއާ އެވެ. އެ ޓީމަށް ހަ ޕޮއިންޓު ލިބޭއިރު، ކުރި ހޯދަނީ ލަނޑުންނެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ތިން ޕޮއިންޓާ އެކު ބަހްރެއިން އޮތީ ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ބޫޓާން އަދި ފަސް ވަނައިގައި އޮތް ރާއްޖެ އަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.

- ކޮމެންޓް