Advertisement
ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 13:49
ތިނަދޫގެ މަސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ތިނަދޫގެ މަސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ފިޝަރީސް މިނިސްޓްރީ
މަސްވެރިންގެ ވައުދުތައް
މަސްވެރިންނަށް ވި ވައުދުތައް ނުފުއްދާކަމަށް މިނިސްޓަރު ޝިޔާމަށް ތިނަދޫގެ މަސްވެރިން ހަނދާންކޮށްދީފި
މިފްކޯއިންނާއި އެފްއެސްއެމްއިން ކްރެޑިޓަށް ތެޔޮ ނުލިބޭ
މަސްބިލަށް ވަގުތުން ފައިސާ ނުލިބޭތީ މަސްވެރިންނަށް ފައިސާދީފައި ތެޔޮއެޅުމަކީ ވަރަށް ބޮޑު ތަކުލީފެއް

ދިވެހި މަސްވެރިންނަށް ވި ވައުދުތައް ނުފުއްދާ، ތިނަދޫގެ މަސްވެރިންނާއި ބައްދަލުކުރުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝީޔާމް ވަޑައިގަތުމުން ސަރުކާރުން ހައްލު ނުކޮށް އޮތް މަސްވެރިންގެ ކަންބޮޑުވުންތައް އޮއްސާލައިފިއެވެ.

މަސްވެރިންގެ ހުރި އުދާސްތައް ބަންޑުންކޮށްލާ، ސަރުކާރުގެ ވައުދުތައް ނުފުއްދާކަން މިނިސްޓަރު ޝިޔާމަށް ހަނދާންކޮށްދީފައިވަނީ ގދ. ތިނަދޫ ސިޓީއަށް ވަޒީރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށު މަސްވެރިނަށް ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ތިނަދޫގެ މަސްވެރިން އެދިފައިވަނީ މަސްވެރިންނަށް ދިމާވެފައިވާ ތެލުގެ މައްސަލައާއި ފައިސާ ނުލިބުމުގެ މައްސަލަ ހައްލުކޮށްދެއްވުމަށެވެ. މަސްވެރިންވަނީ މިފްކޯއިންނާއި އެފްއެސްއެމްއިން ކްރެޑިޓަށް ތެޔޮ ނުލިބޭކަން ފާހަގަކޮށްފައެވެ. އަދި މަސްބިލަށް ވަގުތުން ފައިސާ ނުލިބޭތީ މަސްވެރިންނަށް ފައިސާދީފައި ތެޔޮއެޅުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އެހެންކަމުން ވުޒާރާއިން މަސައްކަތްކޮށްގެން މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ވީހާވެސް އަވަހަށް ހަމަޖައްސައިދިނުމަށް މަސްވެރިން ވަނީ އެދިފައެވެ.

މީގެ އިތުރުން ތިނަދޫގައި ވަދު ކަނދުފައްޗެއް އަޅައިދިނުމާއި ފަރުމަސްވެރިކަން ތަރައްޤީ ކުރުމަށް ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ތެލުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށާއި، މި ފެށޭ ހަފްތާގައިވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement

އަދި މި ރަށުގެ މަސްވެރިން އެދުނު ގޮތަށް މިފްކޯއާ ވާހަކަދައްކައިގެން ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދެވެން އޮތް އެހީތެރިކަން ބައްލަވައި، ވުޒާރާއިން ވެދެވެން އޮތް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ވަޒީރު ޝިޔާމް ވިދާޅުވީ ތިނަދޫގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް 2025 ވަނަ އަހަރު ނިންމައި މަސްގަންނަން ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާ ކަމަށާއި، އެކަމަށްޓަކައި ވުޒާރާއިން މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ކުރަމުންދާ ކަމަށެވެ.

މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ ސަރުކާރުން ހުޅުވާލާ އާރްއެސްޑަބްލިއު ސިސްޓަމާއި ގުޅޭގޮތުންނާއި މަސްވެރިންގެ ދަފުތަރާ ގުޅޭގޮތުން މަސްވެރިންނަށް މަޢުލޫމާތު ދެއްވާފައެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދެއްކި މަސްވެރިން ބުނެފައިވަނީ މި ސަރުކާރުން މަސްވެރިންނަށްވި ވައުދުތައް ނުފުއްދާ މަހުގެ އަގު ކުޑަކޮށް، މަސްވެރިންނަށް އޮތް ލުއިފަސޭހަތައް ހިފަހެއްޓުމަށްފަހު މަސްވެރިން ކައިރިއަށް އައުމުން މިނިސްޓަރު ލަދުގަންނަންޖެހޭ ކަމަށެވެ. މި ސަރުކާރަށް 10 މަސް ވެގެން ދިޔައިރު މަސްވެރިންނަށް ކޮށްދެވުނު ކަމެއް ނެތް ކަމަށާއި، އެހެންކަމުން ފެއިލްވެފައިވާ ސިޔާސަތުތަކެއް ހިފައިގެން މިއަދު އައުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މަސްވެރިން ވަނީ ސަރުކާރަށް ޑިމާންޑްތަކެއްވެސް ކޮށްފައެވެ. އަދި އެ ޑިމާންޑްތައް ފުރިހަމަކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ވެސް މިނިސްޓަރު ނުދެއްވާކަމަށް މަސްވެެރިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް