Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2024 | ހުކުރު 19:22
ރައީސް ޑރ މުއިއްޒު ބ އަތޮޅު ކައުންސިލް އާ ބައްދަލުކުރެއްވަނީ
ރައީސް ޑރ މުއިއްޒު ބ އަތޮޅު ކައުންސިލް އާ ބައްދަލުކުރެއްވަނީ
ރައީސް އޮފީސް
ބިނާވެށި ގާނޫނު
ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނަށް ބ. އަތޮޅު ކައުންސިލުން ދެކޮޅުހަދާ ގަރާރެއް ފާސްކޮށްފި
ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ ރޫހާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި މަގުސަދުތަކާ ބިނާވެށި ގާނޫނު ތައާރަޒްވާ ކަން ފާހަގަ ކުރޭ

ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނަށް ބ. އަތޮޅު ކައުންސިލުން ދެކޮޅުހަދާ ގަރާރެއް ފާސްކޮށްފިއެވެ.

ބ. އަތޮޅު ކައުންސިލުން ފާސްކުރި ގަރާރު ބުރާސްފަތި ދުވަހު އާންމުކޮށްފައިވާއިރު، އެ ގަރާރުގައި ބުނަނީ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނަކީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ ރޫހާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ މަގުސަދުތަކާ ތައާރަޒުވާ ގާނޫނެއް ކަމަށެވެ.

މި ގަރާރުގައި ބުނަނީ މި ގާނޫނު މިހާރު އޮތް ގޮތުން، ރައްޔިތުން ތަމްސީލުކޮށް ހިދުމަތް ފޯރުކޮށްދޭ ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށެވެ.

ގަރާރުގައި ބުނެފައިވާ ގޮތުގައި، މި ގާނޫނު މިހާރު އޮތް ގޮތުން މުޖުތަމައުގެ ވަސީލަތްތައް މުޖުތަމައުއަށް އެންމެ ފައިދާ ވާނެ ގޮތަށް ރާވައި ތަރުތީބު ކުރުމުގެ ފުރުސަތު ގެއްލިގެން ދިއުމުގެ ނުރައްކާ އެބައޮތެވެ. އަދި ގާނޫނުގައިވާ ގޮތުން ބިނާވެށި ޕްލޭން ކުރުމާއި ހިންގުމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ކަމަށާއި، ގާނޫނު ތަންފީޒު ކުރުމުގެ އިސް ޒިންމާ އަދާކުރާނީ ޕްލޭނިން މިނިސްޓަރު ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.

Advertisement

އެހެން ކަމުން، ގަރާރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މުޖުތަމައުގެ ބަހެއް ނެތި ދިވެހި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްޔިތުންގެ ފައިދާއަށް ރާވާ ތަރުތީބުކުރުމަށް ހުރި ދޮރުތައް ބަންދުވެ، ވަޒީރެއްގެ މުށުތެރެއަށް ގައުމުގެ ހުރިހާ ވަސީލަތްތައް ބޭނުންކުރުމުގެ ބާރު ގާނޫނު އޮތް ގޮތުން ލައިދެއެވެ. މިއީ ލާމަރުކަޒީ ގާނޫނާ ހިލާފު ކަމެއް ކަމަށް ގަރާރުގައި ވަނީ ބުނެފައިވެއެވެ.

ބ. އަތޮޅު ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި، ބިނާވެށި ގާނޫނަށް ހިޔާލު ހޯދުމުގެ ހުރިހާ މަރުހަލާއެއްގައި ކައުންސިލްތަކާއި ރާއްޖޭގެ ފަންނީ މާހިރުންނާއި އެހެނިހެން ޖަމިއްޔާތަކުން ހުށަހަޅާފައިވާ ހިޔާލުތަކަށް އެއްވެސް ވަރަކަށް މަޖިލީހުން ރިއާޔަތް ކޮށްފައިނުވެއެވެ. މީގެ އިތުރުން ކައުންސިލް ތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ މަގްސަދުގައި ކަމަށް ބުނެ ޑރ. މުއިއްޒުގެ ސަރުކާރުން އަލަށް އުފެއްދި ލޯކަލް ގަވަރމަންޓް މިނިސްޓްރީއާ މަޝްވަރާކޮށްފައިނުވާ ކަމަށާއި އެމިނިސްޓްރީގެ ވަޒީރު އާދަމް ޝަރީފް މަޖިލީހުގެ ކޮމިޓީގައި ބިލު އޮގްގޮތާ ބެހޭ ގޮތުން ދެއްވާފައިވާ އިރުޝާދުތަކާ އެ ގާނޫނު ތައާރަޒުވާ ކަމަށްވެސް ބުނެފައިވެއެވެ.

ބ. އަތޮޅު ކައުންސިލުގެ މި ގަރާރުގައި ފާހަގަ ކޮށްފައިވަނީ، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނަކީ ލާމަރުކަޒީ އުސޫލުތަކާ ފުށުއަރާ، ކައުންސިލްތަކުގެ ބާރުތައް ހަނިކުރާ އަދި ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާ ގާނޫނެއް ކަމަށެވެ. އަދި މި ގާނޫނުގެ ސަބަބުން ރަށްރަށުގެ ވަސީލަތްތައް ބޭނުންކުރުމުގެ ބާރު މަރުކަޒީ ސަރުކާރަށް ލިބި، ރައްޔިތުންގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ގެއްލިގެންދާ ގާނޫނެއް ކަމުގައެވެ.

ގާނޫނު އިސްލާހް ކުރުމަށް ގޮވާލާ، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނާ ދެކޮޅަށް ބ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކުރި އިރު، ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާއިން ވެސް ވަނީ ގާނޫނު މިހާރު އޮތްގޮތަށް ދެކޮޅު ހަދާ ކަމަށް ބުނެ މި ގާނޫނު އިސްލާހުކުރުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް