Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 18:13
މީހަކު ރަހީނުކޮށް މަސްތުވާތަކެތީގެ ވިޔަފާރި އޭނާ ލައްވާ ކުރުވި މައްސަލައިގައި ހައްޔަރުކުރި 5 މީހުން
މީހަކު ރަހީނުކޮށް މަސްތުވާތަކެތީގެ ވިޔަފާރި އޭނާ ލައްވާ ކުރުވި މައްސަލައިގައި ހައްޔަރުކުރި 5 މީހުން
ރާއްޖެއެމްވީ
މީހަކު ރަހީނުކުރި މައްސަލަ
މީހަކު ރަހީނުކޮށް އޭނާލައްވާ މަސްތުވާތަކެތި ވިއްކާ އިނގިލި ބުރިކޮށްލި މައްސަލައިގައި އެމްއެންޑީއެފްގެ ދެ އޮފިސަރުންނާއި 3 ކުޑަކުދިން ހިމެނޭ
ޖިސްމާނީގޮތުން ބޮޑެތި އަނިޔާތައްދީ އޭނާގެ ވާތު ކުޑަވައި ބުރިކޮށްލާފައިވޭ
މައްސަލައިގައި ހިމެނޭ މީހުންގެ ނަންމަތީގައި 2 އެޕާޓްމެންޓެއް ނަގާ އެތަނުގައި މަސްތުވާކަތީގެ ވިޔަފާރިކުރަމުންދޭ

މީހަކު ރަހީނުކޮށް އޭނާލައްވާ މަސްތުވާތަކެތި ވިއްކާ އިނގިލި ބުރިކޮށްލި މައްސަލައިގައި އެމްއެންޑީއެފްގެ ދެ އޮފިސަރުންނާއި 3 ކުޑަކުދިން ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.

މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ 2024 މެއި 25 ވަނަ ދުވަހުން ފެށިގެން 2024 ޖޫން 25 ވަނަ ދުވަހާއި ހަމައަށް މަލޭގެ ގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓައި، އޭނާއަށް ބިރުދައްކައި އޭނާއަށް މަޖުބޫރުކުރުވައިގެން އޭނާލައްވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުވައި، އޭނާއާއި މެދު މާރާމާރީ ހިންގައި، އޭނާއަށް ޖިސްމާނީގޮތުން ބޮޑެތި އަނިޔާތައްދީ އޭނާގެ ވާތު ކުޑަވައި ބުރިކޮށްލާފައިވާ ކަމަށެވެ.

Advertisement

މި މައްސަލައިގެ ތަފްސީލު ދެއްވަމުން ޝިފާއު ވިދާޅުވީ މި މައްސަލަ ހުށަހެޅުނީ ޖޫން 25 ވަނަ ދުވަހުގެ މެންދުރު، ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން އެވަގުތު ހުޅުމާލޭ ހޮސްޕިޓަލުގައި ޑިއުޓީ ކުރަމުންގެންދިޔަ ފުލުހުންގެ ސަމާލުކަމަށް އެކަން އައި ހިސާބުން ކަމަށެވެ. އަދި މި މައްސަލައިގައި އަނިޔާ ލިބިފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާއަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް އޭނާގެ ހަށިގަނޑު ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭނާގެ ވައަތު ލޯމަތީގައި ޖަހައި މާރާމާރީ ހިންގުމުގެ ސަބަބުން އޭނާގެ ވައަތު ލޮލަށް ލޭއަރައި ވައަތު ލޯކައިރި ވަރަށް ބޮޑަށް ދުޅަވެ ނޫފައިގަނެފައިހުރިކަން ފާހަގަކުރެވުނު. މީގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާންޖެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއްކަމަށް ބެލެވޭ ޒަހަމްތަކަކަށް އަދި އޭނާގެ ހަށިގަނޑުގެ އެކިތަންތަނުގައި ތަޅައި މާރާމާރީ ހިންގުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކެއްކަމަށް ބެލެވޭ ޒަހަމްތަކެއް ވެސް ފެންނަން ހުރިކަން ފާހަގަކުރެވޭ. މި އަނިޔާތަކުގެ އިތުރުން ތޫނު ހަތިޔާރެއް ބޭނުންކޮށްގެން އޭނާގެ ވައަތު ކުޑަވާ އިނގިލީގެ 2 ވަނަ ބަނދައިން ފެށިގެން ބުރިކޮށްލާފައިވާކަން ފާހަގަކުރެވުނު.
މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު

ޝިފާއު ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

  • ރ. ކަނދޮޅުދޫ، މެހުރާ - އަލީ ސާމީ 24އ
  • ގދ. ގައްދޫ، ހުދުވެލި - އަހުމަދު ސާއިފް ވަހީދު 18އ
  • ތ. ތިމަރަފުށި، އުތުރުގެ އާގެ - މުހައްމަދު ނައުޝާން ހުސައިން 21އ
  • ކ. މާފުށި، ފުލްމޫން - މުހައްމަދު ނަފާހު 23އ (އެމްއެންޑީއެފް ވަޒީފާގައި)
  • ލ. ގަން، ތުނޑި/ލިންކް - އަހުމަދު ޒަޔާން 24އ (އެމްއެންޑީއެފް ވަޒީފާގައި)

ޝިފާއު ވިދާޅުވީ މި 5 މީހުންގެ ތެރެއިން 4 މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު އެކަކު ތަހުގީގު ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ތަހުގީގު ނިމެންދެން ބަންދުކުރީ ނަފާހުއެވެ.

މި މައްސަލައިގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ 3 ކުދިން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގައި ހިމެނޭ މުހައްމަދު ނަފާހުއާއި ޒަޔާން އަކީ އެމްއެންޑީއެފްގެ ވަޒީފާ އަދާކުރަމުންދާ ދެމީހުން ކަމަށް ޝިފާއު ވިދާޅުވިއެވެ.

މައްސަލައިގައި ތުހުމަތުގައި ހިމެނޭ ސާމީ، ސައިފް އަދި ނައުޝާން އަކީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ މީހުން ކަމަށާއި، އަނެއް ދެމީހުންނަކީ ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށް ޝިފާއު ވިދާޅުވިއެވެ.

މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވޭ ކަންތައްތަކަށް ބަލާއިރު ތުހުމަތުކުރެވޭ ފަރާތުން އަމިޔާ ލިބުނު ފަރާތް ހުއްދަ ނޫން ގޮތުގައި ހިފެހެއްޓައިގެން ގެންގުޅެފައިވަނީ ތުހުމަތުކުރެވޭ ފަރާތްތަކުން މާލޭގައި ކުއްޔަށް ހިފާފައިވާ ދެ އެޕާޓްމަންޓުގައި. މި އެޕާޓްމަންޓުތައް ބަލާ ފާސްކުރި އިރު މައްސަލައިގައި ހިމެނޭ ބައެއް ފަރާތްތަކުގެ މަތީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގެ ލިޔެކިޔުން ފެނިފައިވޭ. ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓްތަކުގައި އޮފީސް ހިންގުމަށް ތަންކޮޅެއް ހަދާ ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓޮޕް ފަދަ ވަސީލަތްތައް ހުރި.
މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު

ޝިފާއު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައިވަނީ މި މައްސަލައަކީ މަސްތުވާތަކެތީގެ މުއާމަލާތްތަކާއި ގުޅިގެން ހިންގާފައިވާ ކަމެއް ކަމާއި، އަދި އަނިޔާ ލިބުނު ފަރާތް މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެޕާޓްމަންޓުން މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް