ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން އަތުލައިގަނެފައިވަނީ މެލޭޝިޔާގެ ރައްޔިތެއް ކަމަށްވާ، 44 އަހަރުގެ އެން ޖީ ތަމް ލިޕް އަދި 41 އަހަރުގެ ކޯރ ހުއާން ބޫން އެވެ.
ބުދަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އޮފިސަރު ވިދާޅުވީ އެ ދެ މީހުން އަތުލައިގަތީ، ޖުލައި މަހުގެ 27 ވަނަ ދުވަހު އެމިރޭޓްސް ފްލައިޓަކުން ރާއްޖެ އައި މެލޭޝިއާ މީހެއްގެ އަތުން މަސްތުވާތަކެތި ފެނުމުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.
އޮފިސަރު ވިދާޅުވީ މިދެ މީހުން ތިބީ އެއް ހޮޓެލްގައި ޗެކިން ވެގެން ކަމަށާއި، މުއާމަލާތް ކުރަމުން ގެންދިޔައީ ވީޗެޓް ގުރޫޕެއްގައި ކަމަށެވެ. އަދި އެގުރޫޕްގައި 7 މީހުން ހިމެނޭ ކަމަށް އޮފިސަރު ވިދާޅުވިއެވެ.
މީގެ އިތުރުން އޮފިސަރު ވިދާޅުވީ އެމީހުންގެ އަތުން މުޅި ޖުމްލަ 13.5 ކިލޯގެ ކެނަބިސް ހޯދިފައިވާ ކަމަށާއި، މި މަސްތުވާތަކެއްޗަކީ ޔޫކޭއަށް ގެންދަން އުޅުނު ތަކެތި ކަމަށް މިހާތަނަށް ހޯދި ހޯދުންތަކަށް އެނގިފައިވާ ކަމަށެވެ.
މިކޭސްގައި ވެސް މަސްތުވާތަކެތީގެ ބަރުދަނުގައި 13.5 ކިލޯގެ ކެނަބިސް ހުރިކަން ފާހަގަކޮށްލަން. މިމައްސަލާގައި ތަހުގީގަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މިދެ މީހުންނަކީ ވެސް ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމަށް އިސްކޮށް އުޅޭ ބައެއްކަން. އެގޮތުން މިމަސްތުވާތަކެއްޗަކީ ވެސް މިމީހުން ޔޫކޭއަށް ގެންދަން ރާވާފައި ހުރި މަސްތުވާތަކެތިކަން ފާހަގަކުރެވުނު. މި ނެޓްވޯކްގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ގިނަ އަދަދެއްގެ ބަޔަކު މިކަމުގައި ބައިވެރިކޮށްގެން އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދެމުން ގެންދާކަން. އަދި ރާއްޖެއަށް މިގެނައި މަސްތުވާތަކެތި ވެސް އިތުރަށް ޕެކިން ބަދަލުކޮށްގެން ގެންދަން ރާވާފައި އޮތްކަން. މިކަމާ ގުޅިގެން މިމައްސަލާގައި ހިމެނޭ މީހުން ގުޅޭ ގައުމުތަކާ ކޯޑިނޭޓްކޮށްގެން އިންޓަޕޯލްއާ ގުޅިގެން މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާކަން ފާހަގަކުރަން.ފުލުހުންގެ އޮފިސަރު
ފުލުހުން ބުނީ އިންޓަރޕޯލްއާ ގުޅިގެން މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.