ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގައި ނެތް ކަމަށާއި އެކަން ހުއްޓިއްޖެ ކަމަށް އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މުހައްމަދު އިހުސާން ވިދާޅުވީ ސްކޫލްތައް އެއް ދަންފަޅިއަކަށް ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް މިދިޔަ ސަރުކާރުން ކުރަން ފަށާފައިވާ ކަމަށާއި، އެކަން ކުރަމުން ދިޔައީ ސްކޫލްތަކުގެ ތެރެއިން އިންފްރާސްޓްރަކްޗަރ ބޭނުންވާ ސްކޫލްތައް ދެނެގަނެ އެ މަސައްކަތް ކުރަމުން ކަމަށެވެ.
އިހުސާން ވިދާޅުވީ ބައެއް ސްކޫލްތައް ހުރީ އެއްދަންފަޅިއަށް ކިޔަވައިދިން ނަމަވެސް ދެ ދަންފަޅިއަކަށްވެސް ކައިރި މުސްތަގުބަލެއްގައި ކިޔަވައިދޭން ޖެހޭ ހިސާބުގައި ކަމަށާއި، އެކަންކަމަށް ބަލާ އެކަންވިޔަ ނުދިނުމަށް ވެސް ދިޔައީ މަސައްކަތް ކުރަމުން ކަމަށެވެ.
އިހުސާން ވިދާޅުވީ މިދިޔަ ސަރުކާރުގައި ތައުލީމީ ދާއިރާގެ ޕްރޮޖެކްޓެއް ނުހިނގާ ރަށެއް މަދުވާނެ ކަމަށާއި، އެކަންކަން ކުރަމުންދިޔައީ ވަށާޖެހޭ ހައްލެއް ހޯދުމަށް ކަމަށެވެ. މާލޭ ސަރަހައްދުގައިވެސް އެއް ދަންފަޅި ސްކޫލްތަކެއް ހުޅިވިގެން ދިޔަ ކަމަށާއި، އަމާޒަކަށް ވެގެންދިޔައީ އަލަށް ހުޅުވޭ ސްކޫލްތައްވެސް އެއްދަންފަޅިއަށް ކިޔަވައިދެވޭ ގޮތަށް ތަރައްގީކުރުން ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވި ހިސާބުން އެހެން ދިމާލަކަށް މިސްރާބު ޖަހާފައިވާ ކަމަށެވެ.
އިއްޒުއްދީން ސްކޫލް ބަންދުކުރުމަށް މިސްރާބު ހުރީ. ސަލާހުއްދީން ސްކޫލް ދެ ދަންފަޅި ސްކޫލެއްގެ ގޮތުގައި ހަދާ އާބާދީވެސް 2000ށް ވުރެއް މައްޗަށް ގޮސްފި. އަމާޒު ހާސިލްކުރުމަށް މިސްރާބު ނެތިދާކަމަށް ލަފާކުރެވެނީ.އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން
އިހުސާން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ސްކޫލްތަކުގެ އިންފްރާ ސްޓްރަކްޗަރ ބިނާކުރަމުންދިޔައީ ރޭވިގެން ސްކޫލްތަކަށް ބޭނުންވާ ޖާގަ އިތުރުކުރަމުން ކަމަށެވެ. އަދި އަމާޒަކަށްވެފައި އޮތީ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކޮށް ތައުލީމީ ނިޒާމް ހަރުދަނާކުރުން ކަމަށާއި، ނަމަވެސް މި ސަރުކާރު އައި ފަހުން އަމާޒެއް ނެތި އުސޫލުތައް ބަދަލު ގެނެސް ގިނަ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.