ޔޫކްރެއިނުން ރަޝިއާގެ ވެރިރަށް މޮސްކޯ އަށް ހަމަލާ ދީފިއެވެ.
އަންގާރަ ދުވަހު ދިން މި ހަމަލާއަކީ ޔުކްރެއިނުން މިހާތަނަށް ރަޝިއާގެ ވެރިރަށް މޮސްކޯ ސަރަހައްދަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާގައި މަދުވެގެން އެއް އަންހެނަކު މަރުވެ، ގިނަ އަދަދެއްގެ ގެތަކަށް ގެއްލުން ލިބި، މޮސްކޯ ސަރަޙައްދުގެ ވައިގެ ބަނދަރުތަކުން ގާތްގަނޑަކަށް 50 ފްލައިޓް އެހެން ދިމަދިމާލަށް މިސްރާބު ބަދަލުކުރަން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ބާރު ކަމުގައިވާ ރަޝިއާއިން ބުނީ މޮސްކޯ ސަރަޙައްދަށް ވަތް ޑްރޯންތަކުގެ ތެރެއިން މަދުވެގެން 20 ޑްރޯން ނައްތާލެވުނު ކަމަށެވެ. މޮސްކޯ ސަރަހައްދަކީ 21 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ސަރަހައްދެކެވެ.
ރަޝިޔާގެ އޮފިޝަލުން ބުނާ ގޮތުގައި މަދުވެގެން އެކަކު ޔޫކްރެއިންގެ ހަމަލާގައި މޮސްކޯ ސަރަހައްދުން މަރުވެފައިވެއެވެ. މީގެ އިތުރުން މޮސްކޯގެ 4 ވައިގެ ބަނދަރުގެ ތެރެއިން 3 ވައިގެ ބަނދަރު ހަ ގަޑީއިރަށް ވުރެ ގިނަ ވަގުތު ބަންދުކުރަން ޖެހުނު ކަމަށްވެސް ރަޝިއާގެ އޮފިޝަލުން ބުނެފައިވެއެވެ.
ކީވްއިން ބުނެފައިވަނީ ހޯމަ ދުވަހުގެ ރޭ 46 ޑްރޯން ހަމަލާ ރަޝިއާ އިން ދިންކަމަށާއި، އޭގެތެރެއިން 38 ޑްރޯން ވައްޓާލި ކަމަށެވެ.
ރަޝިޔާއަށް ދެވުނު ޑްރޯން ހަމަލާތަކުގައި މޮސްކޯ ސަރަޙައްދުގެ ރަމެންސްކެޔޭ ގައި ހުރި އުސް އެޕާޓްމަންޓް އިމާރާތްތަކަށް ގެއްލުން ލިބި، އިމާރާތުގައި އަލިފާން ރޯވިކަމަށް އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ރޮއިޓަރސް އަށް މަޢުލޫމާތު ދީފައިވެއެވެ.
ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި އެއްކޮޅުން ރަޝިޔާއިން އިރުމަތީ ޔުކްރެއިން ގައި ކުރި ހޯދަމުން ދާއިރު، ކީވް އިން ވަނީ ރަޝިޔާ ގެ ސަރަހައްދީ ރޮނގު ފޫއަޅުވާލާ މި ހަނގުރާމަ ރަޝިޔާ ސަރަޙައްދަށް ގެންގޮސްފައިވެއެވެ. މިގޮތުން އޯގަސްޓް 6 ގައި ރަޝިޔާގެ ހުޅަނގު ކޮޅުގައި އޮންނަ ކާސްކް ސަރަޙައްދަށް ބޯޑަރު ހުރަސްކޮށް ހަމަލާދީ، ރަޝިޔާގެ ސަރަޙައްދުތަކަށް ބޮޑެތި ޑްރޯން ހަމަލާތައް ޔޫކްރެއިން ސިފައިން އަންނަނީ ދެމުންނެވެ.
މީގެ އިތުރުން، ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ ޔުކްރެއިންގެ އިރުމަތީ ސަރަޙައްދުގައިވާ ކަރަސްނޮހޮރިވްކާ ޓައުން ރަޝިޔާ އިން ހިފާފައިވާ ކަމަށެވެ. އާއި ޑޮނެޓްސްކް ސަރަޙައްދުގެ އެކި ހިސާބުތަކުގައިވާ ތިން ވިލެޖެއް ރަޝިއާ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.