ޔޫކްރެއިން އާ އެކު ވާހަކަ ދައްކަން ރަޝިޔާއިން އޮތީ ތައްޔާރަށް ކަމަށް ރަޝިޔާގެ ރައީސް ވުލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.
ޕުޓިން ބުރާސްފަތި ދުވަހު މިހެން ވިދާޅުވިއިރު ޔުކްރެއިނުން ކާސްކް ސަރަޙައްދަށް ހަމަލާދެމުން ދިޔައިރު، މަޝްވަރާކުރުމުގެ ޚިޔާލާ އެމަނިކުފާނު ވަނީ ދެކޮޅު ހައްދަވާފައިވެއެވެ.
އޯގަސްޓް މަހު ޔުކްރެއިނުން ރަޝިޔާގެ ކާސްކް ސަރަޙައްދަށް ދިން ސިހުން ގެނުވި ހަމަލާ އާއެކު ރަޝިޔާގެ ބޯޑަރު ހުރަސްކޮށް އެތައް ހާސް ޔުކްރެއިން ސިފައިން ރަޝިޔާގެ ކާސްކް އަށް އަރާ ސަރަހައްދުގެ އެތައް އަވަށެއް ޔޫކްރެއިން ސިފައިންގެ ބާރުގެ ދަށަށް ގެންނަމުން ދިޔަ ދުވަސްވަރު، މަޝްވަރާ އާ ބެހޭ ގޮތުން ޕުޓިން ވިދާޅުވީ މަޝްވަރާކުރުމަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.
ވްލަޑިވޮސްޓޮކް ސިޓީގައި ބޭއްވުނު ރަޝިޔާގެ އީސްޓަން އިކޮނޮމިކް ފޯރަމްގެ ސުވާލާއި ޖަވާބު ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުން، ޕުޓިން ވިދާޅުވީ ރަޝިޔާއިން މަޝްވަރާކުރުމަށް ތައްޔާރު ކަމަށެވެ. ނަމަވެސް، ޕުޓިން ވިދާޅުވީ، އެކަން ކުރާނީ 2022 ވަނަ އަހަރު އިސްތަންބޫލްގައި މޮސްކޯއާއި ކީވް އާ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގެ މަތިން ކަމަށެވެ. މި މަޝްވަރާތަކުގެ ތަފްސީލު ހާމަ ކޮށްފައެއް ނުވެއެވެ.
"ރަޝިޔާ އިން އެމީހުންނާއެކު މަޝްވަރާކުރަން ތައްޔާރުތޯ؟ ރަޝިޔާ އިން އެކަމަށް ދުވަހަކުވެސް އިންކާރުކޮށްފައެއް ނުވާނެ، އެކަމަކު އެކަން ކުރާނީ ވަގުތީ ޝަރުތުތަކެއްގެ މައްޗަކަށް ނޫން، އިސްތަންބޫލްގައި އެއްބަސްވެވުނު އަދި އިނީޝަލް ކުރެވުނު ލިޔެކިޔުންތަކުގެ މައްޗަށް،" ޕުޓިން ވިދާޅުވިއެވެ.
2022 ވަނަ އަހަރުގެ ފަހުކޮޅު، ރަޝިޔާއިން ޔުކްރެއިނަށް އެރި ދުވަސްވަރު، ދެ ޤައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމަކާ ކައިރިވެފައިވާ ކަމަށް ކްރެމްލިން އިން އެތައް ފަހަރަކު ބުނެފައިވެއެވެ.
"އަޅުގަނޑުމެންނަށް އެއްބަސްވުމަކަށް އާދެވުނު، އެއީ މައިގަނޑު ނުކުތާއަކީ، ޔުކްރެއިން ވަފުދުގެ އިސްވެރިޔާ މި ލިޔުމުގައި، ސޮއިކުރެއްވާފައި އޮތުމުން އެ އެއްބަސްވުމަކީ ޔޫކްރެއިން އިން ވެސް ގަބޫލު ކުރާ އެއްޗެއްކަން ހެކިދޭ، އޭގެ މާނައަކީ ޔުކްރެއިން ފަރާތުން މި އެއްބަސްވުންތަކާމެދު ޖުމްލަގޮތެއްގައި ހިތްހަމަޖެހޭ ކަމަށް،" ޕުޓިން ވިދާޅުވިއެވެ.
މި އެއްބަސްވުން ތަންފީޒު ނުކުރެވުނީ އެކަން ނުކުރުމަށް ޔުކްރެއިން އަށް ލިބުނު އިރުޝާދާ ގުޅިގެން ކަމަށް ޕުޓިން ވިދާޅުވިއެވެ. އެއީ އެމެރިކާގެ އަދި ޔޫރަޕުގެ ބައެއް ޤައުމުތަކުގެ އިސްވެރިން ރަޝިޔާ ބޮޑު ބައްޔަކުން ބަލިވާން ކުރި އުއްމީދުގެ ސަބަބުން ކަމަށް ޕުޓިން ވިދާޅުވިއެވެ.