ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުމަށް ސަރުކާރުން ނިންމައިފިއެވެ.
އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ހަރަދު ކުޑަކޮށް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) މާޖް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދެ ކުންފުނި 31 ޖެނުއަރީ 2025 އަށް މާޖު ކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މިކަަމުގެ ސަބަބުން ވަރަށް ދެކުންފުންޏަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށާއި، ގިނަ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން ޖުމްލަ 8 އެއާޕޯޓު އެއްކޮށްލާނެ ކަމަށެވެ.
އެމްއޭސީއެލްއިން ބަލަހައްޓަމުންދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އަދި ރާއްޖޭގެ އެހެން ހުރިހާ އެއާޕޯޓެއް ބަލަހައްޓަމުންދަނީ އާރުއޭސީއެލް އިންނެވެ.
މި އަމާޒަށް އެއްކޮށް ވާސީލުވެވޭނެ ކަމަށް ޓާގެޓުކުރީ 31 ޖެނުއަރީ 2025 އަށް ކަމަށާއި، ކޯޕަރޭޓް ގަވަރަނެންސް އުސޫލުން މި ދެ ކުންފުނިން ނިންމަން ޖެހޭ ނިންމުންތަކާއި، އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ބުނެވިދިޔަ ތާރީޚުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް. އަދި މިކަަމުގެ ސަބަބުން ވަރަށް ބޮޑު ސޭވިންގ އެއް އަންނާނެ ކަމަށާއި، ދެ ކުންފުނީގެ އެލައިންމެންޓުގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުން ތަކެއް އަންނާނެ ކަމަށް. މިގޮތުން ހަނިމާދޫ ވެސް ހިމެނޭގޮތަށް 8 އެއަރޕޯޓެއް މި މަސައްކަތުގެ ތެރޭގައި މާޖް ކުރެވިގެން ދާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ.އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ހަރަދު ކުޑަކޮށް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެމްއޭސީއެލް އާއި އާރުއޭސީއެލް މާޖް ކުރުމަށް ނިންމާފައިވާއިރު، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަކީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ވެސް މާޖް ކުރުމަށް ވަނީ ނިންމާފައެވެ.
އިތުރު ތަފްސީލުތައް ދެއްވައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ މީގެފަހުން ސަރުކާރުގެ ހުރިހާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނީ އެފްޑީސީގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ އެޗްޑީސީ ވާނީ ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ އާބަން ސެންޓަރުތައް ތަރައްގީކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރާ ކުންފުންޏަށް ކަމަށެވެ.
މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އެޗްޑީސީގެ ހިއްސާ އާންމުންނަށް ވިއްކުން ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިކަމުގެ ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށެވެ.