އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވެއްޖެ އެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވެސް އާސެނަލް ވަނީ މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި އާސެނަލް އިން އެ ޓީމުގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ. މެޗުގަައި އާސެނަލް އިން ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ.
ދެ ވަނަ ހާފު ފަށައިގެން މެޗުގެ 67 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ލެއަންޑްރޯ ޓްރޮސާޑް އެވެ. އޭގެ ކުރިން ވެސް މެޗުގައި އާސެނަލަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ. މެޗުގައި އާސެނަލްގެ ދެ ވަނަ ލަނޑު ޖެހީ ތޯމަސް ޕާޓޭ އެވެ. މެޗުގެ 77 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މޮޅާއެކު އާސެނަލް ތިން ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ދެ ވަނައިގައި އޮތް ބްރައިޓަން އަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. އާސެނަލް އަކީ އެންމެ ފަހުން މިދިޔަ ދެ ސީޒަންގައި ވެސް ލީގަށް ވާދަކުރި ޓީމެކެވެ.