އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ސައުދީ ބުދަ ދުވަހު ހަމަޖައްސައިފިއެވެ.
މި ކަން ހާމަކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން އިން ބުދަ ދުވަހުގެ ހަވީރު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މި މަޤާމުގައި ކުރިން ހުންނެވި އަބްދުﷲ ޒިޔާދު ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ގެ މަގާމަށް ބަދަލުކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ. ޒިޔާދު އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައެވެ. އޭގެ ކުރިން އޭނާ ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގައި މަސައްކަތްކުރައްވާފައެވެ.
އަލަށް އައްޔަންކުރެވުނު ސައުދީ އެންމެ ފަހުން ހުންނެވީ ޑރ. މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ސިޓީ ކައުންސިލް އިން ހަމަޖެއްސި މަގާމެއްގައެވެ. އޭގެ ކުރިން އޭނާ ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައެވެ. އޭނާގެ ޚިދުމަތުގެ އެންމެ ގިނަ ދުވަސް ހޭދަ ކުރެއްވީ މޯލްޑިވްސް ޕޮލިސް ސާވިސް ގައެވެ. ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ މަޝްރޫއުތައް ހިންގާ ކުންފުނީގެ އެންމެ އިސް މަގާމަށް ސައުދީ އައްޔަން ކުރެވުނު އިރު އޭނާ އަކީ ކުންފުންޏެއްގެ އިސް ފަންތީގައި މަސައްކަތް ކުރެއްވި އަދި އެ ރޮނގުން ތަޖުރިބާ ހުރި ފަރާތެއް ނޫންކަން ފާހަގަ ކުރެވެއެވެ.
ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު އެމްޓީސީސީ އަކީ އެންމެ ރަނގަޅަށް، ހަރުދަނާކޮށް ހިންގި އެއް ކުންފުންޏެވެ. ވިދިވިދިގެން 3 އަހަރު، ކޮންމެ އަހަރަކު 200 މިލިއަން ރުފިޔާގެ ފައިދާ ރިޕޯޓްކުރަމުން އައި ކުންފުންޏެކެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އެމްޓީސީސީއަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 41.77 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 56.48 މިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެކެވެ.