ކ. މާލެ
|
16 އޯގަސްޓް 2024 | ހުކުރު 22:49
ޕައެޓޮންޓާން ޝިނަވާޓް
ޕައެޓޮންޓާން ޝިނަވާޓް
އޭޕީ
ތައިލޭންޑްގެ ބޮޑު ވަޒީރު
ތައިލޭންޑްގެ ބޮޑު ވަޒީރު ކަމަށް 37 އަހަރުގެ ޕައެޓޮންޓާން
ތައިލޭންޑްގެ ބޮޑުވަޒީރު ކަމަށް އިންތިޚާބު ކުރި ޕައެޓޮންޓާން ޝިނަވާޓް އަކީ މިހާތަނަށް އެ މާގާމަށް އިންތިޚާބުވި އެންމެ ހަގު ބޮޑުވަޒީރެވެ.
ޚަބަރުގެ އޯޑިއޯ

ތައިލޭންޑްގެ ބޮޑުވަޒީރު ކަމަށް އުމުރުން 37 އަހަރުގެ ޕައެޓޮންޓާން ޝިނަވާޓް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ހުކުރު ދުވަހު އިންތިޚާބު ކޮށްފިއެވެ.

ކުރީގެ ބޮޑުވަޒީރު، ބިލިއަނަރ ތަކްސިން ޝިނަވާޓް ގެ އެންމެ ހަގު ދަރިކަނބަލުން ބޮޑު ވަޒީރު ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިންތިޚާބު ކުރުމުން އެކަމަނާ ހިމެނިވަޑައިގެންފައިވަނީ އެ ގައުމުގައި ބޮޑުވަޒީރު ކަމަށް އިންތިޚާބުވި އެންމެ ހަގު ބޭފުޅާގެ އިތުރުން އެ އާއިލާ އިން ބޮޑު ވަޒީރު ކަން ކުރައްވާ ތިންވަނަ ފަރާތުގެ ގޮތުގައެވެ.

ޕުއަ ތައި ޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި ޕައެޓޮންޓާން ޝިނަވާޓް މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ ކޯލިޝަންގައި ހިމެނޭ 10 ޕާޓީގެ ބައްދަލުވުމަކަށް ބުރާސްފަތި ދުވަހުގެ ރޭ ހުށަހެޅި އިރު އެހެން ޕާޓީއަކުން ނަމެއް ހުށަހަޅާފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕުއަ ތައި ޕާޓީ އާއި ކޯލިޝަން ބައިވެރިން ގާނޫނު ހަދާ މަޖިލީހުގެ 493 ގޮނޑީގެ ތެރެއިން 314 ގޮނޑި ކޮންޓްރޯލް ކުރެއެވެ. ބޮޑު ވަޒީރުގެ މަގާމަށް ހޮވިވަޑައިގަތުމަށް ޕައެޓޮންޓާން ޝިނަވާޓް އަށް ބޭނުންވަނީ މަދުވެގެން ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި ވޯޓެވެ.

ޕައެޓޮންޓާން މިހާތަނަށް ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާ ކުރައްވާފައެއް ނުވެއެވެ. އޭނާ މީގެ ތިން އަހަރު ކުރިން ސިޔާސީ މައިދާނަށް ނުކުންނެވުމާ ހަމައަށް އުޅުއްވާފައިވަނީ އާއިލީ ވިޔަފާރީގެ ތެރޭގައި ހިމެނޭ ހޮޓާ ވިޔަފާރި ހިންގެވުމުގައެވެ.

ތައިލެންޑުގެ ބޮޑުވަޒީރު ގެ މަގާމު ހުސްވީ އެ ގައުމުގެ އެންމެ މަތީ ކޯޓުން ބޮޑު ވަޒީރު ކަމުގައި ހުންނެވި ސެތާ ތަވިސިންގެ މަގާމު ގެއްލުވާލުމާ ގުޅިގެންނެވެ.

ކޯޓުން ތަވިސިން އަށް މަގާމު ގެއްލިއްޖެ ކަމަށް ހުކުމް ކުރީ 2008 ވަނަ އަހަރު ޖަލު ހުކުމެއް ކޮށްފައިވާ ކުރީގެ ގާނޫނީ ވަކީލަކު އޭނާގެ ކެބިނެޓްގެ މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރުމުން ބޮޑު ވަޒީރުގެ ކިބައިގައި ހުންނަން ޖެހޭ އަޚްލާގީ އަދި ސުލޫކީ މިންގަނޑު ފަހަނަ އަޅާ ހިނގައްޖެ ކަމަށް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް