ކަންބޮޑުވުންތަކައް ހައްލު ނުލިބޭ ނަމަ އަދިވެސް މުޒާހަރާ ކުރާނެ ކަމަށް އެމްޕީއެލް އިން ޚިދުމަތް ހޯދަމުން އަންނަ ބޯޓުފަހަރުގެ ވެރިން ބުނެފިއެވެ.
ނޯތު ހާބަރުގެ ޚިދުމަތް ލިބުމުގައި ހުރި ކަންބޮޑުވުންތައް ބޮޑުވެ، އެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކާ ބޯޓު ފަހަރުގެ ވެރިންނާއި އުޅަނދުފަހަރުގެ ކައްޕިން ވަނީ ހޮނިހިރު ދުވަހު މުޒާހަރާކޮށްފައެވެ. އަދި އާދިއްތަ ދުވަހު އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އާއި އުޅަނދު ފަހަރުގެ ވެރިން ވަނީ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެމުން ބޯޓު ފަހަރުގެ ވެރިން ވަނީ ނޯތް ހާބަރުން ޚިދުމަތް ހޯދަމުންދާ ބޯޓު ފަހަރު ރަމްޒުކޮށްދެނީ މުޅި ރާއްޖެ ކަމަށް ބުނެފައެވެ. އެ ބައްދަލުވުމުގައި އުޅަނދު ފަހަރުގެ ވެރިންގެ ކަންބޮޑުވުންތައް، އެމްޕީއެލްގެ އިސް ވެރިން ވަނީ އަޑު އަހާފައި ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމަށް ސީއީއޯ ވިދާޅުވެފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.
ކަންބޮޑުވުންތައް އެބަ ހުރި. އެތެރޭގެ ތަފާތުކުރުންތައް. މުވައްޒަފުން ބޯޓުފަހަރާއި މުއާމަލާތު ކުރާ ގޮތް. އަގަށް ބަދަލު ގެނައުމާއި. ޚިދުމަތް ދިނުމުގަ ތަފާތު ކުރުމާއި. ވައްކަން ކުރުމާއި. ފުދޭވަރަކަށް ގިނަ ކަންކަން ހުރި. އެ ހުރިހާ ކަމެއް ޝެއަރކޮށްފައި އައީ. ގިނައިން މިތިބީ ވެރިން ބޯޓު ފަހަރުގެ.ބޯޓެއްގެ ވެރިއެއް
ކުރިން 3 ދުވަހުން ބަރުކޮށްގެން އަނބުރާ ރަށަށް ދަތުރުކުރާ ބޯޓު ފަހަރުތައް މިހާރު 6 ދުވަސް މާލޭގައި ހޭދަކުރަން ޖެހޭ ކަަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެންކަމުން ޚިދުމަތުގެ އަގަށް ބަދަލު ގެނައުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އުޅަނދު ފަހަރުގެ ވެރިން ވަނީ ބުނެފައެވެ. ސަރުކާރުން ވަނީ އެކަންކަން ހައްލުކުރުމަށް ވަގުތުކޮޅެއް ބޭނުންވާ ކަމަށް ބުނެފައި ކަމަށާއި މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް އެމްޕީއެލް އާއި ބައްދަލުކުރާނެ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ސެކިއުރިޓީ ދަށްވުމުގެ ސަބަބުން އެއްޗެހި ގެއްލުމަކީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ބޯޓުފަހަރުގެ ވެރިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ބޯޓުފަހަރުގައި މަސައްކަތް ކުރާ މީހުންނާއި ނޯތް ހަރބަރުގެ އިސް ފަރާތްތަކާއި ބައްދަލު ނުވާ ކަމަށާއި މަސައްކަތް ކުރެވެނީ ވެސް ވަރަށް ދުރުދުރުން ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ކުރިއަށް އޮތްތަނުގައި މަހަކު އެއް ފަހަރު ބޯޓުފަހަރުގެ ވެރިންނާއި އެކު ބައްދަލުވުންތައް ބާއްވާނެ ކަމަށް އެމްޕީއެލް އިން ބުނެފައިވާ ކަމަށް ބޯޓުފަހަރުގެ ވެރިން ވަނީ ބުނެފައެވެ.