ބައިނަލް އަގްވާމީ ދަތުރުފަތުރުގައި އުޅޭ ބޯޓު ފަހަރަށް ބަންކަރިންގެ ޚިދުމަތް ދިނުމަށްޓަކައި އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ގެ ޚިދުމަތް ފަށައިގަތުމުގެ ހުރިހާ މަރުޙަލާއެއް ނިމި ފަށަން ތައްޔާރުވެފައި އޮތް މަޝްރޫއެއްކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ގެ ޚިދުމަތް ފެށުމަކީ ހުރިހާ ހިސާބެއްޖަހައި، ބޯޓާ، ކަމަށް ބޭނުންވާ ފަންޑުވެސް ހޯދާފައިވާ މަޝްރޫއެއް ކަމަށެވެ. އެގޮތުން އެސްޓީއޯއަށް ސަރުކާރުން ބޭނުންވާ ހުއްދަތައް ހޯދާ ނިމިފައި ވާ ކަންވެސް އަމްރު ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން، އެ މަޝްރޫއަކީ އެންމެ ފަހު ސްޓޭޖްގައި އޮތް މަޝްރޫއެއް ކަން ފާހަގަ ކުރައްވައި އަމްރު ވިދާޅުވީ، އެއީ ތަބަކަކަށް ލާފައި މި ސަރުކާރަށް ލިބުނު ޕްރޮޖެކްޓެއް ކަމަށެވެ.
އަމްރު ވިދާޅުވާ ގޮތުގައި އެއީ ސަރުކާރުން ފުރަތަމަ މަހުވެސް ފެށެން އޮތް މަޝްރޫއެކެވެ. ނަމަވެސް އަހަރެއް ވެގެންދާއިރު މި މަޝްރޫއު ނުފެށި އޮތީ ސަރުކާރުގެ ދޯހަޅިކަމުންކަން އަމްރު ފާހަގަ ކުރެއްވިއެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ވިޔަފާރި ފަށައިގަނެވޭނެ ކަމަށެވެ.
އޭގެ ފަހުން، މާޗު މަހުގެ 27 ގައި ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގައި، ސަރުކާރުގެ ކެންޑިޑޭޓަށް ތާއީދު ހޯދަން، ހޯރަފުށީގައި ބޭއްވި ޖަލްސާ އެއްގައި ބަންކަރިން ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ޖޫން މަހުގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށެވެ.
ނަމަވެސް ސަރުކާރުން އަނެއްކާވެސް އެ ޑެޑްލައިން ފަސްކޮށް، ދާދި ފަހުން ސައީދު ވަނީ އޮގަސްޓު މަހު ތެރޭގައި އިހަވަންދިއްޕޮޅުގައި އެ މަޝްރޫއު ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.
އިހަވަންދިއްޕޮޅު ގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި މި ސަރުކާރުން ހިންގާނެ ކަމަށް ބުނާ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެކުލަވާލާ މަޝްރޫއުގެ ޓާރމް ޝީޓުގައި މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު ވަނީ ސޮއި ކޮށްފައެވެ.
މި ޓާމް ޝީޓަކީ، ބަންކަރިން ވިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި ދެ ފަރާތުން ނިންމަން ޖެހޭ ލިޔެކިޔުންތައް ވަކި ތާރީޚެއްގެ ތެރޭ ނިންމަން ސޮއި ކުރެވޭ އެއްބަސްވުމެއް ކަމަށް އޭރު ވަނީ ބުނެފައެވެ.