ކ. މާލެ
|
29 ޖުލައި 2024 | ހޯމަ 18:07
ވެނެޒުއެލާގެ ރިޔާސީ އިންތިޚާބަށްފަހު ރައީސް ނިކޮލަސް މަދޫރޯ އުފާފާޅުކުރައްވަނީ
ވެނެޒުއެލާގެ ރިޔާސީ އިންތިޚާބަށްފަހު ރައީސް ނިކޮލަސް މަދޫރޯ އުފާފާޅުކުރައްވަނީ
ގެޓީ އިމޭޖަސް
ވެނެޒުއޭލާގެ ރިޔާސީ އިންތިޚާބު
ވެނިޒުއޭލާގެ ރިޔާސީ އިންތިޚާބު ވެރިކަމުގައި މިހާރުވެސް ހުންނެވި މަދޫރޯ ކާމިޔާބު ކުރައްވައިފި
ވޯޓުގެ 80 އިން ސައްތަ ގުނިފައިވާއިރު ރައީސް މަދޫރޯ އަށް 51 އިން ސައްތަ ލިބިފައިވާއިރު، މަދޫރޯ ގެ އެންމެ ބޮޑު ވާދަވެރިޔާ އަށް ލިބިފައިވަނީ 41 އިންސައްތަ އެވެ.

ވެނިޒުއޭލާގެ އިލެކްޝަންސް ކައުންސިލުން މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާ އަށް ބަލާއިރު ރިޔާސީ އިންތިޚާބު ވެރިކަމުގައި މިހާރުވެސް ހުންނެވި ނިކޮލާސް މަދޫރޯ ކާމިޔާބު ކުރައްވައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މަދޫރޯގެ އަރިސް ބޭފުޅެއްގެ ގޮތުގައި ބެލޭވޭ އެ ގައުމުގެ ނޭޝަނަލް އިލެކްޓޯރަލް ކައުންސިލް ގެ ވެރިޔާ އެލްވިސް އެމޮރޯސޯ މިޑީއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވޯޓުގެ 80 އިން ސައްތަ ގުނިފައިވާއިރު ރައީސް މަދޫރޯ އަށް 51 އިންސައްތަ ލިބިފައިވާ ކަމަށާއި މަދޫރޯ ގެ އެންމެ ބޮޑު ވާދަވެރިޔާ އަށް ލިބިފައިވަނީ 41 އިން ސައްތަ ކަމަށެވެ.

ވެނިޒުއޭލާގެ އިދިކޮޅު ޕާޓީތަކުން ބުނެފައިވަނީ އިންތިޚާބުގައި މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށާއި ނަތީޖާ ގަބޫލު ނުކުރާނެ ކަމަށާއި، މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ވެނިޒުއޭލާގެ އިދިކޮޅުން ބުނަނީ އިދިކޮޅު ކެންޑިޑޭޓް އެޑްމުންޑޯ ގޮންޒާލެސް އަށް 70 އިންސައްތަ ވޯޓު ލިބުނު ކަމަށެވެ. އެހެން ކަމުން ހަގީގީ އިންތިޚާބީ ރައީސް އަކީ ގޮންޒާލޭޒް ކަމުގައެވެ.

މަދޫރޯގެ 11 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައުމަށް ވެނިޒުއޭލާގެ އިދިކޮޅު ޕާޓީތަކުން ގުޅިގެން ތާއީދު ކޮށްފައިވަނީ ގޮންޒާލޭޒް އަށެވެ.

އިންތިޚާބާ ގުޅޭ ގޮތުން ހެދި ޚިޔާލު ހޯދުމުގެ ސާވޭ ތަކުންވެސް އަދި ވޯޓަށް ފަހު ހެދި އެގްޒިޓް ޕޯލް ތަކުންވެސް، 29.4 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ވެނިޒުއޭލާގެ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ދައްކާފައިވަނީ އިދިކޮޅު ކެންޑިޑޭޓް ގޮންޒާލޭޒް ކަމަށް ބީބީސީ އިން ބުނެފައި ވެއެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ އެންމެ ބޮޑު ރިޒާވް އޮތް ވެނިޒުއޭލާ އަށް އިގްތިސާދީ ގޮންޖެހުންތައް ކުރިމަތި ވެފައިވާ އިރު މަދޫރޯ ގާތް ގުޅުން ބާއްވަވަމުން ގެންދަވަނީ ވެސް އެމެރިކާ އާ ގުޅުން ގޯސް ގައުމުތަކުގެ ގޮތުގައި ބެލޭ ޗައިނާ، ރަޝިއާ އަދި އީރާން ފަދަ ގައުމުތަކާ އެކުގައެވެ. އިންތިޚާބުގެ ނަތީޖާ އާ ގުޅިގެން މަދޫރޯ ގާތް ގުޅުން ބާއްވަވާ ގައުމުތަކުން އޭނާ އަށް މަރުހަބާ ކިޔާފައި ވާއިރު އަނެއް ބައި ގައުމުތަކުން ވަނީ އިންތިޚާބުގެ ނަތީޖާ އާ މެދު ސުވާލު އުފައްދާފައެވެ،

މިއީ މަދޫރޯގެ ވެރިކަމުގައި އިންތިޚާބުގެ ނަތީޖާ އާ މެދު ސުވާލު އުފެދުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުވެސް މަދޫރޯ ކާމިޔާބު ކުރިކަން އިއުލާން ކުރި ނަމަވެސް އެއީވެސް މިނިވަން އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށް ގިނަ ބަޔަކު ވަނީ ގަބޫލު ކޮށްފައެވެ.

އިންތިޚާބުގެ ކުރިން މަދޫރޯ ވިދާޅުވީ އެއް ގޮތް ނެތިއްޔާ އަނެއް ގޮތަކުން ވެސް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ވެނިއުޒުއޭލާގައި ވޯޓް ލަނީ އިލެކްރޯނިކް ސިސްޓަމް ބޭނުން ކޮށްގެންނެވެ. މި ނިޒާމް މަސައްކަތް ކުރަނީ އެމީހަކަށް ފެންނަ ނަމަކާ ދިމާލުގައި ވޯޓިންގ މެޝިންގައި ހުންނަ ފިތަކަށް އޮބާލުމުން އޭގެ ނަތީޖާ އިންތިޚާބާ ބެހޭ އޮފީހުގައި ރެކޯޑް ކުރެވޭ ގޮތަށެވެ. ފިތައް އޮބާލުމުން ވޯޓުލާ މެޝިނުން އުފައްދާ ރަސީދު ކޮޅު ވޯޓުލާ މަރުކަޒު ގައި ހުންނަ ފޮއްޓަށް ވައްޓާލައެވެ. ފޮއްޓައް ވައްޓާލާ ރަސީދުތައް ބޭނުން ކުރަނީ ނަތީޖާ ޓެލީ ކުރުމުގައެވެ.

އިލެކްޝަން ކައުންސިލް ކިޔާ އަދަދުތަކާއި ފޮށިތަކުގައި ވޯޓު ލާފައި ހުރި ރިސީޓް ތަކުގެ އަދަދު ދިމާވެތޯ ބެލުމުގެ މަސައްކަތް ކުރަމުންދާއިރު އިދިކޮޅު ޕާޓީ ތަކުން ބުނަނީ ވޯޓު ފޮއްޓަށް ލާ ރަސީދުތަކުގެ ހުރިހާ ރެކޯޑެއް އިލެކްޝަންސް ކައުންސިލުން ދީފާއީ ނުވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް