ދިވެހިން ހައްޖަށް ގެންދިއުމުގެ މަސައްކަތް ކުރެއްވި އަދި ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުއްލަތީފް ހުސައިން މަނިކު (އަތަމާ އަބްދުއްލަތީފް) އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޯމަ ދުވަހުއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 94 އަހަރެވެ.
ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި ޖަމާއަތަށް ފައިދާހުރި އެތައް ހިދުމަތަކާ، މިސްކިތް ބިނާކުރެއްވުމާ، ގިނަ އަދަދެއްގެ ދިވެހީން ހައްޖަށް ގެންގޮސްދެއްވުން ފަދަ ދަރުމަވެތި އެތައް ކަމެއް ގައުމަށްކޮށްދެއްވައި، މުޖްތަމައުގެ އިހްތިރާމް ހޯއްދަވާފައިވާ، އަބްދުއްލަތީފް ހުސައިން މަނިކު (އަތަމާ އަބްދުއްލަތީފް) އަކީ ދިވެހި ވިޔަފާރިވެރީންގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި އަދި ދިވެހީންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާ ޢަޒުމާއެކު ސާބިތުކޮށްދެއްވި، ޒަމާނާގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިގްތިސާދަށް ގެނެސްދެއްވުމުގެ މުހިންމު ހިއްސާދާރެކެވެ.
މީގެ އިތުރުން ރައްޔިތުންގެ ލާބަޔާ މަންފާއަށް ހޭދަކުރެއްވުމުގައި އަދި ދީނީ ކަންކަން ކުރިއެރުވުމުގައި އިސްނެންގެވި ފަރާތެކެވެ. ޖަމާއަތަށް ފައިދާހުރި ހާއްސަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން ގައުމީ އިނާމް 1991 ވަނަ އަހަރު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އަތަމާ އަބްދުއްލަތީފް އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަބްދުއްލަތީފް ހުސައިން މަނިކު (އަތަމާ އަބްދުއްލަތީފް) އަވަހާރަވީ ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. ގެއްލިގެން އެދިޔައީ ގައުމަށް ބޮޑެތި މަސައްކަތްތަކެއްކޮށްދެއްވި އަގުހުރި، ތަޖްރިބާކާރު، ނަމޫނާ ޝަހުސިއްޔަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. މުޅި ގައުމަށް ކުރިމަތިވީ ހިތާމައިގެ މި ދަނޑިވަޅު މަރުހޫމުގެ ލޮބުވެތި އާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ދުއާކުރައްވާފައިވެއެވެ. އަދި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި، މާތްﷲގެ ރުހިވޮޑިގަތުމާ، މަޣްފިރަތާ، ރަޙްމަތުގައި މަރުހޫމް އަބްދުއްލަތީފް ހުސައިންމަނިކު ލެއްވުމަށް ދުއާކުރައްވާފައިވެއެެވެ.
އަތަމާ އަބްދުއްލަތީފް އަވަހާރަވުމއި ގުޅިގެން ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މ. މެޑޯޒް އަބްދުއްލަތީފު ހުސައިން މަނިކަކީ ދިވެހިންނަށް ހައްޖުދަތުރު ކުރުމުގެ މަގުފަހިކޮށްދެއްވި ގައުމީ ހިދުމަތްތެރިއެއް ކަމަށެވެ. އަދި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ދުއާދަންނަވާފައިވެއެވެ.