Advertisement
ކ. މާލެ
|
29 ޖުލައި 2024 | ހޯމަ 10:33
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ ރާއްޖެއެމްވީ
ކްލިކު އަދި އެވިޑް ކޮލެޖަށް ފިޔަވަޅު އެޅުން
ކްލިކު ކޮލެޖާއި އެވިޑް ކޮލެޖަށް އެމްކިޔުއޭއިން ފިޔަވަޅު އަޅައިފި
ކްލިކު ކޮލެޖް 10،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި
އެވިޑް ކޮލެޖުގެ ދަރިވަރުންގެ އިމްތިޚާން ކަރުދާސްތައް މާރކް ނުކުރޭ، ޕްރޮގްރާމްގެ މުއްދަތު ވަނީ އިތުރުވެފައި
ޕްރޮގްރާމް ހިންގަނީ އެކްރެޑިޓޭޝަންގެ މިންގަނޑުތަކާ ޚިލާފަށްކަން އާންމުކޮށް އިއުލާނުކުރުމަށް ވަނީ އަންގާފައި

ކްލިކު ކޮލެޖާއި އެވިޑް ކޮލެޖަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އިން ފިޔަވަޅު އަޅައިފިއެވެ.

އެމްކިޔުއޭއިން ބުނީ ކްލިކް ކޮލެޖަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގެ ދަށުން އެއްވެސް ޕްރޮގްރާމެއް ހިންގުމުގެ ހުއްދަ ދީފައިނުވާނެ ކަމަށެވެ.

ނަމަވެސް، ކޮވިޑް-19އާ ގުޅިގެން، ދިވެހިރާއްޖޭގެ ހުރިހާ މަތީ ތައުލީމުދޭ މަރުކަޒުތަކަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި، އެ މަރުކަޒުތަކުން އެޕްރޫވް ކޮށްފައިވާ ޕްރޮގްރާމްތައް ހިންގުމުގެ އާއްމު ހުއްދައެއް 2020 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ދީފައިވާ ކަމަށެވެ. އެމްކިޔުއޭއިން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ކިޔަވައި ދިނުމުގެ ހުއްދަ ބާތިލްކުރި ކަމަށް އަންގާފައިވާ ކަމަށް އެމްކިޔުއޭއިން ބުނެއެވެ. ނަމަވެސް 28 އެޕްރީލް 2022 ގެ ކުރިއަށް ފަށާފައިވާ ޕްރޮގްރާމްތަކަށް ކޮވިޑް-19 ގެ ދަށުން ދީފައިވާ ހުއްދައާ އެކު އެ ޕްރޮގްރާމްތައް އީ-ލަރނިންގ މޮޑަލިޓީގައި ކުރިއަށް ގެންދެވޭނެ ކަމަށް އެ އޮތޯޓީން ބުނެއެވެ.

އެމްކިޔުއޭއިން ބުނީ ކްލިކް ކޮލެޖުން ހިންގަމުން އަންނަ 'ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް' ޕްރޮގްރާމަކީ މި އޮތޯރިޓީން 2019 ވަނަ އަހަރު 'ފޭސް-ޓު-ފޭސް' ކޮށް ހިންގަން ހުއްދަ ދީފައިވާ އަދި 10 ޖުލައި 2024 ގައި 'ފޭސް-ޓު-ފޭސް' ކޮށް ހިންގުމަށް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމެއް ކަމަށެވެ. ނަމަވެސް، މިހާތަނަށް މި ޕްރޮގްރާމް ކްލިކް ކޮލެޖުން އިސްތިހާރުކޮށް ހިންގަމުން އަންނަނީ އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީންކަން މި އޮތޯރިޓީއަށް ދަރިވަރުން ހުށަހަޅާފައިވާ ޝަކުވާތަކުން ފާހަގަކުރެވޭ ކަމަށެވެ. އަދި 18 ޖުލައި 2024 ވަނަ ދުވަހު ކޮލެޖުގެ އިސްވެރިންނާއެކު ބޭއްވުނު ބައްދަލުވުމުގައި މިކަންކަން ކަށަވަރުކޮށްފައިވާ ކަމަށް އެމްކިޔުއޭއިން ބުނެއެވެ.

މި ކަންތައްތަކަކީ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ ޚިލާފް ކަންތައްތަކެއް ކަމަށް ވުމާއެކު ބައެއް ފިޔަވަޅުތައް އެމްކިޔުއޭއިން ވަނީ އަޅާފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ ޚިލާފަށް އަދި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ޚިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އެންގުން، އެކްރެޑިޓްނުކޮށް މަތީ ތައުލީމުގެ ޕްރޮގްރާމް ހިންގާ މަރުކަޒެއް -/10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާކުރުން، ޕްރޮގްރާމް ހުއްޓުމަށް އަންގައި، އަދި ސަނަދު ދިނުމުގެ ހުއްދަ ދޫނުކުރުމަށް ނިންމާފައެވެ.

މީގެ އިތުރުން އެމްކިޔުއޭއިން ބުނީ މި ފިޔަވަޅުތަކާ ގުޅިގެން، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދު ގެ 29 ވަނަ މާއްދާގެ ދަށުން، އެކްރެޑިޓޭޝަން ހުއްދަ އާއި ނުލާ ހިންގާފައިވާ ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންނަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަން ޖެހޭނީ ކްލިކް ކޮލެޖުން ކަމަށެވެ.

Advertisement

އެވިޑް ކޮލެޖާއި ގުޅޭގޮތުން އެމްކިޔުއޭއިން ބުނީ އެ ކޮލެޖްގައި ހިންގަމުން އަންނަ ގިނަ ޕްރޮގްރާމްތަކެއްގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެގޮތުން ލެކްޗަރަރ އިންނަށް ދޭން ޖެހޭ މުސާރަ ދީފައިނުވާތީ، ދަރިވަރުންގެ އިމްތިޚާން ކަރުދާސްތައް ބައެއް ލެކްޗަރަރއިން މާރކް ނުކުރުމުގެ ސަބަބުން ޕްރޮގްރާމްގެ މުއްދަތު އިތުރުވެ، އެ މުއްދަތަށް ދަރިވަރުން އިތުރަށް ފައިސާ ދައްކަން ޖެހިފައިވާ ކަމަށް އެއޮތޯރިޓީން ބުނެއެވެ.

އެމްކިޔުއޭއިން ބުނީ މި ޝަކުވާތަކާ ގުޅިގެން އެވިޑް ކޮލެޖްގެ 7 ޕްރޮގްރާމެއްގެ 'ރެންޑަމް ބެޗް އޮޑިޓް' ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޑިޓްގައި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ ޚިލާފަށް ގިނަ ކަންތައްތަކެއް އެވިޑް ކޮލެޖުން ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެމްކިޔުއޭއިން ބުނެއެވެ.

އެމްކިޔުއޭއިން ބުނީ އެވިޑް ކޮލެޖް ގެ ސީނިއަރ މެނޭޖްމަންޓް އާ އެކު 5 މެއި 2024 ގައި ބޭއްވުނު ބައްދަލުވުމުގައި ފާހަގަކުރެވުނު މައްސަލަތައް ކަށަވަރުކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެވިޑް ކޮލެޖަށް އަޅާފައިވާ ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑާ ޚިލާފަށް އަދި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ޚިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އެންގުން އަދި އިތުރު ޕްރޮގްރާމަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ދޫނުކުރުމަށް ވަނީ އަންގާފައެވެ.

އެމްކިޔުއޭއިން ވަނީ އެ ޕްރޮގްރާމެއް ހިންގަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ނޫންކަމާއި، ޕްރޮގްރާމް އެކްރެޑިޓޭޝަންގެ މިންގަނޑުތަކާ ޚިލާފަށްކަން އާންމުކޮށް އިއުލާނުކުރުމަށް ވެސް އެވިޑް އަދި ކުލިކް ކޮލެޖަށް އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް