ކ. މާލެ
|
27 ޖުލައި 2024 | ހޮނިހިރު 08:14
ގާޒާގެ ދެކުނުގެ ޚާން ޔޫނިސްގެ އިރުމަތީ ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ މީހުންގެ ގާތްތިމާގެ މީހުން ނާސިރު ހޮސްޕިޓަލުގައި ހިތާމަކުރަނީ
ގާޒާގެ ދެކުނުގެ ޚާން ޔޫނިސްގެ އިރުމަތީ ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ މީހުންގެ ގާތްތިމާގެ މީހުން ނާސިރު ހޮސްޕިޓަލުގައި ހިތާމަކުރަނީ
އަނަޑޯލޫ
ފަލަސްތީން އިސްރާއިލް ހަނގުރާމަ
ހަމާލާތައް ހޫނުވެ ޚާން ޔޫނިސްގައި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ތާށިވެފައި
ޚާން ޔޫނިސް ގައި ތާށިވެފައި ތިބި މީހުންނަށް ކާނާ އާއި ބޭސް ވެސް ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމަށް އދ އިން ބުނެފައިވެއެވެ.
ޚަބަރުގެ އޯޑިއޯ

ޚާން ޔޫނިސް ގައި ވަރުގަދަޔަށް ހަމަލާތައް ބަދަލު ކުރެވެމުންދާއިރު އެތަނުގައި އެތައް ސަތޭކާ ފަލަސްތީން މީހުން ތާށިވެ ނުރައްކައުތެރި ހާލަތުގައި ތިބި ކަމަށް އދ. ގެ އިންސާނީ އެހީތެރިކަމާ ބެހޭ އޭޖެންސީން ހުކުރު ދުވަހު ބުނެފިއެވެ.

ތާށިވެފައިތިބި މީހުން ސަލާމަތް ކުރުމަށް ޚާން ޔޫނިސް އަށް އެހީ ފޯރުކޯށްދޭ ފަރާތްތަކަށް ވަދެވޭނެ ހުރިހާ ގޮތްތަކެއް ބަންދުކޮށް އިޒްރޭލު ސިފައިން ހުރަސް އަޅާފައިވާކަމަށް ވެސް އެ އޭޖެންސީން ބުނެފައިވެއެވެ.

ގާޒާ ސްޓްރިޕްގައި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު ހީވެފައިވުމާއި، ބަނޑުހައިހޫނުކަން އާންމު ވެފައިވުމާއެކު ވެސް ގާޒާ ސްޓްރިޕް އަށް ބޭނުންވާ އެހީ ފޯރުކޮށް ދިނުމުގައި އިޒްރޭލުން ގެންދަނީ ހުރަސް އަޅަމުން ކަމަށް އދ. ގެ އޮފިޝަލުން ވަނީ ބުނެފައެވެ.

އިޒްރޭލުގެ ހުރަސް އެޅުމުގެ ސަބަބުން އޭޕްރީލް މަހުން ފެށިގެން ގާޒާ ސްޓްރިޕް އަށް އެހީ ފޯރުކޮށްދޭވޭ މިންވަރު 56 އިން ސައްތަ ދަށަށް ގޮސްފައިވާ ކަމަށް ޔޫއެން އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އޮފީހުން ބުނެފައިވެއެވެ.

ޚާން ޔޫނިސްގައި ތާށިވެފައި ތިބި މީހުން އެ ގޮތުގައި ތިބޭތާ ހަފްތާ އަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ބޭހާ ކާނާ އާއި ބޯފެން އެތަނަށް ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމުގައިވެސް އޮފިޝަލުން ބުނެފައިވެއެވެ.

އިޒްރޭލުގެ ސިފައިން ޚާން ޔޫނިސް އަށް އެއްގަމާ ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި ހުކުރު ދުވަހު 18 ފަލަސްތީނު މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

އަނެއްކޮޅުން ހަނގުރާމަ ނިމުމަކަށް ގެނޭވޭތޯ ކުރަމުންދާ މަސައްކަތުގައި އެއްވެސް އަލިމަގެއް މިހާތަނަށް ފެނިފައި ނުވާއިރު، މިސްރާއި ގަތަރު އަދި އެމެރިކާގެ އޮފިޝަލުން އިޓަލީގެ ވެރިރަށް ރޯމް ގައި އާދިއްތަ ދުވަހު އަނެއްކާވެސް ބައްދަލު ކުރަން ހަމަ ޖެހިފައިވާ ކަމަށް އެމެރިކާ އާއި މިސްރުގެ މީޑިއާ އިން ބުނެފައިވެއެވެ.

އޮކްޓޯބަރު 7 ގެ ފަހުން އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު 39،175 ށް އަރާފައިވާއިރު، ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 90،403 ށް ވަނީ އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް