ގައުމިއްޔަތު ދިރުވާ އާލާކުރުމަށް މި ސަރުކާރުން އުފެއްދި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން، މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވަން ކައުންސިލްތަކަށް އަންގަން ހަނދާން ނެތިއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މީގެ ކުރިން ވެސް ކަމާއިބެހޭ އިދާރާތަކުން ދުރާލާ ރާވައި 3 ދުވަހެއް ވަރުކުރިން ކައުންސިލްތަކަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ސަރކިއުލާއެއް މެދުވެރިކޮށް އަންގައެވެ.
ނަމަވެސް މި ސަރުކާރުން، އެކަމަށް ހާއްސަކޮށްފައިވާ މިނިސްޓްރީއެއް އުފައްދާފައިވާއިރު، ކައުންސިލްތަކަށް ސަރކިއުލާ ފޮނުވަން ހަނދާނެއް ނުވިއެވެ. އަދި ސަރކިއުލާ ފޮނުވާފައިވަނީ ރަސްމީ ގަޑި ނިމި މެންދުރު ފަހު 3:42 ގައެވެ. ރާއްޖެއެމްވީއަށް މައުލޫމާތުދިން ކައުންސިލްތަކުން ބުނެފައިވަނީ އޮފީސް ބަންދުކޮށް، މުވައްޒަފުން ގެއަށްދިޔަ ފަހުން މިނިސްޓްރީން ސަރކިއުލާ ފޮނުވާފައިވާ ކަމަށާއި، އެ ސަރކިއުލާގެ ވާހަކަ ކައުންސިލްތަކަށް އެންގީ މިނިސްޓރީ ގުޅާފައި ކަމަށެވެ.
މި ސަރކިއުލާގައި ބުނެފައިވަނީ ހެނދުނު 6:00 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވަން ޖެހޭނެކަމާއި، ދިދަ ނަގާނީ އެރަށެއްގެ އެންމެ އިސްވެރިއެއް ކަމަށެވެ. އަދި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާނީ ސިޓީ ކައުންސިލް އިދާރާ، އަތޮޅު ކައުންސިލް އިދާރާ އަދި އަތޮޅު ކައުންސިލް އިދާރާ ހުންނަ ރަށްތައް ނޫން އެހެން ރަށްރަށުގައި ރަށު ކައުންސިލް އިދާރާގައި ކަމަށެވެ.
ދިވެހި ބަހާއި އާދަކާދައާއި ސަގާފަތާއި، ގައުމިއްޔަތު ދިރުވާ އާލާކުރުމަށް މި ސަރުކާރުން ވަކި މިނިސްޓްރީއެއް އުފައްދާ އެ މިނިސްޓްރީގައި މިނިސްޓަރުގެ އިތުރުން ސްޓޭޓް މިނިސްޓަރުގެ ގޮތުގައި 3 ބޭފުޅަކާއި، މިނިސްޓަރުގެ ނައިބުންގެ ގޮތުގައި 7 ބޭފުޅަކު ތިއްބަވައެވެ.
މީގެ އިތުރުން މަސައްކަތު މީހުން ނުލައި އެ މިނިސްޓްރީގައި 29 މުވައްޒަފުން މަސައްކަތް ކުރެއެވެ. ޑިރެކްޓަރ ޖެނެރަލުންގެ ގޮތުގައި 2 ބޭފުޅަކާއި، ޑިރެކްޓަރުންގެ ގޮތުގައި 4 ބޭފުޅަކާއި، ޑެޕިއުޓީ ޑިރެކްޓަރުންގެ ގޮތުގައި 1 ބޭފުޅަކު ހުންނަވައެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި ދިދަނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް އޮފީސް ބަންދުވިފަހުން ސަރކިއުލަރ ފޮނުވަންޖެހުނީ ކޮން ސަބަބަކާއިހުރެކަމެއް ސާފެއް ނުވެއެވެ. އަދި މި ރަސްމިއްޔާތާއި މެދު މިނިސްޓްރީން ފަރުވާކުޑަކޮށްފައިވަނީ ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުންކަމެއް ވެސް ސާފެއް ނުވެއެވެ.