އޮލިމްޕިކްސް އަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދެވެ. 1896 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކުޅިވަރު މުބާރާތް މި ފަހަރު ބާއްވަނީ ފްރާންސްގެ ވެރިރަށް ޕެރިހާއި އެ ގައުމުގެ އެކި ސިޓީތަކުގަ އެވެ. ރަސްމީކޮށް މާދަމާއިން ފެށިގެން 18 ދުވަހަށް ދެމިގެންދާ އޮލިމްޕިކްސް ދެއްކުމަށް 3800 ގަޑިއިރު ޓީވީ ތަކުން ހޭދަކުރާނެ އެވެ. ޖުމުލަ 32 ކުޅިވަރަކުން 329 މެޑަލް ދޭނެ އެވެ.
މި ފަހަރުގެ އޮލިމްޕިކްސް އަކީ ދިވެހިރާއްޖެ އަށް ވަރަށް ހާއްސަ މުބާރާތެކެވެ. މިއީ ކޮލިފައިވެގެން ދިވެހި އެތްލީޓަކު ވާދަކުރާ ފުރަތަމަ ފަހަރެވެ. އެއީ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އެވެ. އޭނާއާއެކު ޖުމުލަ ފަސް އެތްލީޓަރު މި ފަހަރު ޕެރިހުގައި ރާއްޖެ ތަމްސީލުކުރާނެ އެވެ.
މުބާރާތް ރަސްމީކޮށް ހުޅުވުން އޮންނާނީ މާދަމާ އެވެ. ނަމަވެސް ކުރިން ނުފަށައިފިނަމަ މުއްދަތަކަށް ނުނިމިދާނެ ކުޅިވަރުތައް މިހާރު ވެސް ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ އާއި ރަގްބީ އަދި ހޭންޑްބޯޅަ އާއި އާޗަރީ ހިމެނެ އެވެ. މުބާރާތުގެ ރަން ވަނަ ތައް ހޯދާ ކުޅުންތެރިންނަށް މެޑަލް ދޭށާނީ އެއް ދުވަސް ފަހުންނެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ އޮގަސްޓް 11 ވަނަ ދުވަހު ހަވީރު އެވެ.
ރަޝިއާއިން ޔުކްރޭނުގައި ކުރާ ހަނގުރާމައަށްދޭ އަދަބެއްގެ ގޮތުން އެ ގައުމުގެ ކުޅުންތެރިން ވާދަކުރަނީ ރަޝިއާގެ ނަމުގައެއްނޫނެވެ. މިނިވަން ބައެއްގެ ގޮތުގަ އެވެ. މިހެންވެ އޮލިމްޕިކްސްގައި ބައިވެރިވާ ހުރިހާ ގައުމުތަކުގެ އެތްލީޓުން އެ ގައުމެއްގެ ދިދަ އާއެކު މުބާރާތް ހުޅުވަން ބާއްވާ ހިނގާލުމުގައި މި ފަހަރު ރަޝިއާ ބައިވެރިނުވާނެ އެވެ.
އިނާމަކީ ކޮބާ؟
ދުނިޔޭގެ އެތްލެޓިކްސް ފެޑަރޭޝަނުން މި ފަހަރުގެ އޮލިމްޕިކްސް އަށް އިނާމް ހުށަހަޅާނެ އެވެ. އެތްލެޓިކްސް އަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދަށް އިނާމް ހުށަހެޅި ފުރަތަމަ ފެޑަރޭޝަނެވެ. ނަމަވެސް އެއީ ކިހާވަރެއްކަމަށް ނުބުނެ އެވެ.
އޮލިމްޕިކްސްގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.4 މިލިއަން ޑޮލަރެވެ. މީގެ ތެރެއިން 50 މިލިއަން ޑޮލަރަކީ އެއްވަނަ ހޯދާ އެތްލީޓުންނަށް ދޭ އިނާމެވެ.