އެމެރިކާގެ ކުރީގެ ރައީސް އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަ ކޮށްލަން ދިން ބަޑީގެ ހަމަލާގެ މައްސަލަ ހޫނުވެ، އެމެރިކާގެ ސީކްރެޓް ސާވިސްގެ ވެރިޔާ ކިމް ޗީޓްލް އިސްތިއުފާ ދީފިއެވެ.
ނާކާމިޔާބު އެ ހަމަލާގެ ފަހުން، އޭނާގެ އިސްތިއުފާ އަށް ޑިމޮކްރަޓިކް ޕާޓީ އާއި ރިޕަބްލިކަން ޕާޓީގެ އިސް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
މި ހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހު ޕެންސެލްވީނިއާގެ ބަޓްލަރ ގައި އޮތް ކެމްޕޭން ރެލީ އެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް ފުރާޅެއްގެ މަތީގައި ހުރި މީހަކު ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ އާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހޯމަ ދުވަހު ސީކްރެޓް ސާވިސްގެ ޑިރެކްޓަރަށް ހޫނު ސުވާލުތަކެއް ޑިމޮކްރަޓުންނާ ރިޕަބްލިކަން އިން ވެސް އޭނާ އަށް ވަނީ ކުރިމަތިކޮށްފައެވެ.
އެމެރިކާގެ ކޮންގްރެސް ގެ އޯވަރސައިޓް ކޮމިޓީ ބައްދަލުވުމުގައި ޓްރަމްޕަށް ދިން ހަމަލާ އާ ގުޅޭ ގޮތުން ކުރި ގިނަ ސުވާލުތަކަށް އެދެވޭ ޖަވާބެއް ނުލިބުމުގެ ހިތްހަމަ ނުޖެހުން މެމްބަރުންގެ ފަރާތުން ވަނީ ފެނިގެން ގޮސްފައެވެ.
ކޮމިޓީ ބައްދަލުވުމުގެ ތެރޭގައި ވެސް ގިނަ މެމްބަރުން ވަނީ ޗީޓްލްގެ އިސްތިއުފާ އަށް ގޮވާލާފައެވެ.
"ޑިރެކްޓަރ ގެ ހައިސިއްޔަތުން، ސަލާމަތީ ކަންކަން ނުބެލެހެއްޓުނު ކަމުގެ ފުރިހަމަ ޒިންމާ ނަގަން،" ޓްރަމްޕަށް ދިން ހަމަލާ އަށް އިޝާރާތް ކޮށް ސީކްރެޓް ސާވިސް އަށް އަންގާރަ ދުވަހު ފޮނުވި އިސްތިއުފާގެ ސިޓީ ގައި ޗީޓްލް ބުނެފައިވެއެވެ.
ޗީޓްލް ގެ އިސްތިއުފާ އާ ގުޅިގެން ރައީސް ބައިޑްން ނެރުއްވި ބަޔާނުގައި ދިގު މުއްދަތެއްގައި އޭނާ ކޮށްދެވި ޚިދުމަތައް ޝުކުރު އަދާ ކުރައްވާފައިވެއެވެ.
ބައިޑްން ވިދާޅުވެފައިވަނީ ވަރަށް އަވަހަށް އެ އޭޖެންސީ އަށް އައު ޑިރެކްޓަރަކު ހަމަޖައްސަވާނެ ކަމަށެވެ.
ޗީޓްލް އެމެރިކާގެ ސީކްރެޓް ސަރވިސްގެ ވެރިޔާގެ މަގާމަށް އައްޔަން ކުރެއްވީ ބައިޑްން ގެ ވެރިކަމުގެ ތެރޭގައި 2022 ވަނަ އަހަރުގައެވެ. އޭނާ އަކީ 1995 ވަނަ އަހަރުން ފެށިގެން އެ މުއައްސަސާ އަށް ތަފާތު ހައިސިއްޔަތުން 27 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްފައިވާ ފަރާތެއް ކަމަށް މީޑިއާ ރިޕޯޓްތަކުގައި ވެއެވެ.
2001 ގެ ސެމްޕްޓެމްބަރ 11 ގެ ޙާދިސާ ހިނގި ވަގުތު، އެމެރިކާގެ އޭރުގެ ނައިބު ރައީސް ޑިކް ޗޭނީ، ވައިޓް ހައުސް އިން އެހެން ތަނަކަށް ބަދަލު ކުރުމުގައި ސީކްރެޓް ސާވިސްގެ އެޖެންޓެއްގެ ގޮތުގައި އިސްކޮށް މަސައްކަތް ކުރުމުގެ އިތުރުން ބައިޑްން ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިރު އޭނާގެ ސަލާމަތީ ކަންކަން ސްޕަވައިޒް ކުރުމުގައި ވެސް ޗީޓްލް މަސައްކަތް ކޮށްފައިވެއެވެ.
ގިނަ ސުވާލު ތަކެއް ކޮންގްރެސް ގެ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ޗީޓްލް އަށް ކުރި ނަމަވެސް، ބަޑި ޖެހި މީހާ އެކަން ކުރި ގޮތާ ބެހޭ ގޮތުން އެއްވެސް އައު މައުލޫމާތެއް އޭނާ ހާމަ ކޮށްފައި ނުވާ ކަމަށް އެމެރިކާގެ މީޑިއާ އިން ފާހަގަ ކޮށްފައިވެއެވެ.
ކޮމިޓީ ބައްދަލުވުމަށް ފަހު ކޮމިޓީގައި ހިމެނޭ ޑިމޮކްރަޓިކް ޕާޓީ އާއި ރިޕަބްލިކަން ޕާޓީގެ އިސް ދެ މެމްބަރުން ސޮއިކޮށް، ޒިންމާ އަދާ ކުރުމުގައި ޗީޓްލް އަށް އިތުބާރު ގެއްލިފައިވާ ކަމަށާއި އިސްތިއުފާ ދިނުމަށް ފެންނަ ކަމަށް ބުނެ ސިޓީ އެއް ވަނީ ފޮނުވާފައެވެ.