ހ. ހުދުފިނިފެންމާގެއާގޭގެ އިން ފާރު ރޭނުމުގެ ސަބަބުން 8 މީހަކު ތާށިވެފައި ތިބެން ޖެހުނު މައްސަލަ ދިމާވެފައި ވަނީ މި ޖުލައި މަހުގެ ކުރީކޮޅު އެވެ. އެހެންނަމަވެސް މި މައްސަލަ އަކީ ތިލަކޮށް ކިޔައިދީގެން އިނގޭ ވަރަށް ވުރެ ފުން މައްސަލައެކެވެ. މިއީ އިދާރީގޮތުން އޮޅުންބޮޅުން ބޮޑު މައްސަލައަކަށް ވާއިރު މައްސަލައިގައި ހިމެނޭ މީހުން އެކަކު އަނެކަކުގެ މައްޗަށް ކުރާ ބޮޑެތި ތުހުމަތުތަކެއް އެބަހުއްޓެވެ. މި މައްސަލައިގައި ތަފާތު އެކި ދުވަސްވަރު މަތިން ކޯޓު މަރުހަލާގައި ވެސް މުއާމަލާތުތަކެއް ކޮށްފައިވާއިރު، އިދާރާތަކާއި މެދު މައްސަލައިގެ ހަސްމުން ކުރާ ތުހުމަތުތައް ވެސް މަދެއް ނޫނެވެ.
ހުދުފިނިފެންމާގެ އަދި ހުދުފިނިފެންމާގެ އާގޭގެ ތާރީހު ކުރުކޮށް
ހުދުފިނިފެންމާގެ މުސްކުޅި ގޯތި ބެހުމުގެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ 1982 ގައެވެ. ހުދުފިނިފެންމާގެ މުސްކުޅި ގޯތި ބެހުމުގެ މައްސަލަ އާއި މެދު ގޮތެއް ނިންމާފައި ވަނީ 1984 ގައެވެ. އެ ގޯތި ބެހި އިރު ކޯޓުން އޭރު ނިންމާފައި ވަނީ އެ ގޯތީގައި ދިރިއުޅޭ މީހުންނަށް އެކަނި ގެއިން ބައެއް ލިބޭގޮތަށެވެ. އޭރު ކަން ހިނގާ ގޮތަކީ ބަންޑާރަ ބިމެއް ކަމަށް ވާނަމަ މުނިސިޕަލްޓީގެ ލަފަޔާއި އެކުގައި ކޯޓުން ގޮތެއް ނިންމުމެވެ. އޭރު ނިންމާފައި ވަނީ ހުދުފިނިފެންމާގެ މުސްކުޅި ގޯތި ދެބައިކުރުމަށެވެ. އެއީ ހުދުފިނިފެންމާގެއާގެ އާއި ހުދުފިނިފެންމާގެ އެވެ. މި ނިންމުން ދަށު ކޯޓުން (އޭރުގެ ކޯޓު ނަމްބަރު 8)ން ނިންމާފައި ވަނީ 1984ގައެވެ. އެ ނިންމުމަށް 1986ގައި ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. ބޮޑުމިނުގައި 3970 އަކަފޫޓް ހުރި މި ގޯތި ދެ ބަޔަށް ބަހާފައި ވަނީ ކޮންމެ ބަޔަކަށް 1985 އަކަފޫޓް ހިމެނޭ ގޮތަށެވެ.
ހުދުފިނިފެންމާގެ އޭގެ ފަހުން ވަނީ ދެބައިކޮށްފައެވެ. އޭގެ ތެރެއިން އެއްބަޔަށް ކިޔަނީ ފުގުރާ އަދި އަނެއްބަޔަށް ކިޔާފައިވަނީ ހުދުފިނިފެންމާގެއެވެ. މީގެ އިތުރުން 16 މެއި 2000ގައި މާލޭ މުނިސިޕަލްޓީ އިން ދީފައިވާ ލިޔުމަކުން އެނގޭ ގޮތުގައި ހ.ހުދުފިނިފެންމާގެއާގެއަކީ ހުދުފިނިފެންމާގެ ބައިކޮށް ހަދާފައިވާ ގެއެކެވެ. އަދި އެ ގޯތީގެ ދެކުނުން ހުދު ފިނިފެންމާގެ އަށް ވަނުމަށް ހަދާފައިވާ މަގަކީ އެހެނިހެން މަގުތަކެކޭ އެއްގޮތަށް ހަދާފައިވާ 6 ފޫޓުގެ މަގެކެވެ. ހުދުފިނިފެންމާގޭގެ ދެ ބަޔަށް ވެސް ވަދެވޭ ގޮތަށް އޮތީ ހަދީބީ މަގުންނެވެ.
ސިޓީ ކައުންސިލްގެ ބަހަކީ ކޮބާ؟
މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ ހުދުފިނިފެންމާގޭގައި މީހުން ތާށިވެފައި ވަނީ އިމާރާތްކުރުމުގެ ހުއްދައަކަށް ގޭގެ ރަޖިސްޓްރީ ހަދާފައި އޮތުމުގެ ސަބަބުން މަގަށް ނުކުންނަން ހަދަންޖެހޭ ގޯޅި ނަހަދާ އޮތުމުގެ ސަބަބުން ކަމަށެވެ. މި މައްސަލަ އަކީ ހައްލެއް ނުލިބި 27 އަހަރު ވެފައިވާ ސީރިއަަސް މައްސަލައެއް ކަމަށް ވާއިރު މި އަހަރުތަކުގެ ތެރޭގައި މި މައްސަލައިގައި ގިނަ މުޢާމާލާތުތަކެއް ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެ މައްސަލަ ބަލަން ނިންމަވާފައި ވަނީ މިހާރުގެ މޭޔަރ އާދަމް އާޒިމް ކަމަށް އެކަމާއި ގުޅޭގޮތުން 13 ޖުލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޤާނޫނީ ވަކީލް ޢަބްދުﷲ ޢަބްދުލް ޙަކީމް ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުދުފިނިފެންމާގޭގެ ގޯޅީގެ މައްސަލަ ހުށަހެޅިގެން އުޅޭތާ 27 އަހަރު ވެއްޖެއެވެ. މި 27 އަހަރުގެ ތެރޭގައި ގިނަ މުއާމަލާތްތަކެއް ކުރެވިފައިވާއިރު، މި މައްސަލަ ބަލަން ނިންމީ މޭޔަރު އާދަމް އާޒިމް އެވެ.
ހަސަން ޝާކިރަށް ވަކި ރަޖިސްޓްރީއެއް މާލެ ސިޓީ ކައުންސިލުން ހަދައި ދީފައި ވަނީ 2020 ވަނަ އަހަރު ކަމަށާއި އެ ރަޖިސްޓްރީއަކީ އިމާރާތްކުރުމުގެ ހުއްދަ ދިނުމަށް ހަދާފައިވާ ރަޖިސްޓްރީއެއް ކަމަށް ލޯޔަރު ވިދާޅުވިއެވެ. ހައްވާ އިބްރާހިމްގެ ބަޔަށް ނުވަދެވޭ ގޮތް ވެފައި މި ވަނީ މާލެ ސިޓީ ކައުންސިލުން 2020 ގައި ހެދި އެ ވަކި ރަޖިސްޓްރީގެ ސަބަބުން ކަމަށް ލޯޔަރު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ހުދު ފިނިފެންމާގެ ހައްވާ އިބްރާހިމާއި ހަސަން ޝާކިރުގެ މައްޗަށް ރަޖިސްޓްރީ ކުރެވުނު ކަމަށާއި، ހައްވާ އިބްރާހިމަށް ނުވަދެވޭ ގޮތަށް ގޯޅިއެއް ނުކަނޑައި، ހުދު ފިނިފެންމާގެ ހަސަން ޝާކިރުގެ މައްޗަށް ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ. އަދި 2020 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުން ހަސަން ޝާކިރުގެ މައްޗަށް ވަކި ރަޖިސްޓްރީއެއް ހަދާފައިވާއިރު އެ ރަޖިސްޓްރީގައި އިމާރާތްކުރުމަށް ވަނީ ހުއްދަދީފަ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އާއްމު އުސޫލަށް ބަލާނަމަ ގޯއްޗެއް ބަހާއިރު އެ ގޯއްޗެއްގެ އިމުން ގޯތިން ބަހާ ބައިބަޔަށް ވަންނަން ގޯޅިއެއް ކަނޑަން ޖެހެއެވެ. އެހެންނަމަވެސް އެކަން ކޮށްފައި ނުވާތީ ހައްވާ އިބްރާހިމް އަށް ލިބުނު ބައިން އޭނާ ވަދެ ނިކުމެ ހަދަމުން މިތާނަށް ވެސް އައީ އެގޭގެ ބިއްދޮށަށް ވާގޮތަށް ކަނޑާފައިވާ ވައިގޮޅިއާ ދިމާލުން ހުރި ދޮރަކުންނެވެ. އެއީ ހުދުފިނިފެންމާގެއާގެއަށް ވަދެ ނިކުމެ ހަދާ ގޯޅިންނެވެ. ކަން މިހެން އޮތް ނަމަވެސް ހުދުފިނިފެންމާގެ އާގޭގެ މީހުންގެ އިންފާރު ރޭނުން ހުއްޓުވުމަކީ އެއީ އުސޫލުގެ ތެރެއިން ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. ނަމަވެސް ހުދުފިނިފެންމާގެއާގޭގެ އިންފާރު ރާނަން ފެށުމުން، ހައްވާ އިބްރާހިމް މައްސަލަ ޖެއްސި ކަމަށް ކައުންސިލުން ބުނެއެވެެ. އަދި ހުދުފިނިފެންމާގެއާގެ އިން ފުލުހުންނާ ގުޅިގެން ހައްވާ އިބްރާހިމަށް 4 ހަފްތާއެއްހާ މުއްދަތެއް ވެސް ދީފައިވާ ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ހުދުފިނިފެންމާގޭގެ އެތެރެބައިގައި އުޅޭ މީހުންގެ ބޮޑެތި ތުހުމަތުތަކެއް ޝާކިރު އަށް!
ހުދުފިނިފެންމާގެ އެތެރެ ބައިގައި ދިރިއުޅޭ ބައެއް މީހުން ރާއްޖެ އެމްވީ އާއި ވާހަކަދައްކަމުން ބުނެފައި ވަނީ އެ ގެ ޝާކިރު ހޯދާފައި ވަނީ ވެސް އޮޅުވާލުމާއި ނުފޫޒުގެ ތެރެއިން ކަަމަށެވެ. އަދި ހުދުފިނިފެންމާގެ އާއި އިންވެގެން އޮތް ގޯޅި އާއި މެދު މުނިސިޕަލްޓީން ދީފައިވާ ލިޔުމަކީ ވެސް ޝާކިރުގެ ނުފޫޒު ބޭނުންކޮށްގެން ހޯދާފައިވާ ލިޔުމެއްކަމަށް އެ ގޭގެ މީހުން ތުހުމަތުކުރެއެވެ. ހުދުފިނިފެންމާގޭގެ އެތެރެ ބައިގައި ތިބި މީހުންނަށް އެ ގެއިން ވަދެ ނުކުމެ އުޅޭނެ ގޮތެއް ހޯދުމަށް ތަކުރާރުކޮށް އެދިގެން ވެސް ޝާކިރު އެކަން ކޮށްފައި ނުވާ ކަމަށް އެ މީހުން ވަނީ ބުނެފައެވެ. އަދި މިހާތަނަށް ވެސް ގެއިން ނުކުމެ ވަދެ އުޅެވުނީ ހުދުފިނިފެންމާގެ އާގެ މީހުން އެގޭގެ ތެރެއިން ނުކުތުމަށް ފުރުސަތު ދިނުމުން ކަމަށް އެ މީހުން ވަނީ ބުނެފައެވެ. މާލެ ސިޓީ ކައުންސިލްގައި ވެސް މަސައްކަތްކޮށްފައިވާ ޝާކިރު ވަނީ މި މައްސަލަ އަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައި ކަަމަށް އެ މީހުން ވަނީ ބުނެފައެވެ.
މި ތުހުމަތުތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ޝާކިރު ވަނީ އެ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ. އޭނާ މާލޭ މުނިސިޕަލްގައި ހުރީ 2007ން 2014ށް ކަމަށާއި 16 މެއި 2000ގައި މާލޭ މުނިސިޕަލްޓީ އިން ދީފައިވާ ލިޔުމަކީ އޭނާ މުނިސިޕަލްޓީ އަށް ވަނުމުގެ މާ ކުރިން ދީފައިވާ ލިޔުމެއް ކަމަށް ޝާކިރު ވިދާޅުވިއެވެ.
އޭރު އަޅުގަނޑު ހިތަށް ވެސް ނާރާ މުނިސިޕަލްޓީ އަށް ވަންނާނަމޭ. ނުފޫޒުގެ ބޭނުން ކުރާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. ކޮންމެ އެއްޗެއްވެސް ބުނެވިދާނެ ދެއްތޯ! ދެން ގޯތި ދިނީ ކާފަ ގަދަވެ ސަލާމަތުން ހުރި އިރު. އެއަކު ނޯންނާނެ އަޅުގަނޑު އޮޅުވާލައިގެން ކުރި އެއްވެސް ކަމެއް. މީގެ ލިޔެކިޔުންތައް އަޅުގަނޑުއަތުގައި އެބަ ހުރި.ހަސަން ޝާކިރު
މުދަލާއި ގެދޮރަށް ގެއްލުން ދިންކަމުގެ ތުހުމަތު - ފުލުހުންނާއި ސިޓީ ކައުންސިލާއި މެދު ޝަކުވާތައް ބައިވަރު
ރާއްޖެއެމްވީ އާއި ވާހަކަދައްކަމުން ޝާކިރު ވަނީ މި މައްސަލައިގައި ފުލުހުންނާއި ސިޓީ ކައުންސިލްގެ އިހުމާލު ވަރަށް ބޮޑު ކަމަށާއި އޭނާ އަށް ލިބެންޖެހޭ އިންސާފު ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
އެގޮތުން ޖޫން މަހުގެ 7 ވަނަ ދުވަހު، ހުދުފިނިފެންމާގޭ އެތެރެބައިގައި އުޅޭ މީހުން، އެ ގޭގެ ބޭރުބައިގައި ހުރި ގުދަނުގެ ފާރު ހަލާކުކޮށްލި މައްސަލަ އެއް ފެންމަތިވި ކަމަށް ޝާކިރު ވިދާޅުވިއެވެ. އެ ގުދަން ހުރީ ބަޔަކަށް ކުއްޔަށް ދީފައި ކަަމަށް އޭނާ ވިދާޅުވިއެވެ. އެ ތަނުގެ އިރު އުތުރު ކަނާ ދިމާލުގައި ހުރި ތަރުކާރީ އާއި މޭވާ ހުރި ކޮންޓެއިނަރ ކަފާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން އެ ރޭގެ ވަގުތެއްގައި އެނގިފައި ވަނީ އެތަން ކުއްޔަށް ހިފައިގެން އުޅޭ އޮކޭޝަން މޯލްޑިވްސް އިން ގުޅާފައި ބުނުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ކޮންޓެއިނަރގެ އަގަކީ ގާތްގަނޑަކަށް ދޮޅުލައްކަ ރުފިޔާ ކަމަށް ވެސް ޝާކިރު ވަނީ ވިދާޅުވެފައެވެ. އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ އާއި ގުޅިގެން އެ ގޭގެ އެތެރެ ބައިގައި އުޅޭ މީހުން ގެންގޮސް ނަސޭހަތް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުން ވެސް އެ ގުދަން ކުއްޔަށް ހިފައިގެން އުޅުނު މީހުންނަށް އަނގަބަހުން އިންޒާރު ދީފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.
އަދި 23 ޖޫންގައި އެ ގުދަނުގެ މީހުން ކާންދިޔަ ވަގުތު އެ ގުދަނުގެ ދޮރު ނަގާ އެއްލާލާފައިވާ ކަމަށާއި އެކަން ވެސް ކުރީ އެގޭގެ އެތެރޭގައި އުޅޭ މީހުން ކަަމަށް ޝާކިރު ތުހުމަތުކުރައްވައެެވެ. އަދި ކުރިން ފާރު ތަޅާލި ތަނުގައި ދޮރެއްވެސް ލާފައި ހުރިކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން އެނގުނީ ކުރިން ހަލާކުކޮށްލި ކޮންޓެއިނަރ ބަދަލުކުރަން އެ ހުރި ތަނުން ބަދަލުކުރަން ބެލި ބެލުމުގައި ކަމަށް ޝާކިރު ވިދާޅުވިއެވެ. އެހެންނަމަވެސް މި ހުރިހާ ފަހަރެއްގައި ވެސް ފުުލުހުން އެ މީހުންނާއި މެދު އަޅަންވާ ފިޔަވަޅު ނާޅާ ދޫކޮށްލާފައިވާ ކަމަށް ޝާކިރު ވިދާޅުވިއެވެ. ކުށުގެ ވެށިން އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފިޔަވަޅު އަޅާފައި ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ،
ލަފާކުރެވޭ ގޮތުން އެއީ ފާރު ތަޅާލުމަށް ފަހު އެތަނުގައި ދޮރު ބަހައްޓާފައި އެހުރީ. ގުދަނުގެ ބޭރު ދޮރު ހުރީ ނައްޓާލާފައި. އެއްލާލާފައި އޮތީ. އެ މީހުން ގެންގޮސްފަ ފުލުހުން ނަސޭހަތް ދިނީ. ދީފަ ދޫކޮށްލީ.ހަސަން ޝާކިރު
ޝާކިރު ވަނީ މިއީ ސިޓީ ކައުންސިލާއި، ހުދުފިނިފެންމާގެ އާގޭ މީހުންނާއި ގުޅިގެން ހިންގާފައިވާ ކަމެއް ކަމަށް ތުހުމަތުކުރައްވާފައެވެ. ޝާކިރު ވަނީ މި މައްސަލަ އާއި ގުޅޭ ލިޔުންތައް ހޯދަން އެދުނު ނަމަވެސް އެކަމަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާކަމަށް ފާހަގަކުރައްވާފަައެވެ. އެހެންނަމަވެސް މީސްމީޑިއާގައި ހާމަވި ލިޔުންތަކުން މި މައްސަލައިގައި ސިޓީ ކައުންސިލުގެ އިހުމާލުވެސް އޮތްކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހުދުފިނިފެންމާގޭ އާގޭގެ ފާރު ރޭނީ ދީފައިވާ މުއްދަތު ހަމަވިތާ 20 ދުވަސް ފަހުން ކަމަށާއި މި މައްސަލައިގައި ކައުންސިލުން ފޮނުވާފައިވާ ސިޓީ ފޮނުވާފައި އޮތީ، ހުދުފިނިފެންމާގޭ ވެރި ފަރާތަކަށް ނޫން ކަމަށް ޝާކިރުވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކުން ވެސް ހަދީބީ މަގަކީ ބަންޑާރަތަނެއް ކަމަށް ފެންނަން އެބަހުއްޓެވެ. އަދި ސަރުކާރުން ފާސްކުރި ލިޔުންތަކުގައި ވެސް އެކަން އޮތީ އެހެން ކަމަށް ވާއިރު ހުދުފިނިފެންމާގެއާގެ ދެބައިކުރުމަށް މަދަނީ ކޯޓުން 2007 ވަނަ އަހަރު ނިންމި ގަޒިއްޔާގަ ވެސް އެ މަގު ގޯތީގެ ބައެއްގެ ގޮތުގައި ހިމަނާފައެއް ނެތެވެ. މީގެ އިތުރުން ހުދުފިނިފެންމާގޭ އާގޭ ގޯޅިގަނޑެއް ކަމަށް ބުނެ ސިޓީ ކައުންސިލުން ފާރެއް ރާނައި ބަޔަކު ބަންދުކުރުވި ގޯޅިގަނޑަކީ 2009 ގައި ހުދުފިނިފެންމާގެއިން ދޮރެއް ކަނޑަން ހުއްދަ ދިނުމަށް ފަހު ހުއްޓުވުމުން، ޝާކިރު ކޯޓަށް ގޮސް މައްސަލަ ކާމިޔާބުކޮށް ހައިކޯޓުން ބަދަލު ނަގައި ދިން މައްސަލަ އެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ޝާކިރު ތުހުމަތުކުރާ ގޮތުން މިއީ ރާވައިގެން ހިންގާފައިވާ ޖަރީމާއެކެވެ. އަދި ހުއްދަ ނުހޯދާ، ކޯޓު އަމުރެއް ނެތި ހުދުފިނިފެންމާގޭ އިންފާރު ދެ ދިމާލަކުން ތަޅާލުމަކީ ޢައިރު ޤާނޫނީ ޢަމަލެއް ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހާރު ކޯޓަށް ބަދަލު ހޯދަން ލާން ނިންމާފައިވާ ކަމަށް ޝާކިރު ވިދާޅުވިއެވެ. ދެ ދުވަހެއްގެ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޝާކިރު ވަނީ ކޯޓުތަކާއި އިދާރާތަކުގެ ސައްހަ ލިޔެކިޔުންތައް ހުރި ނަމަވެސް އޭނާގެ އަގު ވެއްޓޭ ގޮތަށް މީޑިއާ އާއި މީސްމީޑިއާގައި ދޮގު ޚަބަރުތަކެއް ފެތުރިފައިވާކަން ވެސް ފާހަގަކުރައްވާފައެވެ. އަދި މި މައްސަލައިގައި އިންސާފު ހޯދުމަށް ކޯޓު މަރުހަލާ ނޫން ގޮތެއް ދެން ނެތް ކަމަށް އޭނާގެ ވާހަކަތަކުން ދޭހަވެއެވެ.