އިޓަލީގެ ބޮޑުވަޒީރަށް މަލާމަތް ކުރި ނޫސްވެރިއަކު 5400 ޑޮލަރުން ޖުރިމަނާ ކޮށް އެ ފައިސާ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އަށް ދެއްކުމަށް މިލާންގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
ޖޫލިއާ ކޯޓޭޒޭ ނަމަކަށް ކިޔާ ނޫސްވެރިއެއްގެ މައްޗަށް ކޯޓުން ހުކުމް ކުރީ އޭނާ އެކްސް ގައި އިޓަލީގެ ބޮޑުވަޒީރުގެ އިސްކޮޅަށް ހަޖޫ ޖަހާ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ.
މި ހުކުމާ ގުޅިގެން ނޫސްވެރިޔާ އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާ ގުޅޭ ގޮތުން އިޓަލީ ސަރުކާރުގައި ސީރިއަސް މައްސަލައެއް އުޅޭކަމަށެވެ.
ސޯޝަލް މީޑިއާގައި އޭރު އިދިކޮޅު ޕާޓީގައި ހުންނެވި މެލޯނީ އާއި ނޫސްވެރިޔާ މައްސަލަ ފެށުނީ މެލޯނީގެ ފޮޓޯ އެއްގެ ބެކްގްރައުންޑަށް މުސޮލިނީގެ ފޮޓޯ އެއް ލުމަށްފަހު އެކްސްގައި ނޫސްވެރިޔާ އެ ފޮޓޯ ޕޯސްޓްކުރި ހިސާބުން ކަމަށްވެއެވެ.
އެއާއެކު ދެފަރާތުގެ ދެމެދުގައި ބަދަލު ކުރެވުނު ބަހުގެ ހަމަލާތަކަށް ފަހު މެލޯނީ ކޯޓަށް ދާން ނިންމެވީ، ނޫސްވެރިއާ "އަހަންނަށް ބިރު ނުދައްކާތި ޖޯޖިއާ މެލޯނީ، ތިޔައީ އިސްކޮޅުގައި އެންމެ 1.2 މީޓަރު ހުރި މީހެއް، އަހަންނަކަށް ކަލޭ ނުވެސް ފެނޭ." މިހެން ލިޔުމާ ގުޅިގެން ކަމަށް ވެއެވެ.
އެކި ނިއުސް ވެބްސައިޓް ތަކުގައި ހާމަ ކޮށްފައިވާ މައުލޫމާތުގައި ބޮޑު ވަޒީރުގެ އިސްކޮޅު ކަމަށް ބުނަނީ 1.58 މީޓަރާއި 1.63 މީޓަރާ ދެމެދުގެ މިނެކެވެ.
ހުކުމަށްފަހު، މެލޯނީގެ ގާނޫނީ ވަކީލު ބުނެފައިވަނީ، ގެއްލުމުގެ ފައިސާ ލިބިއްޖެ ނަމަ އެ ފައިސާ ހަދިޔާ ކުރާނީ ޗެރިޓީ އަށް ކަމަށެވެ.
ނޫސްވެރިޔާ އަށް މި ހުކުމް އިސްތިއުނާފް ކުރަން ހުށަހެޅޭނެއެވެ.
"މިއީ މިނިވަން ނޫސްވެރިކަމަށް އިޓަލީގައި އުނދަގޫ ދުވަސްކޮޅެއް،" ބުރާސްފަތި ދުވަހު ނޫސްވެރިޔާ ކޯޓޭޒޭ އެކްސް ގައި ލިޔެފައިވެއެވެ.
މެލޯނީ އަކީ ނޫސްވެރިން ގޮވައިގެން ކޯޓަށް ވަޑައިގަތުމުގައި އައު ބޭފުޅެއް ނޫނެވެ. އިޓަލީގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ރޮބާޓޯ ސެވިއާނޯ 2021 ވަނަ އަހަރު ޓީވީ ޝޯވ އެއްގައި ގަވައިދާ ޚިލާފަށް އިޓަލީ އަށް އަންނަ މީހުންނާ ބެހޭ ގޮތުން ދެއްކި ވާހަކަ އެއްގައި މެލޯނީގެ ސިޔާސަތައް ފާޑުކީއިރު މެލޯނީއަށް ނިސްބަތްކޮށް އިހާނެތި ވާހަކަ ދެއްކި ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ނޫސްވެރިޔާ ވަނީ ހުސްވި އަހަރު ހާހަކަށް ވުރެ ގިނަ ޑޮލަރުން ޖުރިމަނާ ކޮށްފައެވެ.