ދައުލަތުގެ މުދަލާއި ފައިސާގެ ކަންކަމުގައި ހުރިހާ ނުބައެއް ހަދަނީ އޮފީސްތަކުގެ ޕްރޮކިއުމެންޓް މީހުން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާ ބެހޭ ގޮތުން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
20 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު ކަންވެސް ކުރައްވާ އަދި ފުޅާ ދާއިރާއެއްގައި ވިޔަފާރީ ކުރައްވާ ސަލީމް، އޮޑިޓް އޮފީހުގެ ފަރާތުން ކޮމިޓީއަށް ވަޑައިގެން ތިއްބެވި ބޭފުޅުންނަށް އިޝާރާތް ކުރައްވާ ވިދާޅުވީ، ޕްރޮކިއުމެންޓް މީހުން ހަދާ ހުރިހާ މަކާރާ، ހީލާތް އޮޑިޓް އޮފީހުގެ ބޭފުޅުންނަށް ރަނގަޅަށަ އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ޕްރޮކިއުމެންޓްގައި މަސައްކަތް ކުރާ ފާރާތްތަކުން ހަދާ މަކަރެއްގެ މިސާލެއްގެ ގޮތުން ސަލީމް ވިދާޅުވީ ވަކިވަކި ތިން ފަރާތެއްގެ އެސްޓިމޭޓެއް ގެންނަން ޖެހޭ ކަންކަމުގައި އެކެއްގެ ނަމުގައި އޮންނަ ތިން ކުންފުންޏަކުން އެސްޓިމޭޓް ގެނެސްގެން އޮޅުވާލައިގެން ބޮޑު އަގު އެބަ ނަގާކަމަށެވެ.
"އޮފީސްތަކުގެ ޕްރޮކިއުމެންޓް މީހުން ހަދާ މަކަރާ އޮޅުވާލުންތައް ނުބެއްލެވެނީ އެކަންކަމަށް ކޮންކަހަލަ ހުރަސްތަކެއް ހުންނާތީތޯ" އޮޑިޓަރ ޖެނެރަލް އާ މެމްބަރު ސަލީމް ސުވާލުކުރެއްވިއެވެ.
އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ކޮމިޓީގައި ވިދާޅުވީ، ހާމަކަން ބޮޑު ގޮތެއްގައި ޕްރޮކިއުމެންޓްގެ ކަންކަން ކުރިއަށް ގެންދިއުން ވަރަށް މުހިންމު ކަމަށާއި އެހެން ނަމަވެސް އޮޑިޓް ކުރުމުގައި ތަކެތީގެ ހަމަ އަގު ދެނެގަތުމުގައި ދަތި ތަކެއް ހުންނަ ކަމަށެވެ.
މިސާލެއްގެ ގޮތުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ސިންގަލް ސޯސްކޮށް ނުވަތަ ބިޑް ކުރުމެއް ނެތި ކުރިއަށް ގެންގޮސްފައި ހުންނަ ޕްރޮޖެކްޓް ތަކުގައި ހަމަ އަގު ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމެއް ކަމުގައެވެ.
ކޮމްޕެޓިޝަންގެ ތެރެއިން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދައުލަތުގެ ޕްރޮޖެކްޓްތައް ދާން ޖެހޭނީ، އެނޫން ގޮތްގޮތައް ދާ ކަންކަމުގައި އަޅުގަނޑުމެން ހުންނާނެ އަގާއި މެދު ރިޕޯޓްތަކުގައި ވެސް ފާހަގަ ކޮށްފައިއޮޑިޓަރ ޖެނެރަލް
ބާޒާރުގެ އަގުތަކާ ބިޑުގެ އަގުތަކާއި ތަފާތުވާ މައްސަލައިގައި އޮޑިޓަރޖެނެރަލް ވިދާޅުވީ، ސަރުކާރުން ބިލަށް ފައިސާ ލިބުން ލަސްވާތީ އަގައް ޕްރީމިއަމް އެއް ލާފައި ހުންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.
އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ވަކި ދުވަހެއްގެ ތެރޭގައި ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވިޔަފާރިވެރިންނަށް ދޭ ނަމަ ބައެއް އަގުތައް ކުޑަވެގެން ދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.