ކ. މާލެ
|
14 ޖުލައި 2024 | އާދީއްތަ 10:05
ޔޫރޯ މުބާރާތުގެ ފައިނަލްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް
ޔޫރޯ މުބާރާތުގެ ފައިނަލްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް
ރޮއިޓާސް
ޔޫރޯ 2024
ސައުތުގޭޓަށް އެއްވެސް ބިރުވެރިކަމެއް ނެތް!
ސައުތުގޭޓް ބޭނުން ވަނީ ފައިނަލްގައި އިންގްލެންޑުގެ ކުޅުންތެރިން އެއްވެސް ހާސްކަމެއް އަދި ޖެހިލުވުން ވުމެއް ނެތި ކުޅުމަށެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ނިކުންނައިރު، އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށް އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ޖަރުމަނުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލްގައި އިންގްލެންޑުން ސްޕެއިންއާ ދެކޮޅަށް ނިކުންނާނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު އެވެ. ޖަރުމަނުގެ ބާލިންގައި ހުންނަ އޮލިމްޕިއަސްޓޭޑަމްގައި ކުޅޭ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ. މިއީ ޔޫރޯ މުބާރާތުގެ ފައިނަލްގައި ޖެހި ޖެހިގެން އިންގްލެންޑު ކުޅޭނެ ދެ ވަނަ ފަހަރެވެ.

ސައުތުގޭޓް ބުނީ ފައިނަލް މެޗަށް ނިކުންނައިރު އޭނާ އަށް އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށާއި، އެތައް ކަމެއް އޭނާ ތަހަންމަލު ކޮށްފައިވާ ކަމަށެވެ. ސައުތުގޭޓް ބޭނުން ވަނީ ފައިނަލްގައި އިންގްލެންޑުގެ ކުޅުންތެރިން އެއްވެސް ހާސްކަމެއް އަދި ޖެހިލުވުން ވުމެއް ނެތި ކުޅުމަށެވެ. އެގޮތުން މެޗުން ބަލިވެދާނެ ކަމުގެ ބިރުވެރިކަން ޓީމުގައި ނެތް ނަމަ، ފައިނަލް މެޗުން މޮޅުވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި ފައިނަލް މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ސައުތުގޭޓް ބުނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާ މަސައްކަތް ކޮށްފައި ވާނީ ކަންކަން ބަދަލު ކުރުމަށް ކަމަށެވެ. އެގޮތުން އިންގްލެންޑުގެ ވިސްނުން ބަދަލުކޮށް، ފުޓުބޯޅައިގައި ކުރިއަށް ދާން އެތައް މަސައްކަތެއް ކޮށްފައިވާނެކަން އޭނާ ފާހަގަ ކުރި އެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް އިންގްލެންޑުން ފީފާ ވޯލްޑް ކަޕް އަދި ޔޫރޯ މުބާރާތް ކުޅެފައިވާއިރު، އަބަދު ވެސް ވިސްނަމުން ދިޔައީ ބަދަލުތައް ގެންނާނެ ގޮތްތަކާ މެދު ކަަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

ސައުތުގޭޓް ފާހަގަ ކުރި ގޮތުގައި މުބާރާތް ފެށިގެން އައިއިރު އިންގްލެންޑުން ދައްކަމުން އައި ކުޅުމާާއި، މިފަހުން އެ ޓީމު ދައްކަމުން އައި ކުޅުމުގައި ތަފާތު ތަކެއް ހުންނާނެ އެވެ. އެހެން ނަމަވެސް، ބެލެންސް ޓީމެއް އެކުލަވާލެވިފައި ވުމުގެ ފައިދާ އިންގްލެންޑަށް ކޮށްފައިވާކަން ވެސް އޭނާ ފާހަގަ ކުރި އެވެ. ފައިނަލަށް ކުރިމަތިލާއިރު، އިންގްލެންޑަށް އައިސްފައިވާ ބަދަލާއި، ޓީމުން ހޯދާފައިވާ ކުރިއެރުންތަކާ މެދު ހިތްހަމަ ޖެހޭ ކަމުގައި ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑުން ވަނީ މީގެ ކުރިން 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. އެ ފަހަރު އެ ޓީމު ބަލިވީ އިޓަލީއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެންނެވެ. ފުޓުބޯޅައިގައި ކާމިޔާބު ހޯދުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ އިންގްލެންޑަށް، މިއީ ތާރީޚު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް