ކ. މާލެ
|
8 ޖުލައި 2024 | ހޯމަ 14:18
ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެން ވަޒީރުންނާ ސަލާމް ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެން ވަޒީރުންނާ ސަލާމް ކުރައްވަނީ
ރައީސް އޮފީސް
އިޤްތިސާދީ ނުފެންނަ އަނދަވަޅު
ރައީސް ތި ވިދާޅުވީ ރަނގަޅަށް، އަސްލުވެސް ވެލް ޕްލޭންޑް!
އެންމެންވެސް ހީކުރީ ހަގީގަތުވެސް ޤައުމު އިޤްތިސާދީ އަނދަވަޅަކަށް ވެއްޓިގެން އުޅެނީކަމަށް، ނަމަވެސް ކަން މިވީ އެހެނެއް ނޫނެވެ.

އަޅުގަނޑު ހީކުރީ ހަގީގަތުވެސް ޤައުމު އިޤްތިސާދީ އަނދަވަޅަކަށް ވެއްޓިގެން އުޅެނީކަމަށެވެ. ހަގީގަތުގައިވެސް ސަރުކާރުން އިޤްތިސާދު ރަނގަޅު ކުރަން އުޅެނީ ކަމަށެވެ. ކޮންމެެވެސް ވަރަކަށް ހުރީ ޖެހިލުންވެސް ވެފައެވެ. ބިރުވެސް ހީވެފައެވެ.

އެކުން އެހެންވީ އެއް ދުވަހަކު ރައްޓެއްސަކު ފޮނުވި ވީޑިއޯއެއްވެސް ފެނިފައި އޮތުމުންނާއެކުގައެވެ. އެއީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގެ ވީޑިއޯ ކޮޅެކެވެ. އޭގައި އޭނާ ވިދާޅުވާތީ އިވެނީ އަންނަން އޮތް ބިރުވެރިކަމުގެ ވާހަކައެވެ. ވެއްޓެމުންދާ އަނދަވަޅުގެ ވާހަކައެވެ. ނަގަމުންދާ އިޤްތިސާދީ ކަޅު ވިލާތަކުގެ ވާހަކައެވެ. އަންނަން އުޅޭ ދަތި ކޮޅިގަނޑެއްގެ ވާހަކައެވެ.

ހީވަނީ މަގޫފަތް ކައި އުޅުނު ޒަމާނަށް ހަމަ ދެންމެ ދެންމެ ދެވިދާނެ ހެންނެވެ. ކަނޑާފައި އުކާލާފައި ހުންނަ މަހުގެ ކަރު ގޮހޮރާއި، ލަގޮނޑިއާއި، ކަށި ފޮތި ނޫން އެއްޗެއް ކާން ނުލިބިދާނެ ހެންނެވެ.

ސަރުކާރުންނާއި ސަރުކާރުގެ މެމްބަރުން މުޅިންވެސް ދައްކާތީ އިވެނީ މި ޒާތްޒާތުގެ ވާހަކައެވެ. ހިތި ބޭހެއް ބޯން ޖެހޭނެ ކަމަށާއި، އިޤްތިސާދީ ދަތީގައި ކެތް ކުރަން ޖެހޭނެ ވާހަކައެވެ. ސަރުކާރުން އިސްލާހީ ހަލުވި ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވައިފި ވާހަކައެވެ.

އެހެންނަމަވެސް އާދިއްތަ ދުވަހުގެރޭ ޕީއެންސީ ހަރުގޭގައި އޮތް ޖަލްސާއެއްގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅެއް އަޑުއިވުނު ހިސާބުން ކުޑަކޮށް ބޯ ގޮވާ ކަހަލަ ގޮތެއް ވިއެވެ. ގެންފައިވާ ބިރު ފިލުމުގެ ބަދަލުގައި އިތުރަށް ގޯސްވާ ގޮތް ވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިޤްތިސާދީ ގޮތުން އަނދަވަޅަކަށް ވެއްޓިގެން އުޅޭ ޤައުމެއްގެ ރައީސަކު ދައްކަވާ ޒާތުގެ އެއްވެސް ވާހަކަފުޅެއް ދެއްކެވީތީއެއް ނީވުނެވެ. ހާސްކަމެއް ކަންބޮޑުވުމެއްވެސް ރައީސްގެ ފުށަކުން ނުފެނުނެވެ.

ރައްޔިތުންނަށް އަދި ހުދު އަމިއްލަފުޅަށްވެސް އިޤްތިސާދު މިވަގުތަށް ހެޔޮ ނަސޭހަތްޕުޅެއް ދެއްވާތީއެއްވެސް ނީވުނެވެ. އޭގެ ބަދަލުގައި އިވުނީ މިފަހަކުން ކުރައްވަމުން ގެންދަވާ ހުރިހާ ކަމަކާއި، ދައްކަވަމުން ގެންދަވާ ހުރިހާ ވާހަކައަކީ ކުރިން ރާވަވާފައިވާ ގޮތަށް "ޕްލޭނާ އެއްގޮތަށް" ކުރައްވަމުން ގެންދަވާ ކަންކަން ކަމަށް ވިދާޅުވި ވާހަކަފުޅުގެ އަޑެވެ.

"އެޑްހޮކް ކޮށް" އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި، މިއީ ހައްތަހާވެސް "ވެލް ޕްލޭންޑް" ކަންކަންކަމަށް ވިދާޅުވި އަޑެވެ.

މިއަޑު އިވުމާއެކު އަޅުގަނޑު ހިތަށް އެރިއެވެ. ރައީސްވެސް ހާދަހާ ލާނެތެވެ. އިޤްތިސާދީ އަނދަވަޅަކަށް ވެއްޓިގެން އުޅޭ ކަމަށް ވިދާޅުވެ އަޅުގަނޑުމެންނަށް ބިރު ދެއްކެވީތޯއެވެ؟ ނުވަތަ ގުއި ރޯނުފުޅެއް ދެންމެވީތޯއެވެ؟ ނުވަތަ ހަމަ ހަގީގަތުގައިވެސް އެހެން މަންޒަރެއް އަޅުގަނޑުމެންނަށް ދައްކަވާފައި ރައީސް އެހެން ފިލުމެއް ކުޅުއްވަނީބާއެވެ؟ ހަމަ ހަގީގަތުގައިވެސް އިދިކޮޅު ޕާޓީއާ މުޅި ރައްޔިތުން ގުނބޯ ހައްދަވަނީތޯއެވެ؟ އެހެން ނޫންނަމަ މާ ދުރު މުސްތަޤުބަލުގައި ގެންނަވަން ހުރި އިޤްތިސާދީ ބަދަލުތަކެއްގެ ވާހަކަ މިއަދަކު ނުދެއްކެވީސް ނޫންތޯއެވެ. ފުރަތަމަ ދައްކަވާނީ މި އަނދަވަޅުން އަރައިގަންނަން މިވަގުތު ކުރައްވާނެ ކަންކަމުގެ ވާހަކަ ނޫންތޯއެވެ.؟ ގެންފައިވާ ބިރާއި ވެފައި ހުރި ދެރައަށްވުރެ ބޮޑަށް ވީ ފޫއްސެެވެ. ރައްޔިތެއްގެ ހައިސިއްޔަތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް