ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަދައްކަވަމުން ނިމިދިޔަ ހަފްތާގެ ތެރޭގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވަނީ މި ސަރުކާރުން ކުރަން ނިންމާފައިވާ ބައެއް ކަންކަމުގެ ވާހަކަދައްކަވާފައެވެ. އޭގެ ތެރެއިން އެއް ވާހަކަފުޅަކީ އެކަށޭނަ އަވަސް ޚިދުމަތްތަކެއް ދިނުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޑޭޓާބޭސްއެއް އެކުލަވާލާ ވާހަކައެވެ. އެކަމަނާ ވިދާޅުވި ގޮތުން އެ ވިދާޅުވާ ޑާޓާ ބޭސް ހެދުމުގެ މަސައްކަތެއް މިހާރު ދަނީ ކުރިއަށެވެ.
އެކަން ތަފްސީލްކޮށްދެއްވަމުން ވިދާޅުވި ވާހަކަފުޅަކީ ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ރަނގަޅު ޑޭޓާބޭސްއެއް މިހާތަނަށް އެކުލަވާލެވިފައި ނުވާ ވާހަކައެވެ. އެފަދަ ޑޭޓާބޭސް އެއް ހެދިފައިނުވާތީ އެފަދަ ފަރާތްތައް ދެނެގަތުމަށް ދަތިތަކާއި ދިމާވާކަމަށް ވިދާޅުވިއެވެ. އަދި ހަމައެހެންމެ އެމީހުންނަށް ބޭނުންވަނީ ކޮން އެހީތެރިކަމެއްތޯ ދެނެގަތުމަށްވެސް ދަތިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވަނީ އެފަދަ މައްސަލަތަކަށް ޑޭޓާ ބޭސް އާއި އެކު ލިބޭނެ ހައްލުތަކަށް ވެސް އަލިއަޅުވާލާފައެވެ. ރާއްޖޭގައި ނުކުޅުދުންތެރިކަން ހުރި މީހުން ތިބި ނިސްބަތާއި އެ މީހުން ތިބި ތަންތަން ދެނެގަންނަން އެ ޑޭޓާ ބޭސްގެ އަލީގައި ފަސޭހަވާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން "ހާލު ކިހިނެތް؟" އަދި "އިބަމަ" ފަދަ ޕްރޮގުރާމާއި ގުރޫޕުތަކުން ލިބޭ މަޢުލޫމާތު ޑޭޓާބޭސް ހެދުމަށް ބޭނުންކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓަރ ވަނީ އެ ޑޭޓާ ބޭސް އާއި އެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭންވީ ކޮން އެހީތެރިކަމެއްކަން ދެނެގަތުމަށް ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މިނިސްޓަރ އެ ވިދާޅުވި ވާހަކަފުޅަކީ އެއީ ރަނގަޅު ވާހަކަފުޅެއް ނޫނެވެ. ރާއްޖޭގައި ނުކުޅުދުންތެރިކަމުގެ ދަފްތަރެއް ނެތް ކަމަށް ބުނާ ވާހަކަ އަކީ ހަގީގަތާއި ޙިލާފު ވާހަކައެކެވެ. އެހެންކަމުން މިނިސްޓަރަށް އެ ވާހަކަ އެނގިވަޑައިނުގަންނަވަނީތޯ ސުވާލު އުފެދެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޢިއުލާންކުރެއްވީ 2022 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވައި ދެއްވި ރިޔާސީ ބަޔާނުގައެވެ. ނޭޝަނަލް ޑިސެބިލިޓީ ރެޖިސްޓްރީގެ ޑިޖިޓަލް ޕޯޓަލް އެކުލަވާލެއްވީ 2023 ވަނަ އަހަރެވެ.
މި ދަފްތަރު އެކުލަވާލާފައި ވަނީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ތަސައްވުރާއި އެކުގައެވެ. 2022 ވަނަ އަހަރު ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޞާލިހު ވަނީ އެފަދަ ދަފްތަރެއް އެކުލަވާލުމުގެ ބޭނުންތެރިކަން ވަރަށް ތަފްސީލްކޮށް ހާމަކޮށްދެއްވާފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގެ ޒަރީއާއިން، އެންމެ އެކަށޭނަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހިވާނެކަމަށް އޭރު ރައީސް ޞާލިހު ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރަކީ އެފަދަ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިއްމު އެއް ބައި ކަމަށެވެ. މި ދަފްތަރުގެ އެންމެ މުހިންމު ބޭނުމަކީ އެ ފަރާތްތަކުގެ މައުލޫމާތު ރަނގަޅަށް ބެލެހެއްޓުން ކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެ ދަފްތަރުގެ އެހީގައި، އެހީތެރިކަން ބޭނުންވާ ފަރާތްތައް ކެޓެގަރައިޒް ކުރެވޭނެ ކަަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މި ދަފްތަރު ވެގެންދާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ކެޓަގަރީ ކުރެވި، އެފަރާތްތަކުގެ ހާލަތްތަކަށް ވަކިވަކިން ބެލި، އެންމެ އެކަށޭނަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް އޮތް ފަހި މަގަކަށް ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރު އިފްތިތާހުކޮށްފައި ވަނީ 5 ޖެނުއަރީ 2023ގައެވެ.ބައިނަލްއަގްވާމީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ރ. އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގައި އެ ދަފްތަރު އިފްތިތާހުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
މި ދަފްތަރުގެ އެހީގައި އެއްކުރެވޭ މައުލޫމާތަކީ ކަމާގުޅުންހުރި އިދާރާތަކަށް ބޭނުންތެރި މައުލޫމާތުތަކަކަށް ވާ އިރު އެ މައުލޫމާތު ބޭނުންކުރެވޭނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ހުއްދައާއެކުގައެވެ. މީގެ އިތުރުން އާސަންދަ ޕޯޓަލް މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސިއްހީ މައުލޫމާތު ފުރުމުގެ އިންތިޒާމްވެސް މި ޕޯޓަލްގެ ދަށުން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މި ޕޯޓަލްގެ އެހީގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ތަފްސީލުތައް، ރަށްރަށުގެ ކައުންސިލްތަކަށް މެދުވެރިކޮށް ބެލެހެއްޓޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. ހަމައެހެންމެ އެ މައުލޫމާތު އެލް.ޖީ.އޭގެ ޕޯޓަލްއާވެސް ވަނީ ގުޅާލާފައެވެ.
އެހެންކަމުން ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް ނެތް ކަމަށް އޭގެ އަހަރެއްހާ ދުވަސް ފަހުން މިހާރުގެ ވަޒީރު ވިދާޅުވުމުން ވަރަށް ބޮޑަށް ސުވާލު އުފެދެއެވެ. ވަޒީރަށް އެ މައުލޫމާތު އެނގިވަޑައިނުގަންނަވަނީތޯ ސުވާލު އުފެދެއެވެ.
މި ސަރުކާރުން އަލަށް ކުރާ ކަމެއް ކަމަށް ދައްކުވާދޭން މަސައްކަތް ކުރާ ދަފްތަރު އެކުލަވާލިތާ އަހަރެއްހާ ދުވަސް ވޭތުވެއްޖެއެވެ. އެކަމަކު މިއީ ސޯޝަލް ސެކްޓަރގަ ވެސް މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. ނިމިދިޔަ ސަރުކާރުން ފެށި އިބަމަ ޕްރޮޖެކްޓްގެ ކްރެޑިޓް ވެސް މި ސަރުކާރުން ވަނީ ނަގާފައެވެ. ކޮންމެއަކަސް ނެތް ކަަމަށް އެ ބުނާ ނުކުޅުދުންތެެރިކަން ހުންނަ މީހުންގެ ޕޯޓަލްގައި މިހާރުވެސް މިހާރުވެސް 12920 މީހުން ރެޖިސްޓްރީވެފައި އެބަ ތިއްބެވެ.