ކ. މާލެ
|
7 ޖުލައި 2024 | އާދީއްތަ 09:41
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ
ރޮއިޓާސް
ޔޫރޯ 2024
ފުއެންޓޭ ސްޕެއިން ސިފަ ކުރީ މޮޅުވާ އަހެއްގެ ގޮތުގައި!
ސްޕެއިންގެ ކުޅުންތެރިން ތިބީ އެއް ފެންވަރެއްގައި ހިފެހެއްޓިފައި ކަމަށާއި، ކުޅުންތެރިން ދައްކައިދިނީ އެމީހުންގެ ފެންވަރު ކަމަށް ވެސް ފުއެންޓޭ ބުންޏެވެ.

ސްޕެއިން ޤައުމީ ޓީމަކީ މޮޅުވާ އަހެއްގެ ގޮތުގައި ސިފަކޮށް، އެ ޓީމުގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފި އެވެ.

އޭނާ މިފަދައިން ވާހަކަ ދެއްކީ ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕެއިން އިން ޖަރުމަނުގެ މައްޗަށް ކުރި ހޯދި މެޗަށްފަހު އެވެ. އެ މެޗުން މޮޅުވެ ސްޕެއިން އިން ވަނީ މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ހޯދައިފަ އެވެ. މިއީ ޔޫރޯ އަދި ފީފާ ވޯލްޑް ކަޕްގައި ވެސް މުބާރާތް ބާއްވާ ޤައުމާ ދެކޮޅަށް ކުޅުނު 10 މެޗުގެ ތެރެއިން، ސްޕެއިން މޮޅުވި ފުރަތަމަ މެޗެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ، ސްޕެއިންގެ ކުޅުންތެރިންނާ މެދު އޭނާ ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށާއި، ކުޅުންތެރިން ކޮށްފައިވާ މަސައްކަތާމެދު ވެސް ހިތްހަމަ ޖެހޭ ކަމަށެވެ. ސްޕެއިންގެ ކުޅުންތެރިން ތިބީ އެއް ފެންވަރެއްގައި ހިފެހެއްޓިފައި ކަމަށާއި، ކުޅުންތެރިން ދައްކައިދިނީ އެމީހުންގެ ފެންވަރު ކަމަށް ވެސް ފުއެންޓޭ ބުންޏެވެ. އެކަން ފާހަގަކޮށް ފުއެންޓޭ ބުނީ، ސްޕެއިން އަކީ މޮޅުވަމުންދާ އަހެއް ކަމަށެވެ.

މީގެ އިތުރުން ފުއެންޓޭ ބުނީ އެ މެޗުން މޮޅުވުމަކީ ސްޕެއިން އަށް ލިބުނު ބޮޑު އަދި ތާރީޚީ ކާމިޔާބެއް ކަމަށެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި ޤައުމު ތަމްސީލުކޮށް، ޤައުމު ފަޚުރުވެރި ކޮށްދިނުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށް ވެސް ފުއެންޓޭ ބުންޏެވެ. މުބާރާތުގައި ސްޕެއިން އަށް ދެވޭ ހިސާބެއް ޖެހޭނީ ބަލަންކަން ފާހަގަކޮށް ފުއެންޓޭ ބުނީ، މިހާރު ސްޕެއިންގައި ތިބި ކުޅުންތެރިންނާ އެކު ކޮންމެ ހިސާބަކަށް ދެވޭނެކަން އޭނާ ޤަބޫލު ކުރާ ކަމަށެވެ.

މެޗުން މޮޅުވެ އެކަމުގެ އުފާ ފާޅު ކުރި ނަމަވެސް، އެކަން ވެސް ކުރިއަށް ގެންދާނީ ވަކި އިމެއްގެ ތެރޭގައި ކަމަށް ފުއެންޓޭ ބުންޏެވެ. އޭނާ ބުނީ މާދަމާ ވެގެން ދާނީ މުޅިން އެހެން ދުވަހަކަށް ކަމަށާއި، ކުރަން ޖެހޭ މަސައްކަތަށް ކުޑަ ވެސް ބަދަލެއް ގެންނަން ބޭނުން ނުވާ ކަމަށެވެ. ޚާއްސަކޮށް ސެމީ ފައިނަލް މެޗަކީ އެންމެ މުހިންމު އެއް މެޗަށްވާއިރު، އެ މެޗަށް ފުރިހަމަ އަށް ފޯކަސް ކުރަން ޖެހޭ ކަމުގައި ވެސް ފުއެންޓޭ ވަނީ ބުނެފަ އެވެ.

މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޔޫރޯ މުބާާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިން އިން، މިއަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ނިކުންނާނީ ފްރާންސްއާ ދެކޮޅަށެވެ. އަންގާރަ ދުވަހުގެ ރޭ ދަންވަރު އެ ޓީމާ ދެކޮޅަށް ނިކުންނައިރު، މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ފޭވަރިޓުންގެ ލިސްޓުގައި ސްޕެއިން އަކީ އޮތް ޓީމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް