ކ. މާލެ
|
6 ޖުލައި 2024 | ހޮނިހިރު 12:53
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕީޖީ އޮފީސް
ކޮރަޕްޝަން
ތަރައްގީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަން - ޕީޖީ
މިކަން ހައްލުކުރެވޭނީ ކޮންމެ އިދާރާއެއް ވަކިން، އަދި ހުރިހާ އިދާރާއެއް އެއްކޮށްވެސް ކޮރަޕްޝަން ނައްތާލުމަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްގެން
ޖިނާއީ އަދުލުގެ ނިޒާމުގެ އެންމެ ގުނަވަނެއްގައި ކޮރަޕްޝަންގެ ތުހުމަތު އޮތަސް މި މުޅި ނިޒާމަށް ރައްޔިތުން ކުރާ އިތުބާރަށް އޭގެ ނުރަނގަޅު އަސަރު ކުރުވާ

ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، އޭގެ ހުރިހާ މާނައަކާއި ސިފައެއްގައި، ކޮރަޕްޝަން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ހުސައިން ޝަމީމް ލިޔުއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ ކޮރަޕްޝަންގެ ސަބަބުން އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ހަމަޖެހުމާއި ކުރިއެރުމަށްވެސް އަސަރުކޮށް، ދައުލަތަށް މީހުން ކުރާ އިތުބާރު ކުޑަވާ ކަމަށެވެ. މީގެ އިތުރުން ޖިނާއީ އަދުލުގެ ނިޒާމު އެކުލެވިގެންވަނީ ގިނަ އިދާރާތަކެއްގެ މައްޗަށް ނަމަވެސް، މުޅި ނިޒާމު އެކީ މަސައްކަތްކުރަން ޖެހޭތީ، މިދާއިރާގެ އެންމެ ގުނަވަނެއްގައި ކޮރަޕްޝަންގެ ތުހުމަތު އޮތަސް މި މުޅި ނިޒާމަށް ރައްޔިތުންކުރާ އިތުބާރަށް އޭގެ ނުރަނގަޅު އަސަރު ކުރުވާ ކަމަށެވެ.

ޕީޖީ ވިދާޅުވީ މިކަން ހައްލުކުރެވޭނީ ކޮންމެ އިދާރާއެއް ވަކިން، އަދި ހުރިހާ އިދާރާއެއް އެއްކޮށްވެސް ކޮރަޕްޝަން ނައްތާލުމަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އެ މަސައްކަތްކުރާ ކަމާއި، އެމަސައްކަތާމެދު އިދާރާތަކުން ސީރިއަސްކަން ރައްޔިތުންނަށް ފެނި، އިހުސާސް ކުރެވިގެން ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށް ޕީޖީ އޮފީހުގައި ތިން ބާވަތެއްގެ މަސައްކަތެއް ކުރެވޭ ކަމަށެވެ. ފުރަތަމަ ކަމަކީ، އޮފީހުގެ މަސައްކަތްތައް މީހުންނަށް ބަރޯސާނުވެ، ނިޒާމުތަކަކަށް ބަރޯސާވާ އުސޫލަކަށް ރުކުރުވައިލުމާއި، އޮފީހުގެ ކޮންމެ ނިންމުމަކީވެސް ލިޔެފައި ހުރި އުސޫލުތަކަކާއި އެސްއޯޕީތަކެއްގެ މައްޗަށް، މަދުވެގެން 3 މީހުންގެ ބައިވެރިވުން ހިމެނިގެން ނިންމާ ނިންމުމަކަށް ހެދުމެވެ. އޭރުން ކޮރަޕްޓް ވިޔަސް ވާނީ ތިން މީހުން އެއްކޮށް ކަމަށް ޕީޖީ ވިދާޅުވިއެވެ.

މިއީ، ވުމަށްވުރެ ނުވުން ގާތްކަމެއް ކަމަށާއި، ދެވަނަ ކަމަކީ ކޮންމެ މަސައްކަތެއް ކުރާ މީހަކުވެސް، އަހަރަކު އެއްފަހަރު ބަދަލުވުން ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި މަސައްކަތްކުރާ ޕްރޮސިކިއުޓަރު، މިއަންނަ އަހަރު ޖިންސީ ކުށުގެ މައްސަލަތަކުގައި މަސައްކަތްކުރަން ޖެހިދާނެ ކަމަށެވެ. އަދި މީގެ ބޭނުމަކީ ކޮރަޕްޓް ނެޓްވަރކެއް އުފެދުމަށް ފުރުސަތު ނުދިނުމެވެ.

ތިންވަނަ ނިޒާމަކީ، މައުލޫމާތު ހާމަކުރުމެވެ. ޕީޖީ އޮފީހުގެ ފަލްސަފާއަކީ، ކޮންމެ ކަމެއްގެ އަސްލަކީވެސް ހާމަކުރުންކަމަށް ޕީޖީ ވިދާޅުވިއެވެ. އެހެން ގޮތަކަށް ގާނޫނުގައި ނުވަތަ މައްސަލައެއްގައި އަނިޔާ ލިބުނު މީހެއްގެ ހާއްސަ މަސްލަހަތެއް ނެތްނަމަ، ހުރިހާ މައުލޫމާތެއް އާންމު ކުރުންކަމަށް ޕީޖީ ވިދާޅުވިއެވެ. މީގެ އިތުރުން ޖަވާބުދާރީކުރުވަން ފުރުސަތު ދިނުމާއި މައުލޫމާތު އާންމުނުކޮށް، ޖަވާބުދާރީކުރުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޕީޖީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް