ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ނިމި ގަދަ އަށް މެޗު ފަށަން ތައްޔާރުވިއިރު ލަނޑު ލިސްޓުގެ ކުރި ހަތަރު ކުޅުންތެރިއަކު ހޯދައިފި އެވެ.
އެއީ ނެދަލޭންޑްސްގެ ފޯވަޑް ކޯޑީ ގަޕޯ އާއި ޖޯޖިއާގެ ޖޯޖަސް މިކައުޓާޑްޒޭ އާއި ޖާމަނީގެ ފޯވަޑް ޖަމާލް މުސިއާލާ އާއި ސްލޮވާކިޔާގެ ފޯވަޑް އިވާން ސްކަރާންޒެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވެސް ޖަހާފައިވަނީ ތިން ލަނޑެވެ. ކުޅެފައިވަނީ ހަތަރު މެޗެވެ.
ލިސްޓުގެ ދެ ވަނާގައިވަނީ ނެދަލޭންޑްސްގެ ޑޮންޔެލް މާލެން އާއި ސްޕޭންގެ ފަބިއަން ރުއިޒް އާއި އިންގްލޭންޑްގެ ޖޫޑް ބެލިންހަމާއި ކެޕްޓަން ހެރީކޭން އާއި ޖާމަނީގެ ނިކޮލަސް ފުލްކްރޫގާއި ތުރުކިޔޭގެ މެރިހް ޑެމިރަލް އާއި ރޮމޭނިޔާގެ ރަޒްވާން މަރީން އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ޖަހާފައިވަނީ ދެ ލަނޑެވެ. މީގެ ތެރެއިން ޖޯޖިއާ އާއި ސްލޮވާކިޔާ އާއި ރޫމޭނިޔާ ވަނީ މުބާރާތުން ކަޓާފަ އެވެ.
އެންމެ ގިނަ އެސިސްޓް ކުރީ ކާކު؟
މުބާރާތުގައި މިހާތަނަށް އެންމެ ގިނަ އެސިސްޓް ކޮށްފައިވަނީ ސްޕޭންގެ ފަބިއަން ރުއިޒް އެވެ. ތިން މެޗުން އޭނާ ދެ އެސިސްޓްކޮށްފައިވެ އެވެ. ދެ ވަނާގައިވަނީ ސްޕޭނުގެ ޒުވާން ފޯވަޑް ލަމީން ޔަމާލް އާއި ނެލަދޭންޑްސްގެ ޒުވާން މިޑްފީލްޑަރު ޒަވީ ސިމޮންސް އާއި ސްވިޒަލޭންޑްގެ މިޝޭލް އަބިޝާ އެވެ. މި ކުޅުންތެރިން ވެސް ވަނީ ލަނޑު ޖަހަން ދެ ފުރުސަތެއް ފަހިކޮށްދީފަ އެވެ. މިއަށްފަހު ދެން ވާދަ ކުރަނީ ނެލަދޭންޑްސްގެ ލެފްޓް ބެކް ނަތަކް އާއި ސްވިޒަލޭންޑްގެ ރެކޯ ފުރުއޭލާ އާއި އޮސްޓްރިއާގެ އެލްގެޒެންޑާ ޕްރާސް އާއި ރޫމޭނިޔާގެ ޑެނިސް މަން އަދި ކްރޮއޭޝިޔާގެ އެންޓޭ ބުޑިމީރާއި ސްލޮވާކިޔާގެ ޖުރާޖް ކުކްކާ އެވެ.
އެންމެ ގިނަ ގޯލު ޖެހީ ކޮންބައެއް:
މުބާރާތުގެ ގަދަ އަށަކަށް ގޮސްފައިވާ ޓީމުތަކަށް ބަލާއިރު އެންމެ ގިނަ ގޯލު ޖަހާފައިވަނީ މުބާރާތް ބާއްވާ ގައުމު ޖަރުމަނު ވިލާތުންނެވެ. އެ ގައުމުން 10 ގޯލު ޖަހާފައިވާއިރު ދެ ވަނާގައިވަނީ ސްޕޭނެވެ. އެއީ ނުވަ ގޯލު ޖަހައިގެންނެވެ. ކުއާޓާ ފައިނަލަށް ފަހު މި ދެ ގައުމުންކުރެ ކޮންމެވެސް އެއްބަޔަކު މުބާރާތުން ކަޓާނެ އެވެ. އެއީ ކުއާޓާ ފައިނަލުގައި ދެ ގައުމު ވާދަކުރަންޖެހޭތީ އެވެ.
ލިސްޓުގެ ތިން ވަނާގައިވަނީ ނެދަލޭންޑްސް އެވެ. އެމީހުން ޖަހާފައިވަނީ ހަތް ގޯލެވެ. މި އަދަދަށް ތުރުކީ އާއި ސްވިޒަލޭންޑް ވެސް ވަނީ ގޯލު ޖަހާފަ އެވެ. އެއަށްފަހު ވަނީ ފަސް ގޯލު ޖެހި ކުރީގެ ޗެމްޕިއަން ޕޯޗުގަލް އެވެ. މަޝްހޫރު އިންގްލޭންޑް ވަނީ ހަތަރު ގޯލާއެކު ފަހަތުން ދެވަނާގަ އެވެ. އެންމެ ފުލުގައިވަނީ މުބާރާތުގެ ފެވަރިޓެއް ކަމަށްވާ ފްރާންސެވެ. އެ ގައުމުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލަކީ އިދިކޮޅު ޓީމުން ބައިކޮޅަށް ޖެހި ގޯލުތަކެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް ފަށާނީ ސްޕޭން ޖާމަނީ އެވެ. އެއަށްފަހު ފްރާންސާއި ޕޯޗުގަލް ކުޅުމަށްފަހު އިނގިރޭސިވިލާތާއި ސްވިޒަލޭންޑެވެ. ފަހު މެޗުގައި ކުޅެނީ ނެދަލޭންޑްސް އާއި ތުރުކިޔޭ އެވެ.