ކ. މާލެ
|
3 ޖުލައި 2024 | ބުދަ 17:24
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގައި ބަހުސްކުރައްވަނީ
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގައި ބަހުސްކުރައްވަނީ
ރައްޔިތުންގެ މަޖިލިސް
އެމްޑީޕީ ޕީޖީ ޕްރެސް
އިދިކޮޅު ފަރާތްތަކަށް މަޖިލީހުގައި އޮތް ޖާގަ ހަނިކޮށްފި - މައުރޫފް
އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ބިރުދެއްކުމުގެ އިޝާރާތެއް ބައެއް މެންބަރުންގެ ވާހަކަތަކުން ފާހަގަކުރެވުނު
ހިތިބޭސް ބޯންޖެހޭނެކަމަށް ބުނަމުންދާއިރު، އެ ދައްކާ ވާހަކަތަކަކީ ހަމައެކެނި ވިދާޅުވާ ބަސްތަކެއް

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް އޮތް ޖާގަ ހަނިކޮށްފައިވާކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ މަޖިލީހުގައި އެކިއެކި ބިލްތަކަށް ބަހުސްކުރަމުންދިޔަ އިރު ފެނިގެން ދިޔައީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް އޮތް ޖާގަ ހަނިވެ، ހާއްސަކޮށް އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ބިރުދެއްކުމުގެ އިޝާރާތެއް ބައެއް މެންބަރުންގެ ވާހަކަތަކުން ފާހަގަކުރެވުނު ކަމަށެވެ. މައުރޫފް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މައުރޫފް ވިދާޅުވީ އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ޖަލަށްލާނެ ވާހަކަ މަޖިލީހުގެ ތަޅުމުގައި ފާހަގަވެގެންދިޔަ ކަމަށެވެ.

އަޅުގަނޑުމެންނަށް އެކިއެކި ފަރާތްތަކުން ލިބިފައިހުރި މައުލޫމާތުތައް އަދި މަޖިލިސް ހިންގަމުންދާ ގޮތަށް ބަލާއިރު، މަޖިލީހުގެ މެންބަރުންގެ ފަރާތުން ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު މަޖިލިސް ހިނގަމުންދަނީ ވަރަށް ބޮޑަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް. އަދި ވާހަކަ ދެއްކުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާއަށް ސަނާކިއުމާއި، ރައީސް އޮފީހުން ފޮނުވާ ޓޯކިންގ ޕޮއިންޓްތަކަށް އެކަނި ވާހަކަ ދައްކާތަން ފެނިގެންދޭ. އެހެންކަމުން އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ސީދާ ރައީސުލްޖުމްހުރިއްޔާގެ އެންގެވުމުގެ މަތިންނޭ އަޅުގަނޑުމެންނަށް އެފަދަ އިންޒާރުތައް އަދި އިދިކޮޅު ފަރާތްތަކަށް ދެމުން އެދަނީ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ޖަލަށްވެސް ލެވިދާނެ ކަމަށާއި، ނަމަވެސް އިދިކޮޅު ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އަދި މަޖިލީހުގެ މައިނޯރިޓީ ޕާޓީން ދިވެހި ރައްޔިތުންގެ ހައްގުގައި ދިވެހި ރާއްޖެ ވެއްޓެމުންދާ އިގްތިސާދީ އަނދަވަޅުން ސަލާމަތްކުރުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް މިއަދުގެ ސަރުކާރުގެ ފަރާތްތަކުގެ ބަސްމަގު އަދި އިސް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ބަލާއިރު، ގައުމުގެ އިގްތިސާދު ވަރަށް ދަށްކޮށް ހުރިކަމަށް ވިދާޅުވަމުން އަންނަ ކަމަށެވެ. އަދި އަނެއްބައި ފަހަރު ކަންކަން ވާނެކަމަށް ބުނަމުންދާ ކަމަށާއި، ނަމަވެސް ދިވެހި ރައްޔިތުން ހިތިބޭސް ބޯންޖެހޭނެކަމަށް ބުނަމުންދާއިރު، އެ ދައްކާ ވާހަކަތަކަކީ ހަމައެކެނި ވިދާޅުވާ ބަސްތަކެއްގެ ގޮތުގައި ފެންނަމުންދާ ކަމަށެވެ. އަމަލީ މަސައްކަތެއް ކުރަމުންދާތަން ނުފެންނަކަމަށް މައުރޫފް ވިދާޅުވިއެވެ.

އެއްވެސް އަމަލެއް އަދި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންދާތަނެއް ނުފެނޭ. ސިޔާސީ މަގާމްތައް މަދުކުރާ ވާހަކަ ދައްކަނީ. ރައީސުލްޖުމްހޫރިއްޔާ ފޭސްބުކާއި ޓްވިޓާގައި ޖައްސަވާފައިވަނީ. އެހެންނަމަވެސް އިއްޔެވެސް ފެނިގެންދިޔައީ ސިޔާސީ އިތުރު މަގާމުތަކަށް ބޭފުޅުން އައްޔަންކުރެވެމުންދާތަން. ދެން އަޅުގަނޑުމެންނަށް އެވާހަކަ އެގޮތަށް ދައްކަވާތީ ބޮޑަށް ގަބޫލުކުރެވެނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށްފައި، މަޖިލިސް މެންބަރުންގެ ދާއިރާތަކުން ނުވަތަ މެންބަރުން ރުއްސެވުމަށް ސިޔާސީ މަގާމުތައް ދީފައި އަލުން އަނބުރާ ސިޔާސީ މަގާމުތަކުން ވަކިކުރަނީ. މި ހުރިހާކަމަށް ބަލާއިރު ފާހަގަކުރެވެނީ މި ސަރުކާރު ފެށުނީއްސުރެ ދޮގާއި މަކަރާއި އޮޅުވާލުމުގައި ކަންކަން ކުރަމުންދާތަން.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދާއި އަދި ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން އިތުރުވެފައިވާ މިންވަރާއި، މުވައްޒަފުންގެ މުސާރަ ދިނުމަށް ހޭދަކުރަމުންދާ އަދަދުތައް މިހާ ހިސާބަށް އައި އިރުވެސް ސަރުކާރުން ވެސް އަދި ކުންފުނިތަކުންވެސް ހާމަކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހެޅިކަމަށެވެ.

މިކަމަކީ ގައުމުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ހާއްސަކޮށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، މި މައުލޫމާތު ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމްކުރާ ކަމަށާއި، އާރުޓީއައިގެ ދަށުން އެކި ފަރާތްތަކުން މި މައުލޫމާތު ހޯދުމަށްޓަކައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ނުދިނުމާއި ގުޅިގެން، އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅަންޖެހުނު ކަމަށެވެ.

މައުރޫފް ވިދާޅުވީ މި މައުލޫމާތުތައް ހާމަކުރުމަކީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމްކަމެއް ކަމަށާއި، އެކަން ނުކޮށް ދޫކޮށްލާ ހިސާބުން ރައީސުލްޖުމްހޫރިއްޔާ ގާނޫނާއި ހިލާފުވާނެ ކަމަށެވެ. އަދި ގާނޫނާއި ހިލާފުވުމަކީ ވަރަށް ބޮޑު ކުށެއްކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

ކޮމެންޓް