ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 18:41
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު
އެމްއޭސީއެލް
ވީއައިއޭގެ އެމްޑީގެ ކާރު ވަގަށްނެގުން
ވީއައިއޭގެ އެމްޑީގެ ކާރު ވަގަށްނެގި މައްސަލައިގައި ދެމީހަކަށް ދައުވާކުރުމަށް ފޮނުވައިފި
ދައުވާ އުފުލާފައިވަނީ މ. ސީނީއަސުރުމާގެ، މުހައްމަދު ހައިޝަމްއާއި، މ. މޮޑަންކޮމެޓް، އަހުމަދު ނިޒާމުގެ މައްޗަށް
މި މައްސަލައިގައި ވަގަށް ނަގާފައިވާ ކާރުގެ އަގަކީ 34560 އެމެރިކާ ޑޮލަރު

އެއާރޕޯޓު އެމްޑީގެ ކާރު ވަގަށްނެގި މައްސަލައިގައި ދެމީހަކަށް ދައުވާކުރުމަށް ފޮނުވައިފިއެވެ. 

29 އޭޕްރީލް 2024 ވަނަ ދުވަހުގެ 07:00 ހާއިރު މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ދުއްވުމަށް ހާއްސަކޮށްފައިވާ ކާރެއް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓްރާންސްޕޯޓް އެންޑް ފެރީ ސާރވިސް ބިލްޑިންގގައި ޕާކްކޮށްފައި އޮއްވާ ވަގަށްނަގާފައިވާ މައްސަލައިގައި ދަޢުވާތައް ކުރުމަށް 27 ޖޫން 2024 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. 

ދައުވާ އުފުލާފައިވަނީ މ. ސީނީއަސުރުމާގެ، މުހައްމަދު ހައިޝަމްއާއި، މ. މޮޑަންކޮމެޓް، އަހުމަދު ނިޒާމުގެ މައްޗަށެވެ.

ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 211 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން.

ދަޢުވާކުރާ ސަބަބުގެ ގޮތުގައި ބުނެފައިވަނީ މުހައްމަދު ހައިޝަމްއާއި، އަހުމަދު ނިޒާމް، 29 އޭޕްރިލް 2024 ދުވަހުގެ ދަންވަރު 12:00 އާއި، ހެނދުނު 06:30 އާ ދެމެދުގެ ވަގުތެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ދުއްވުމަށް ހާއްސަކޮށްފައިވާ ވޭން، އެކުންފުންޏަށް ނޭނގި ނަގައިގެން ގޮސްފައިވާތީއެވެ.

އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މި ދަޢުވާގެ އިތުރުން، މ. މޮޑަންކޮމެޓް، އަހުމަދު ނިޒާމްގެ މައްޗަށް އިތުރު ދައުވާވާތައް އުފުލާފައިވެއެވެ.

ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 311 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، އެއްވެސް މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުން ހިމެނެއެވެ.

ދަޢުވާ ކުރާ ސަބަބަކީ 29 އޭޕްރިލް 2024 ދުވަހުގެ ދަންވަރު 12:00 އާއި، ހެނދުނު 06:30 އާ ދެމެދުގެ ވަގުތެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވޭނެއް އެކުންފުންޏަށް ނޭނގި ނަގައިގެން ގެންގޮސް، އެ ވޭންގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާއި، އެ އުޅަނދުގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށްފައިވާތީއެވެ.

އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މީގެ އިތުރުން ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 220 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުން، މުދަލަށް ގެއްލުންދިނުން ހިމެނެއެވެ.

ދަޢުވާކުރާ ސަބަބަކީ 29 އޭޕްރިލް 2024 ދުވަހުގެ ދަންވަރު 12:00 އާއި، ހެނދުނު 06:30 އާ ދެމެދުގެ ވަގުތެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވޭން އެކުންފުންޏަށް ނޭނގި ނަގައިގެން ގެންގޮސް، އެ ވޭންގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާއި، އެ އުޅަނދަށް ގެއްލުން ދީފައިވާތީއެވެ.

އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

މި މައްސަލައިގައި ވަގަށް ނަގާފައިވާ ކާރުގެ އަގަކީ 34560 އެމެރިކާ ޑޮލަރެވެ.

- ކޮމެންޓް