ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 18:39
މެމްބަރު އަޒާން (ވ) އަދި މެމްބަރު އިމްރާން (ކ) މުޒާހަރާގެ ބައިވެރިންނާއި ވާހަކަދައްކަނީ
މެމްބަރު އަޒާން (ވ) އަދި މެމްބަރު އިމްރާން (ކ) މުޒާހަރާގެ ބައިވެރިންނާއި ވާހަކަދައްކަނީ
ރާއްޖެއެމްވީ
ވާނުވާ ބަންދު އުވާލަން ގޮވާލާ މުޒާހަރާކުރުން
ވާނުވާ ބަންދު އުވާލާނެ ވަކި ދުވަހެއް ބުނަން ނޭނގޭ، އެކަމަށް އެދި ފޮނުވާނީ އޭޖީ އޮފީހުން - އަޒާން
ޖަލުގައި ލިބޭ އަނިޔާ އާއި ދެކޮޅަށް ވެސް އެ މުޒާހަރާގައި ވަނީ އަޑު އުފުލާފަ
މުޒާހަރާގެ ބައިވެރިން ވަނީ ވާނުވާ ބަންދަކީ އަނިޔާ އެއް ކަމަށާއި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ބުނެފަ

ވާނުވާ ބަންދު އުވާލާނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށާއި އެކަމަށް އެ ބަދަލު ގެނައުމަށް ހުށަހެޅުމަކީ އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރައްވާ ކަމެއް ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫޤް ވިދާޅުވެއްޖެއެވެ.

އަޒާން އެފަދައިން ވިދާޅުވީ ޕްރޮސެކިއުޓަރ ޖެެނެރަލް ހުސެއިން ޝަމީމް މަޤާމުން ވަކިކުރުމަށާއި ކުށް ސާބިތު ނުވާ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުން، ނުވަތަ އާއްމު ބަހުރުވައިން ނަމަ ވާނުވާ ބަންދު އުވާލުމަށް ގޮވާލާ މަޖިލިސް ކައިރީގައި އާއްމުން ކުރި މުޒާހަރާގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަދައްކަމުންނެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އަޒާން މަޖިލިސް ކައިރީގައި ހުންނަވަނިކޮށް، މީގެ ކުރިން އަޒާން އަކީ ވެސް ވާނުވާ ބަންދާއި ދެކޮޅަށް އަޑު އުފުލި މީހެއް ކަމަށާއި މިއަދު މަޖިލީހުގައި އެކަމަށް ވަކާލާތު ނުކުރައްވަނީ ކީއްވެތޯ ސުވާލުކޮށްފައެވެ. މީގެ އިތުރުން ޕީޖީ ޝަމީމް ވަކިކުރަން ގޮވާލި ފަރާތްތަކުން އައީ މިހާރުގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޝަމީމް އާއި ދެމެދު ގޮތް ނޭނގޭ ޑީލްތަކެއް ހަދާފައިވާ ކަމަށް ތުހުމަތުކުރަމުންނެވެ. އެކަމާއި ގުޅޭގޮތުން މެމްބަރު އަޒާން އާއި މުޒާހަރާގެ ބައިވެރިން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެފަދަ މައުލޫމާތެއް އެނގިވަޑައިގަންނަވާފައި ނެތް ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދެކެވޭ ހުރިހާ ވާހަކައަކީ ތެދެއް ނޫން ކަމަށް ފާހަގަކުރައްވާ އަޒާން ވިދާޅުވީ އެ ސުވާލަށް ޖަވާބު ދިނުމަށް އެންމެ ރަނގަޅު ބޭފުޅަކީ އޭނާ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

ތިއީކީ އަޅުގަނޑަކަށް އެނގިފައި އޮތް ކަމެއް ނޫން ތިފަދަ ކަމެއް ހިނގާފައި އޮތް ކަމަށް. ވާނުވާ ކަންތަކުގަ، ވާނުވާ އުވާލުމަކީ ރައީސްގެ ވައުދުފުޅެއް. އާއްމުވެސް ކޮށްފަ އޮންނާނެ. އެ ދެން އޭޖީން ފޮނުވާނީ. އަޅުގަނޑުމެންނަކަށް އަސްލު ސީދާ އެހެން ދަންނަވާކަށް. އަޅުގަނޑު ބަލާލާފަ ޖަވާބެއް ދޭނަން އިނގޭތޯ. މިހާރުން މިހާރަށް ނޭނގޭނެ ނޫންތޯ؟
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫޤް

މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ މެމްބަރުންނާއި ބައްދަލުކުރުމަށް ޑިމާންޑްކޮށްފައެވެ. މުޒާހަރާގެ ބައިވެރިންނާއި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފްއެވެ. އޭނާ ވަނީ މުޒާހަރާގެ ބައިވެރިންނަށް މަޝްވަރާގެ މޭޒަށް އައުމަށް ދައުވަތުދެއްވާފައެވެ. އެ މުޒާހަރާގެ ބައިވެރިންގެ ޝަކުވާތަކާއި ގުޅުން ހުރި ކަންތައްތަކަކީ މިހާރުވެސް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ތެރޭގައި ވާހަކަދައްކަމުންދާ ކަންތައްތައް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތަކަށް އެދެވޭ ޖަވާބެއް ދެވޭނީ މަޝްވަރާގެ މަތިން ކަމަށް އިމްރާން ވިދާޅުވިއެވެ. މުޒާހަރާކުރުމަކީ އޭގެ ޒާތުގައި މައްސަލަ އެއް ނޫން ކަަމަށް ވީ ނަމަވެސް މުޒާހަރާގެ ބައިވެރިން ބޭނުންވާ ކަންކަމަކީ މަގުމަތިން ހައްލު ލިބޭނެ ޒާތުގެ ކަމެއް ކަމަށް ނުބެލެވޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

އަޅުގަނޑަށް ހިއެއް ނުވޭ މިއީ މަގުމަތިން ހައްލުކުރެވޭ ޒާތުގެ ކަމެއް ހެން. މުޒާހަރާ ނުކުރާޝެކޭ ނޫން. އެހެންނަމަވެސް މޭޒުދޮށަށް އައިސް މަޝްވަރާކުރުން އަޅުގަނޑަށް ވަރަށް ރަނގަޅު.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފް

ޕީއެންސީގެ ވެރިކަމެއްގައި ޝަރުއީ ނިޒާމަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ވާނުވާ ބަންދު އުވާލާނެ ކަމަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވައުދުވެވަޑައިގަންނަވާފައެވެ. ތ. ތިމަރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވަނީވީ ވާނުވާ ނޭނގުމުގެ ތެރޭގައި އެތައް އަހަރެއް ބަންދުގައި ހުންނަން ޖެހުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މީހަކާމެދު ގޮތެއް ނުނިންމައި ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 48 ގަޑިއިރު ވަންދެން ކަމަށެވެ.

ހޯމަ ދުވަހު އާއްމުން މުޒާހަރާކޮށްފައި ވަނީ އެ ވައުދު ފުއްދަން މަސައްކަތް ނުކުރާ ކަމަށް ބުނެއެވެ. މުޒާހަރާގެ ބައިވެރިން ވަނީ ވާނުވާ ބަންދަކީ އަނިޔާ އެއް ކަމަށާއި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ބުނެފައެވެ. އަދި އެ ވައުދު ނުފުއްދާ ނަމަ މުޒާހަރާތައް ކުރިއަށް އޮތްތާގަވެސް ކުރާނެ ކަަމަށާއި ދެން މުޒާހަރާކުރާނީ އެއްވާ މީހުންގެ އަދަދު އިތުރުކޮށްގެން ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. 11:30ގައި ފެށި އެ މުޒާހަރާ ނިންމާލީ މެންދުރު ނަމާދު ބަންގިވަގުތަށެވެ. ޖަލުގައި ލިބޭ އަނިޔާ އާއި ދެކޮޅަށް ވެސް އެ މުޒާހަރާގައި ވަނީ އަޑު އުފުލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް