ފްރާންސް ލީގުގައި މިރޭ ޓްރޮޔެސްއާ ދެކޮޅަށް ނީސް ކުޅޭ މެޗުގައި އެޓީމުގެ އިތުބާރު ފޯވާޑް އަދި ނިމiގެން ދިޔަ ސީޒަނުގައި އެޓީމަށް އެންމެ ގިން ގޯލް ޖަހާދިން މާރިއޯ ބަލޮޓެލީއަށް ނުކުޅެވޭނެ ކަމަށް ނީސް އިން ހާމަކޮށްފިއެވެ.
ފްރާންސް ލީގުގެ އާ ސީޒަން މިހާރު ފެށިފައިވާއިރު މިރޭގެ މެޗަކީ މި ފަހަރުގެ މި ސީޒަންގައި ނީސް ކުޅޭ ފުރަތަމަ މެޗެވެ. މިރޭގެ މެޗުގައި ބަލޮޓެލީއަށް ނުކުޅެވޭނެކަން ހާމަކޮށްފައި ވަނީ ނީސްގެ ރަސްމީ ވެބްސައިޓުގައެވެ. ނީސްއިން ވަނީ މިރޭގެ މެޗަށް އެޓީމުން ނެރޭ ސްކޮޑުގެ ކުޅޫންތެރިން އިއުލާނުކޮށްފައެވެ.
އެޓީމުން އިއުލާން ކުރި ފުލް އެގާރައިގައި ބަލޮޓެލީ ނުހިމަނައި ވަނީ އަނިޔާގެ ސަބަބުން ކަމުގައި ވެސް ވަނީ ބުނެފައެވެ.
ބަލޮޓެލީއަށް އަނިޔާވެފައި ވަނީ ބޭއްވި ފަރިތަކުރުންތަކުގައި މިދިޔަ ހަފްތާގެ ބުދަދުވަގައެވެ. އޭނާގެ މިއަނިޔާގެ ސީރިއަސްކަމާ މެދު ވާހަދައްކާފައި ނުވި ނަމަވެސް މަދުވެގެން ތިން މެޗު ބަލޮޓެލީއަށް ގެއްލޭނެ ކަމަށް ނީސްގެ ކޯޗް ލޫސިއަން ފަވްރޭއާ ހަވާލާދީ ވެބްސައިޓުގައި ބުނެފައި ވެއެވެ.
މަދުވެެގެން 10 ދުވަހު ބަލޮޓެލީ ކުޅުމާއި ދުރުގައި ހުންނަންޖެހޭނެ ކަމަށާއި އެގޮތުން އަންނަ ހަފްތާގައި ނީސް ކުޅޭ ދެ މެޗު ވެސް އޭނާއަށް ގެއްލޭނެ ކަމަށް ބުނެފައި ވެއެވެ.
ބަލޮޓެލީ އަކީ ނިމިގެން ދިޔަ ސީޒަނުގައި ނީސްގެ ފޯވާޑް ލައިންގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ބަލޮޓެލީ ވަނީ ނިމިގެން ދިޔަ ސީޒަނުގައި ނީސްއަށް ކުޅެދިން 23 މެޗުގައި 15 ގޯލް ޖަހައިދީފައެވެ.
ޓްރޮޔެސްއާ ދެކޮޅަށް ނީސް މިރޭ ކުޅޭ މެޗުގައި ބަލޮޓެލީއަށް ނުކުޅެވުމަކީ އެޓީމަށް ލިބިގެންދާނެ ބޮޑު ހީނަރު ކަމެއް ކަމަށް ކުލަބުން ވަނީ ބުނެފައވެެ.
އުމުރުން 26 އަހަރުގެ ބަލޮޓެލީއަކީ މަޝްހޫރު ގިނަ ކުލަބުތަކަކަށް ކުރިން ކުޅެފައިވާ ތަޖުރިބާކާރު ފޯވާޑެކެވެ. އެގޮތުުން އޭނާ ވަނީ އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީ، ލިވަޕޫލް، އަދި އޭސީ މިލާން ފަދަ ޓީމުތަކަށް ކުޅެފައެވެ.